Advertisement

ދެ އިންތިހާބު އެއްކޮށްލަން ނަޝީދުގެ ތާއީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމަކީ ރަނގަޅު ގޮތެއް ކަމަށް ---- ފޮޓޯ: އަދަދު


ދެ އިންތިހާބު އެއްކޮށްލަން ނަޝީދުގެ ތާއީދު

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކީގައި ބޭއްވުން އެއީ ރަނގަޅު ގޮތެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ދެ އިންތިހާބު އެއްކޮށްލުމަށާއި އެކަމަށް ދައުރު ފެއްތުމުގެ ގޮތުން މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްލަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައި ވަނިކޮށެވެ.

ގާނޫނުއަސާސީ ބަދަލުކުރުމަށް ހުށަހަޅާފައިވާ ބިލު މިހާރު ވަނީ މަޖިލީހުގެ ދައުރުން ބޭރުން މާދަމާ ބާއްވާ ޖަލްސާއަށް އެޖެންޑާކޮށްފަ އެވެ. ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އެވެ.

މި ބިލުގައި ބުނެފައިވަނީ މީގެ ފަހުން މަޖިލިސް މެންބަރުން ހޮވަން ބާއްވާ އިންތިހާބު ބާއްވަން ޖެހޭނީ ރައީސުލްޖުމްހުރިއްޔާއަކު ހޮވަން ބާއްވާ ރިޔާސީ އިންތިހާބާއެކު ކަމަށެވެ.

މި ގޮތަށް މަޖިލީހުގެ ދައުރު ފެއްތުމަށް މީގެ ފަހުން އަލަށް ހޮވާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭ ތާރީހު ޑިސެމްބަރު 1، އަށް ބަދަލުކުރަން މި ބިލުގައި ހިމަނާފައިވެ އެވެ. މިއާއެކު މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ހަ މަސް މަދުވާނެ އެވެ.

ވިހި ވަނަ މަޖިލީހުގެ އުމުރު މި ބަދަލު އައިސްފިނަމަ ހަމަވާނީ ޑިސެމްބަރު 1، 2028، އަށެވެ. އެ ދުވަހުގެ ކުރިން އައު މަޖިލީހުގެ އިދާރީ ކަންކަން ފުރިހަމަކުރަން ވެސް ޖެހޭނެ އެވެ.

މަޖިލީހުން މި ބިލު ފާސްކޮށް ތަސްދީގުކުރަން ފޮނުވުމުން މިކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައީސް މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފަ އެވެ. ބިލު ތަސްދީގުވާނީ ރައްޔިތުންގެ އަގުލަބިއްޔަތު ލިބިގެންނެވެ.

މިހާރު އޮތް ގޮތަށް ބިލު ފާސްވެއްޖެނަމަ 2028 ވަނަ އަހަރުގެ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އޮންނާނީ އެއްކޮށެވެ. އެ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން މިހާތަނަށް ކަށަވަރުވެފައިވާ ހަމައެކަނި ކެންޑިޑޭޓަކީ މުއިއްޒު އެވެ.

ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރަސްމީކޮށް ވަކި ގޮތެއް އެމްޑީޕީން ނިންމާފައި ނުވެ އެވެ. މިހާރު އެނބުރި އެމްޑީޕީއަށް ވަޑައިގެން ހުންނެވި ނަޝީދު މިއަދު ކުރެއްވި ޕޯސްޓަކީ މިކަމުގައި އެމްޑީޕީ އިސް ބޭފުޅަކު ފާޅުގައި ހިޔާލު ފާޅުކުރެއްވި ފުރަތަމަ ފަހަރެވެ.

ނަޝީދަކީ ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރަސީ އައި ފަހުން ރައީސުލްޖުމްހުރިއްޔާ ކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަކަން ކުރައްވާފައިވާ ހަމައެކަނި ބޭފުޅާ އެވެ.