ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ޓޯޑް: ޓީމުގެ ކުޅުންތެރިންނާއި ކޯޗިން ޓީމުން ވެސް މަސައްކަތް ކުރަނީ ތަށި ހޯދުމުގެ އަމާޒުގައި ކަމަށް ވަނީ ބުނެފައި.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
އަންނަ ބުދަ ދުވަހު ފަށާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަން މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ އަމާޒަކަށް ވެސް ވާނީ މުބާރާތުގެ ތަށި ހޯދުން ކަމަށް ގައުމީ ފުޓްސަލް ޓީމުގެ އެސިސްޓަންޓް ކޯޗު، މުހައްމަދު ފުހެއިދު (ޓޯޑް) ބުނެފި އެވެ.
ސާފް އިން މުޅިން އަލަށް ބާއްވާ ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޝަންގެ ކުޅުން މާދަމާ ފަށާއިރު، ފިރިހެން ޑިވިޝަން ފަށާނީ ޖެހިގެން އަންނަ ދުވަހުގަ އެވެ. މުބާރާތަށް ތައްޔާރުވާން، ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމުން ޑިސެމްބަރު މަހު އެއް ވަނަ ދުވަހު، ޕްރެކްޓިސް ފަށައި، މުބާރާތުގައި ވާދަކުރަން ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ދިޔައީ ޗައިނާގައި 10 ދުވަހުގެ ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކޮށްފަ އެވެ.
ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމުގެ ތަމްރީނުތައް ކުރިއަށްގެންދިޔައީ، އުޒްބެކިސްތާންގެ ތަޖުރިބާކާރު ކޯޗު، ފާރޫކް ޒަކީރޯވްއާ އެކު އެވެ. މުބާރާތަށް ކޯޗު ފާރޫކްއާ އެކު ތަމްރީންތައް ގެންދިއުމަށް ދިވެހި ފުޓްސަލް ކޯޗުން އަންނަނީ އެސިސްޓަންޓް ކޯޗުންގެ ގޮތުގައި މަަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން، އެއް ކޯޗަކީ ރާއްޖޭގެ ބޮޑެތި ފުޓްސަލް މުބާރާތްތަކުގައި، ޓީމުތަކާ އެކު ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ޓޯޑް އެވެ.
"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ޓޯޑު ބުނީ، މުޅިން އަލަށް ސާފް އިން ފުޓްސަލް މުބާރާތެއް ބޭއްވުމަކީ މި ސަރަހައްދަށް ކުރިއެރުމެއް ކަމަށެވެ .
"ފުޓްސަލް މުބާރާތެއް މި ހިސާބުގައި ކުޅެ، އެ ފޯރި އާއި ހުރިހާ ކަމެއް އޮންނާނެ ކަމަށް މި ފެންނަނީ،" މިދިޔަ އޭޝިއަން ފުޓްސަލް ކޮލިފައިންގައި ވެސް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތް ކުރި ޓޯޑް ބުންޏެވެ.
ގައުމީ ފުޓްސަލް ކޯޗު، ފާރޫކްގެ އެހީތެރިކަން ފިރިހެން ގައުމީ ޓީމާއި އަންހެން ގައުމީ ޓީމަށް ވެސް ލިބެ އެވެ. އަދި، ކޯޗު ފާރޫކްގެ ޓްރެއިނިންތައް ބަލަން ގިނަ ދިވެހި ފުޓްސަލް ކޯޗުން ވެސް ވަނީ ގޮސްފަ އެވެ. ޓޯޑް ބުނީ ގައުމީ ފުޓްސަލް ޓީމަށް އަލަށް ބިދޭސީ ކޯޗަކު އައުމުގެ ފައިދާ ގިނަގޮތްގޮތުން ކުރާ ކަމަށެެވެ.
"ޕްލޭޔަރުން (ކުޅުންތެރިން) އެކަންޏެއް ނޫން ކަންނޭނގެ އަހަރެމެން މަސައްކަތްކުރާ ކޯޗުންނަށް ވެސް ވަރަށް ވަރަށް ބައިވަރު ކަންތައްތަކެއް މި ދަސްވެގެން މި ދަނީ، ހަމަ ބައިވަރު އިލްމު ހަމަ ލިބެމުން މި ދަނީ އޭނަ (ކޯޗު ޒަކީރޯވް)ގެ ފަރާތުން، ހަމަ ވަރަށް ސަޕޯޓިވް، ވަރަށް ހެލްޕްފުލް އޭނަ،" ޓޯޑް ބުންޏެވެ.
ރާއްޖޭގައި ފުޓްސަލް ކުޅޭތާ ވަރަށް ގިނަ އަހަރުތަކެއް ވެފައިވާ ކަމަށާއި ފުޓްބޯޅަ ނޫނަސް ރަށްރަށުގައި އެކި ފުޓްސަލް މުބާރާތްތައް ފޯރިގަދަކޮށް ކުޅޭކަން ޓޯޑް ވަނީ ފާހަގަކޮށްފަ އެވެ. އަދި، މި ހުރިހާ ކަމަކަށް ބަލާއިރު، ރާއްޖެ އަކީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ގުނާނެ ސަބަބުތައް ވެސް ގިނަ ކަމަށް ޓޯޑް ބުނެފައިވެ އެވެ.
"އެހެންވީމަ، ރާއްޖެ ހަމަ ވާނެ މި މުބާރާތުގައި ފޭވަރިޓް ޓީމަށް. ދެން، ޕްލޭޔާ ވައިސްކޮށް ބަލާއިރު (ކުޅުންތެރިންނަށް ބަލާއިރު) މި ތިބީ ވަރަށް މެޗުއާ ވަރަށް މޮޅެތި ޕްލޭޔަރުންތަކެއް، ރަނގަޅު ބޭރު ކޯޗަކާ އެކު މަސައްކަތް ކުރާއިރު ހުރިހާ ޕްލޭޔަރުން އަދި މުޅި ޓީމުގެ އުންމީދަކީ ވެސް ހަމަ ތަށި މީގެ، އަހަރެމެން ހަމަ ރެޑީވާނީ އެ ކަމަށް،" ޓޯޑް ބުންޏެވެ.
ސާފް ފުޓްސަލް މުބާރާތް ކުރިއަށްދަނީ ލީގު ފޯމެޓަށެވެ. ރާއްޖޭން ކުޅޭ ފުރަތަަމަ މެޗުގައި މި މަހު 14 ވަނަ ދުވަހު ޕާކިސްތާނާ ބައްދަލުކުރާނެ އެވެ. ދެ ވަަަނަ މެޗުގައި މި މަހު 16 ވަނަ ދުވަހު ބަންގްލަދޭޝާ ކުޅުމަށް ފަހު، ތިން ވަނަ މެޗުގައި މި މަހު 20 ވަނަ ދުވަހު، އިންޑިއާއާ ކުޅޭނެ އެވެ. އަދި، ހަތަރު ވަނަ މެޗުގައި މި މަހު 22 ވަނަ ދުވަހު ނޭޕާލާ ކުޅުމަށް ފަހު، ފަސް ވަނަ މެޗުގައި މި މަހު 24 ވަނަ ދުވަހު، ބޫޓާނާ ކުޅުމަށް ފަހު، މުބާރާތުގައި ރާއްޖޭން ފަހު މެޗުގައި، މި މަހު 26 ވަަނަ ދުވަހު ބައްދަލުކުރާނީ، ސްރީ ލަންކާއާ އެވެ.
މި މުބާރާތަށް "އަދަދު ސްޕޯޓްސް" އިން ހާއްސަ ކަވަރޭޖެއް ގެނައުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދޭނީ، މުބާރާތް ކުރިއަށްދާ ތައިލެންޑުގެ ވެރިރަށް ބެންކޮކުންނެވެ.
Comment