ކުރީގެ ރައީސް މުހައްމަދު ނަޝީދު
އިރާންގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް އިޝާރާތްކޮށް ކުރީގެ ރައީސް، މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކާ ގުޅިގެން އިރާނުން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު, ޑރ. އަލީރެޒާ ދިލްކޮޝް ނަޝީދުއަށް ވަރުގަދަ ސުވާލެއް އަމާޒު ކުރައްވައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އަލީރެޒާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެ ގައުމުގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކަކީ މޮސާޑު އަޑީގައި އޮވެގެން ހިންގުވާ ކަންތައްތަކެއް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި، އެ ހާލަތުގައި ނަޝީދު ހުންނެވީ ކޮން ފަޅިއެއްގައިތޯ އޭނާ ސުވާލު ކުރައްވާފައިވެ އެވެ.
"މި ހާލަތުގައި ތި ބޭފުޅާ ހުންނެވީ ކޮން ފަޅިއެއްގައިތޯ؟" އަލީރެޒާ ކުރެއްވި ޕޯސްޓުގައި ނަޝީދުއާ ސުވާލު ކުރައްވާފައިވެ އެވެ.
އިރާންގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް އިޝަރާތްކޮށް އެކްސްގައި ނަޝީދު އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިރާނުގެ ރައްޔިތުން މަގުތައް މައްޗަށް ނުކުމެ އަޑު އުފުލަމުން ދަނީ އެ މީހުންގެ އިންސާނީ ކަރާމާތް ހިމާޔަތް ކުރުމަށާއި އެތައް ދުވަހެއްވީ އަނިޔާވެރިކަމުން މިންޖުވުމަށް ކަމަށެވެ.
އަދި، އެއީ އަހަރުމެންގެ މުސްލިމު އަޚުންނާއި އުޚުތުން ކަމަށާއި އިރާނުގެ ސަރުކާރު ހިމާޔަތް ކުރުމުގެ ބަދަލުގައި މުޒާހަރާ ކުރަމުންދާ އިރާނުގެ އާންމުންނާއެކު ސާބިތު ވާންޖެހޭ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީދުގެ އެ ވާހަކައަށް ރައްދު ދެއްވައި އަލީރެޒާ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ އަހަރުގެ ޖޫން މަހު އިޒްރޭލާއި އިރާންއާ ދެމެދު ކުރެވުނު 12 ދުވަހުގެ ހަނގުރާމައިގައި އިރާންގެ ރައްޔިތުންނާއި އާންމުންގެ ގެދޮރަށް އަމާޒުކޮށް އެ ގައުމުގެ ސިޓީތަކަށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދިން ކަމަށެވެ.
އެ ހަމަލާތަކުގައި އާންމުންގެ ތެރެއިން 1000 އަކަށްވުރެ ގިނަ އަންހެނުންނާއި ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުން މަރުވި ކަމަށް އެ ޕޯސްޓުގައި އޭނާ ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment