Advertisement

20 ވަނަ މަޖިލީހުގެ ދައުރު ކުރުކޮށް، މަޖިލިސް އަދި ރިޔާސީ އިންތިހާބު އެއްކޮށްލަން ސަރުކާރުން ހުށަޅައިފި

ރައީސް މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ އަބްދުއްރަހީމް އާއި އެކު: ބޮޑު ދެ އިންތިހާބު އެއްކޮށްލަން ސަރުކާރުން މިހާރު ވަނީ ހުށަހާޅާފަ ---- ފޮޓޯ: އަދަދު


20 ވަނަ މަޖިލީހުގެ ދައުރު ކުރުކޮށް، މަޖިލިސް އަދި ރިޔާސީ އިންތިހާބު އެއްކޮށްލަން ސަރުކާރުން ހުށަޅައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފި އެވެ.

ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާފައިވާ މި ބިލުގައި ބުނެފައިވަނީ މީގެ ފަހުން މަޖިލިސް މެންބަރުން ހޮވަން ބާއްވާ އިންތިހާބު ބާއްވަން ޖެހޭނީ ރައީސުލްޖުމްހުރިއްޔާއަކު ހޮވަން ބާއްވާ ރިޔާސީ އިންތިހާބާއެކު ކަމަށެވެ.

މި ގޮތަށް މަޖިލީހުގެ ދައުރު ފެއްތުމަށް މީގެ ފަހުން އަލަށް ހޮވާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭ ތާރީހު ޑިސެމްބަރު 1، އަށް ބަދަލުކުރަން މި ބިލުގައި ހިމަނާފައިވެ އެވެ. މިއާއެކު މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ހަ މަސް މަދުވާނެ އެވެ.

20 ވަނަ މަޖިލީހުގެ އުމުރު މި ބަދަލު އައިސްފިނަމަ ހަމަވާނީ ޑިސެމްބަރު 1، 2028، އަށެވެ. އެ ދުވަހުގެ ކުރިން އައު މަޖިލީހުގެ އިދާރީ ކަންކަން ފުރިހަމަކުރަން ވެސް ޖެހޭނެ އެވެ.

މި އިސްލާހު މިދިޔަ އަހަރުގެ ފަހު ދައުރުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ހުށަހަޅާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު އޮގަސްޓު މަހު ވިދާޅުވި އެވެ. ނަމަވެސް، މިދިޔަ އަހަރު މަޖިލީހުގެ މަސައްކަތްތައް ނިންމާލީ އެކަން ނުކުރެވި އެވެ.

މި މަސައްކަތް ކުރުމަށް ޕީއެންސީއިން ހުށަހަޅައިގެން މާދަމާ މަޖިލީހުގެ ދައުރުން ބޭރުގެ ޖަލްސާއެއް ބާއްވަން މިހާރު ވަނީ އެޖެންޑާކޮށްފަ އެވެ. ދެ އިންތިހާބު އެއްކޮށްލާ ބިލު މި ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ. ބެލެވޭ ގޮތުގައި މި ބިލު ފާސްކުރުމަށް މި މަސް ތެރޭ މަޖިލީހުގެ ދައުރުން ބޭރުން އިތުރު ޖަލްސާތަކެއް ބާއްވާނެ އެވެ.

ގާނޫނުއަސާސީ އަށް މި ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން ފާސްވެގެން ކަމަށް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. މި ބިލާއި ގުޅޭގޮތުން އަދަދު އާއި ވާހަކަދައްކަވަމުން ބަންޑާރަނައިބު އަހުމަދު އުޝާމް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާނީ މަޖިލީހުން ފާސްކޮށް ބިލު ތަސްދީގުކޮށް ފޮނުވުމުން ކަމަށެވެ.

އެ ހިސާބުން މުއިއްޒު އެ ބިލާއި ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނަގަން އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށާއި ރައްޔިތުންގެ ތާއީދު މިކަމަށް ނުލިބިއްޖެނަމަ ބިލު ބާތިލުވާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.

މިހާރު އޮތް ގޮތަށް ބިލު ފާސްވެއްޖެނަމަ 2028 ވަނަ އަހަރުގެ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އޮންނާނީ އެއްކޮށެވެ. އެ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން މިހާތަނަށް ކަށަވަރުވެފައިވާ ހަމައެކަނި ކެންޑިޑޭޓަކީ މުއިއްޒު އެވެ.

ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރަސްމީކޮށް ވަކި ގޮތެއް އެމްޑީޕީން ނިންމާފައި ނުވެ އެވެ. ބެލެވޭ ގޮތުގައި ރައީސް މުއިއްޒުގެ ހުށަހެޅުމަށް އެ ޕާޓީން ތާއީދެއް ނުކުރާނެ އެވެ.

އާންމުކޮށް ބާއްވާ އިންތިހާބުތައް ފިޔަވައި ރައްޔިތިންގެ ފެންނަ ނުފެންނަ ވޯޓެއްގެ ނަގައިގެން އެންމެ ފަހުން ކަމެއް ކަނޑައެޅީ ގާނޫނު އަސާސީގައި ވެރިކަން ހިންގާ ނިޒާމު ކަނޑައެޅުމަށެވެ.