Advertisement

ހުލާސާކޮށް އިއްޔެ: އެމްޑީޕީގެ ކެންޑިޑޭޓުންނަށް ޕީއެންސީން ބިރުދައްކައި ނުފޫޒު ފޯރުވާކަމުގެ ތުހުމަތު

6 ޖަނަވަރީ 2026 - 07:20 1

އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވާހަކަ ދައްކަނީ. -- ފޮޓޯ: އެމްޑީޕީ


ހުލާސާކޮށް އިއްޔެ: އެމްޑީޕީގެ ކެންޑިޑޭޓުންނަށް ޕީއެންސީން ބިރުދައްކައި ނުފޫޒު ފޯރުވާކަމުގެ ތުހުމަތު

6 ޖަނަވަރީ 2026 - 07:20 1

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވާދަކުރާ ކެންޑިޑޭޓުންނަށް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބިރު ދައްކައި ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު އެ ޕާޓީން ކޮށްފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ނުފޫޒު ފޯރުވުމުގެ ގޮތުން ބިރު ދެއްކުމުގެ އިތުރުން ވަޒީފާތައް ވެސް ހުށަހަޅަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އަޅުގަނޑުމެން ކެންޑިޑޭޓުން ގޮތުގައި ކަނޑައަޅާފައި ތިއްބަވާ ބޭފުޅުންނަށް އެބޭފުޅުން ޕީއެންސީގެ ފަރާތުން ވާހަކަ ދައްކަވައިގެން ހުއްޓުވަން މަސައްކަތް ކުރުން ނުވަތަ ވަޒީފާ ދިނުން ކަހަލަ، ބިރު ދެއްކުމުގެ މަސައްކަތްތައް ކުރަމުންދާކަން ވެސް،" އޭނާ ވިދާޅުވި އެވެ.

ޕީއެންސީން ބިރުދައްކައި އަމަލުކުރަމުންދާ ގޮތުގެ ސަބަބުން ބައެއް ދާއިރާތަކުގެ ކެންޑިޑޭޓުން ވެސް ބަދަލުކުރަން ޖެހުނުކަން ފާހަގަކުރައްވާ ބިގޭ ވިދާޅުވީ އެގޮތަށް މެދުވެރިވީ އެސްއޯއީތަކުގައި މަސައްކަތްކުރި ބައެއް އެމްޑީޕީ މެންބަރުންނަށް ވަޒީފާގެ ބިރު ދެއްކުމުން ކަމަށެވެ.

ނަމަވެސް ބިގޭ ވިދާޅުވީ ކެންޑިޑޭޓުންނަށް ކިތަންމެ ނުފޫޒެއް ފޯރުވިޔަސް ކައުންސިލް އިންތިހާބުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ޕާޓީން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ ސަރުކާރުން ކިތަންމެ ނުފޫޒެއް މި އިންތިހާބުގެ ތެރެއަށް ފޯރުވަމުން ގެންދެވި ނަމަވެސް މި އިންތިހާބުގައި އަޅުގަނޑުމެން ރަނގަޅު ނަތީޖާއަކާގެން އިންތިހާބު ނިމިގެންދާ މިންވަރަށް މަސައްކަތް ކުރުން،" އޭނާ ވިދާޅުވި އެވެ.

އިންތިހާބާ ބެހޭ ކޮމިޓީގެ އަމާޒަކީ އެމްޑީޕީން ބާއްވާ ޕްރައިމަރީއަކީ އިންސާފުވެރިކަމާއެކީ ބާއްވާ ޕްރައިމަރީއަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތަށް އެކަން ހިނގާނެ ކަމުގެ ޔަގީންކަން ވެސް ހުރިހާ ކެންޑިޑޭޓުންނަށް އެ ކޮމިޓީން ދިނެވެ.

ކައުންސިލް އިންތިހާބަށް އެމްޑީޕީން ބާއްވާ ޕްރައިމަރީ އޮތީ ޖެނުއަރީ 16، ގަ އެވެ. އެ ދުވަހު ވޯޓުލުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މެންދުރު 14:30 އިން ރޭގނަޑު 20:00 އަށެވެ.

މުހިއްމު ބައެެއް ހަބަރު