Advertisement

ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް ދެ މުބާރާތް ރާއްޖޭގައި ބާއްވާނެ

5 ޖަނަވަރީ 2026 - 19:27 0


ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް ދެ މުބާރާތް ރާއްޖޭގައި ބާއްވާނެ

5 ޖަނަވަރީ 2026 - 19:27 0

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި، ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް ދެ މުބާރާތެއް މި އަހަރު ބާއްވަން ނިންމާފައިވާ ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.

އެފްއޭއެމް އިން މިއަދު ބޭއްވި ހިންގާ ކޮމިޓީގެ ބައްދަލުުވުމުގައި ނިންމުނު ކަންކަން ހިއްސާކުރުމަށް ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް ކަޕްގެ ނަމުގައި، ޖޫން 1-10 އަށް ސީނިއާ ގައުމީ ޓީމުތަކަށް ބާއްވާ މުބާރާތެއް އޮންނާނެ ކަމަށެވެ. އަދި، މި މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ސްރީ ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލަށް ދޭން ނިންމިއިރު، ލަންކާ އިން ވަނީ، އެ މުބާރާތުގައި ކުޅެން ނިންމިކަން އިއުލާނުކޮށްފަ އެވެ.

މީގެ އިތުރުން، އެފްއޭއެމް އިން ދެން ނިންމާފައިވަނީ، ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް ކަޕްގެ ނަމުގައި، ފެބްރުއަރީ މަހުގެ ތެރޭގައި، 19 އަހަރުން ދަށުގެ މުބާރާތެއް ބާއްވަން ނިންމައިފަ އެވެ. އެ ގޮތުން، 19 އަހަރުން ދަށުގެ މުބާރާތުގައި ދައުވަތު ދޭން ނިންމާފައިވަނީ، ސީއެޗްއެސްއީ މާލެ، ސީއެޗްއެސްއީ ހުޅުމާލެ، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، އަދ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަށެވެ.

ރާއްޖޭގެ އެއް ވަނަ ކުޅިވަރު ކަމަށްވާ ފުޓްބޯޅަ އަށް 50 އަހަރު ފުރުން ފާހަގަކުރަން، ރާއްޖޭގައި ބޭއްވި ފުރަތަމަ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތް ކުރިއަށްދިޔައީ، 2000 ވަނަ އަހަރު، ދިވެހި ފުޓްބޯޅައިގެ ރަން ޔޫބީލް ފާހަގަކުރުމަށެވެ. ގޯލްޑަން ޖޫބިލީގެ ނަމުގައި ކުޅުނު އެ މުބާރާތުގެ ފައިނަލުން ސްރީ ލަންކާ އަތުން ރާއްޖެ ބަލިވި އެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިދިޔަ އަހަރު ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި، ޑައިމަންޑް ޖޫބިލީގެ ލޯގޯ ވަނީ ލޯންޗްކޮށްފަ އެވެ.

އެފްއޭއެމްގެ ކޮންގްރެސް މި އަހަރު ބާއްވާނީ، މާޗް ހަތް ވަނަ ދުވަހު އެވެ.