about 2 hours 0
އަމަން ހަލީމް
ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް: މި ސަރުކާރުގެ ފައިނޭންސިންއަށް މުޅިންހެން ބަރޯސާވަނީ އެތެރޭގެ ބާޒާރަށް --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
about 2 hours 0
ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވެ، ޓީބިލުތަކާއި ބޮންޑުތަކަށް ދައްކަން ޖެހޭ އަދަދު ދެ އަހަރުގެ ތެރޭގައި 19 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސުން އާންމުކޮށްފައި ހުރި ތަފާސްހިސާބުތަކަށް ބަލާއިރު، ބޭރުގެ ފަރާތްތަކުން ލިބޭ ފައިސާ ވަރަށް ބޮޑަށް މަޑުޖެހި، މުޅިން ކަހަލަ ގޮތަކަށް ފައިސާ ހަމަޖައްސަމުން ދަނީ އެތެރޭގެ ބާޒާރުންނެވެ.
އެ ގޮތުން މި ހިނގާ ޑިސެމްބަރު މަސް ފެށުނުއިރު އެތެރޭގެ ދަރަނީގެ ޖުމްލަ 87.4 ބިލިއަން ރުފިޔާގައި ހުރިއިރު، ދެ އަހަރު ކުރިން މި އަަދަދު ހުރީ 68.1 ބިލިއަން ރުފިޔާގަ އެވެ.
އެތެރޭގެ ދަރަނި އިތުރުވަމުން އަންނަ ގޮތަށް ބަލާއިރު، ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރި ބޭންކުތަކާއި، އެހެނިހެން މާލީ އިދާރާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބަރޯސާވާ މިންވަރު އިތުރުވަމުން އަންނަ ކަން ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ހަރަދުތައް ފޫބައްދަން އެތެރޭގެ ބާޒާރުން ނަގާ ދަރަނި އިތުރުވަމުން އަންނައިރު، މިއާ ގުޅިގެން އަހަރު އެތެރޭގެ އިންޓްރެސްޓު ދެއްކުމަށް ހިނގާ ހަރަދުތައް ވެސް ވަރަށް ބޮޑަށް އިތުރުވަމުން އަންނަކަން ފާހަގަކުރެވެ އެވެ. އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަށް ބަލާއިރު، އެތެރޭގެ ދަރަނީގެ އިންޓްރެސްޓަށް ގާތްގަނޑަކަށް 3.5 ބިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ.
ދެ އަހަރުގެ ތެރޭގައި އެތެރޭގެ ދަރަނި އިތުރުވި ވަރު
ދައުލަތުގެ ދަރަނި ޕޯޓްފޯލިއޯއަށް ބަލާއިރު، ޖުމްލަ ދަރަނީގެ ގާތްގަނޑަކަށް 60 ޕަސެންޓަކީ އެތެރޭގެ ދަަރަންޏެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ސަރުކާރުން ފައިނޭންސް ކުރަން ރާވާ ގޮތަށް ބަލާއިރު ވެސް، އެތެރޭގެ ބާޒާރަށް ދަރާފައިވާ އަދަދު ދަށަށްދާ ތަނެއް ނުފެ އެވެ.
އަންނަ އަހަރުގެ ބަޖެޓުން ވެސް ފެންނަނީ މި މަންޒަރެވެ. އަންނަ އަހަރުގެ 64.2 ބިލިއަން ރުފިޔާގެ ބަޖެޓަށް ފައިނޭންސް ކުރަން ޖެހޭ 26.2 ބިލިއަން ރުފިޔާގެ ތެރެއިން، 5.1 ބިލިއަން ރުފިޔާ ހޯދަނީ އެތެރޭގެ ބާޒާރުންނެވެ. މިއާ އެކީ، އަންނަ އަހަރު ނިމޭއިރު އެތެރޭގެ ދަރަނި ހުންނާނީ، ފިނޭންސުން ލަފާ ކުރާ ގޮތުގައި، 92.9 ބިލިއަން ރުފިޔާގަ އެވެ.
މިހެން ނަމަވެސް، މި އަހަރާއި މިދިޔަ އަހަރު ވެސް، ބަޖެޓު ކުރި ވަރަށް ވުރެ ގިނައިން އެތެރޭގެ ސެކިއުރިޓީސް ވިއްކައިގެން ސަރުކާރުން ވަނީ ފައިސާ ހޯދާފަ އެވެ. އަންނަ އަހަރު ވެސް މި ހާލާތު ތަކުރާރު ވުމުގެ ފުރުސަތު ބޮޑެވެ.
އެތެރޭގެ ބާޒާރުގެ ދަރަނި މިހާރު އިތުރުވަމުން އަންނަ ރޭޓުގައި އިތުރުވަމުން އަންނަ ނަމަ 2028 ގައި މި ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން އެތެރޭގެ ދަރަނި 100 ބިލިއަން ރުފިޔާއަށް އެރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
އެތެރޭގެ ދަރަނި އިތުރުވަމުން އަންނަ އެންމެ މައިގަނޑު ސަބަބަކީ މި އަހަރާއި ކުރީ އަހަރު ވެސް ސަރުކާރުން ރޭވި ގޮތަށް ބޭރުން ފައިސާ ހަމަނުޖެއްސުމެވެ.
Comment