6 ޖަނަވަރީ 2026 - 09:55 0
6 ޖަނަވަރީ 2026 - 09:55 0
ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޔޫބީލް (75 އަހަރު ފުރުން) ކުލަގަދަކޮށް ފާހަގަ ކުރުމަށް އެކުލަވާލި، "ޑައިމަންޑް ޖޫބިލީ ކޮމިޓީ" އިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަން އަހުމަދު މުބީންގެ ބަދަލުގައި ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ރައީސް، އަބްދުﷲ ޝަރީފް ހަމަޖައްސައިފި އެވެ.
އެފްއޭއެމް ހިންގާ ކޮމިޓީގެ އިއްޔެ ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ، މުބީންގެ ބަދަލުގައި، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު، ޝަރީފް، ޑައިމަންޑް ޖޫބިލީ ކޮމިޓީގެ ވައިސް ޗެއާމަނަކަށް އައްޔަނުކުރުމަށެވެ.
މުބީންގެ ބަދަލުގައި، އެފްއޭއެމް އިން ރާއްޖޭގެ ފުޓްބޯޅައިގެ މި ކޮމިޓީ އަށް ޝަރީފް އައްޔަނުކުރި ސަބަބެއް ހާމަކޮށްފައިނުވި ނަމަވެސް، އެނގިފައިވާ ގޮތުގައި، މި ފަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކަށް ފަހު، ރެފްރީންގެ ނިންމުމަށް މުބީންގެ ސޯޝަލް މީޑިއާގައި ފާޑުކިޔާފައިވާތީވެ، އެފްއޭއެމްގެ ސަމާލުކަމަށް އެކަން ވަނީ އަތުވެފަ އެވެ.
ޑައިމަންޑް ޖޫބިލީގެ ކޮމިޓީގައި ދެން، މެމްބަރުން ގޮތުގައި ތިބީ، ކްލަބް ވެލެންސިއާގެ ޗެއާމަން، އަބްދުﷲ އަޒްމީންގެ އިތުރުން، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު އެވެ.
އެފްއޭއެމް ހިންގާ ކޮމިޓީން އިއްޔެ ދެން ނިންމި ކަންތައްތަކަށް ބަލާއިރު، ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް ދެ މުބާރާތެއް މި އަހަރު ބާއްވަން ނިންމާފައިވެ އެވެ.
ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް ކަޕްގެ ނަމުގައި، ޖޫން 1-10 އަށް ސީނިއާ ގައުމީ ޓީމުތަކަށް ބާއްވާ މުބާރާތެއް އޮންނާނެ ކަމަށެވެ. އަދި، މި މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ސްރީ ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލަށް ދޭން ނިންމިއިރު، ލަންކާ އިން ވަނީ، އެ މުބާރާތުގައި ކުޅެން ނިންމިކަން އިއުލާނުކޮށްފަ އެވެ.
މީގެ އިތުރުން، އެފްއޭއެމް އިން ދެން ނިންމާފައިވަނީ، ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް ކަޕްގެ ނަމުގައި، ފެބްރުއަރީ މަހުގެ ތެރޭގައި، 19 އަހަރުން ދަށުގެ މުބާރާތެއް ބާއްވަން ނިންމައިފަ އެވެ. އެ ގޮތުން، 19 އަހަރުން ދަށުގެ މުބާރާތުގައި ދައުވަތު ދޭން ނިންމާފައިވަނީ، ސީއެޗްއެސްއީ މާލެ، ސީއެޗްއެސްއީ ހުޅުމާލެ، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، އަދ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަށެވެ.
ރާއްޖޭގެ އެއް ވަނަ ކުޅިވަރު ކަމަށްވާ ފުޓްބޯޅަ އަށް 50 އަހަރު ފުރުން ފާހަގަކުރަން، ރާއްޖޭގައި ބޭއްވި ފުރަތަމަ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތް ކުރިއަށްދިޔައީ، 2000 ވަނަ އަހަރު، ދިވެހި ފުޓްބޯޅައިގެ ރަން ޔޫބީލް ފާހަގަކުރުމަށެވެ. ގޯލްޑަން ޖޫބިލީގެ ނަމުގައި ކުޅުނު އެ މުބާރާތުގެ ފައިނަލުން ސްރީ ލަންކާ އަތުން ރާއްޖެ ބަލިވި އެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިދިޔަ އަހަރު ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި، ޑައިމަންޑް ޖޫބިލީގެ ލޯގޯ ވަނީ ލޯންޗްކޮށްފަ އެވެ. އަދި، ޑައިމަންޑް ޖޫބިލީގެ ހަރަކާތްތައް އެފްއޭއެމް އިން ވަނީ މުޅި ރާއްޖެ ޝާމިލްވާ ގޮތަށްކުރިއަށް ގެންދަން ނިންމައިފަ އެވެ.
Comment