Advertisement

އެނބުރި ޕްރިމިއާ ލީގަށް ދާން މެކްޓޮމިނޭ އަށް އޮފާތަކެއް

about 2 hours 0


އެނބުރި ޕްރިމިއާ ލީގަށް ދާން މެކްޓޮމިނޭ އަށް އޮފާތަކެއް

about 2 hours 0

ނޭޕްލްސް، އިޓަލީ (ޑިސެމްބަރު 28) - އިޓަލީގެ ނަޕޯލީ އަށް ކުޅެމުން އަންނަ ސްކޮޓްލެންޑް ގައުމީ ޓީމުގެ މިޑްފީލްޑަރު، ސްކޮޓް މެކްޓޮމިނޭ އަށް އިނގިރޭސި ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކެއް ހުށަހެޅުން ލިބެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނަޕޯލީން މިދިޔަ އަހަރު މެކްޓޮމިނޭ، 29، ގަތީ މެންޗެސްޓާ ޔުނައިޓެޑަށް 30 މިލިއަން ޑޮލަރު ދޭ ގޮތަށެވެ. ނަޕޯލީއާ އެކު، 2028 ވަނަ އަހަރުގެ ޖުލައި މަހާ ހަމައަށް ކޮންޓްރެކްޓް ހަދާފައި އޮތް މެކްޓޮމިނޭ، އެ ކްލަބްގައި ހޭދަކުރި ދޮޅު އަަހަރު ތެރޭ ވަނީ އިޓާލިއަން ލީގާއި ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ.

މިދިޔަ ސީޒަނުގެ އިޓާލިއަން ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މެކްޓޮމިނޭ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

ނަޕޯލީ އަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަންނަން އާ އިންވެސްޓަރުންތަކެއް ހޯދަން އެ ކްލަބުން މަސައްކަތް ކުރަމުން އަންނައިރު، އެ ޓީމުގެ ހާލަތުގެ ގޮތުން، މިދިޔަ އަަހަރުތަކުގެ ޓްރާންސްފާ މާކެޓްގައި ވެސް ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ދޫކޮށްލަން ޖެހުނެވެ. އެ ގޮތުން، މި ސީޒަން ނިންމާފައި، މެކްޓޮމިނޭ ދޫކޮށްލަން ޖެހުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ޔުނައިޓެޑްގައި ޔޫތު ކެރިއަރާއި ސީނިއާ ކެރިއަރުގެ ބޮޑުބައި ހޭދަކުރި މެކްޓޮމިނޭ އަށް ނިއުކާސަލް ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް އަދި މެންޗެސްޓާ ސިޓީން ވެސް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި، މެކްޓޮމިނޭ ވަނީ 23 މެޗުން ފަސް ލަނޑު ޖަހައިފަ އެވެ. ނަޕޯލީއާ ގުޅުނު ފަހުން، ކުޅުނު 59 މެޗުން 18 ލަނޑު ޖެހި އެވެ. ޔުނައިޓެޑަށް މީގެ ކުރިން ކުޅެދިން 255 މެޗުން ޖެހުނީ، 29 ލަނޑެވެ.