Advertisement

މައްސަލަތަކެއް ޖެހި މަރެސްކާ ޗެލްސީގެ ކޯޗުކަން ދޫކޮށްލައިފި

about 2 hours 0


މައްސަލަތަކެއް ޖެހި މަރެސްކާ ޗެލްސީގެ ކޯޗުކަން ދޫކޮށްލައިފި

about 2 hours 0

ލަންޑަން (ޖެނުއަރީ 1) - ޗެލްސީގެ ލީޑަޝިޕުގެ ގިނަ ބަޔަކާ ޖެހުނު މައްސަލަތަކެއްގެ ސަބަބުން އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި އެންޒޯ މަރެސްކާ އަމިއްލަ އަށް މަގާމުން ވަކިވެއްޖެ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ޗެލްސީގެ ކޯޗުކަމާ މަރެސްކާ ހަވާލުވިއިރު، އެ އެއްބަސްވުން ހަމަވާން އޮތީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަަލަށެވެ. ޗެލްސީގެ ކޯޗަކަށް މަރެސްކާ ހުރި ފުރަތަމަ ސީޒަނުގައި އޭނާ ވަނީ އެ ޓީމަށް ޔޫރަޕްގެ ތިން ވަަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް ކޮންފަރެންސް ލީގާއި މުޅިން އަަލަށް ގިނަ ޓީމުތަކާ އެކު ކުޅޭ ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރިތާ ހަ މަސް ތެރޭ، ލެސްޓާ ސިޓީގެ ކުރީގެ ކޯޗު މަރެސްކާ އަށް ޗެލްސީގެ ކޯޗުކަން ގެއްލުނީ އެ ކްލަބްގެ ނަތީޖާތައް ގޯސްވުމަށް ވުރެން ބޮޑަށް އެ ކްލަބްގެ އެއް ހިއްސާދާރު، ބެހެދާދު އެގްބާލީއާ ދެމެދު ޖެހުނު މައްސަލަތަކާ ހެދި އެވެ. ޗެލްސީން ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވީ އެއް މެޗުންނެވެ. އަދި، ޑިސެމްބަރު މަހު ކުޅުނު ހަ މެޗުން ލިބުނީ ހަ ޕޮއިންޓެވެ. އެ ޓީމު މި ވަގުތު އޮތީ ލީގުގެ އެއް ވަަނައިގައި އޮތް އާސެނަލަށް ވުރެން 15 ޕޮއިންޓް ފަހަތުގަ އެވެ.

މަރެސްކާ އާއި ޗެލްސީގެ ސީނިއާ ބައެއް ފަރާތްތަކާ ގުޅުން ގޯސްކަން ފުރަތަމަ މީޑިއާ އަށް އެނގުނީ އެ ޓީމުން ޑިސެމްބަރު 13 ވަނަ ދުވަހު، އެވަޓަން އަތުން މޮޅުވި މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި މަރެސްކާ ދިން ޖަވާބެއްގެ ސަބަބުންނެވެ. މަރެސްކާ ބުނެފައިވަނީ، އެ ދުވަހު އެވަޓަންއާ ދެކޮޅަށް ކުޅުމުގެ ކުރިން ކުރިމަތިވީ ޗެލްސީ ކޯޗަކަށް ހުރެ އެންމެ ގޯސް 48 ގަޑިިއިރާ ކަމަށެވެ. މަރެސްކާ ބުނީ އެ ވަގުތުތަކުގެ ތެރޭގައި ގިނަ ބަޔަކު އެ ޓީމަށް ދޭން ޖެހޭ އެއްބާރުލުން ނުދޭ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެއީ އެގްބާލީ އާއި ޗެލްސީގެ ސްޕޯޓިން ޑިރެކްޓަރުން ކަމަށްވާ ޕޯލް ވިންސްޓޭންލީ އާއި ލޯރެންސް ސްޓެވާޓް އެވެ. މަރެސްކާ މަގާމުން ވަކިވުމަށް އެންމެ ބޮޑަށް ޕްރެޝަރު ކޮށްފައިވަނީ ވެސް އެގްބާލީ އާއި ސްޓެވާޓް އަދި ވިންސްޓޭންލީ ކަމަށް ވެސް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

މެންޗެސްޓާ ސިޓީގެ އެސިސްޓަންޓް ކޯޗަކަށް ކުރިން ހުރި މަރެސްކާ، ޗެލްސީއާ ހަވާލުވެ، 92 މެޗާ ކުރިިމަތިލިއިރު، 55 މެޗުން މޮޅުވި އެވެ. ޗެލްސީން އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ޓީމުން މަޝްވަރާކޮށްފައިވާ އެއް ނަމަކީ، ފްރާންސްގެ ސްޓްރާސްބޯގެ ކޯޗަކަށް ހުރި ލިއަމް ރޮސެނިއާ އެވެ.

ޗެލްސީ އަށް އެންމެ އަވަހަށް އޮތް މެޗަކީ އާދިއްތަ ދުވަހުގެރޭ ސިޓީއާ ކުޅެން އޮތް މެޗެވެ.