Advertisement

ފްރާންސްގެ އިސްތިއުމާރީ ވެރިކަމަކީ "ޖަރީމާއެއް" ކަމަށް ކަނޑައަޅައި އަލްޖީރިއާއިން ބިލެއް ފާސްކޮށްފި

about 2 hours 0

އަލްޖީރިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން


ފްރާންސްގެ އިސްތިއުމާރީ ވެރިކަމަކީ "ޖަރީމާއެއް" ކަމަށް ކަނޑައަޅައި އަލްޖީރިއާއިން ބިލެއް ފާސްކޮށްފި

about 2 hours 0

ފްރާންސުން އަލްޖީރިއާގައި ހިންގި އިސްތިއުމާރީ ވެރިކަމަކީ "ޖަރީމާއެއް" ކަމަށް ކަނޑައަޅާ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ބުދަ ދުވަހު ބިލެއް ފާސްކޮށްފި އެވެ.

މެންބަރުންގެ އިއްތިފާގުން ފާސްކުރި މި ތާރީހީ ނިންމުމާ އެކު، އިސްތިއުމާރީ ދުވަސްވަރު ހިންގި ލާއިންސާނީ އަމަލުތަކަށް ފްރާންސުން ރަސްމީކޮށް މާފަށް އެދުމަށާއި، ލިބުނު ގެއްލުންތަކުގެ ބަދަލު ދިނުމަށް އަލްޖީރިއާއިން ވަނީ ރަސްމީކޮށް ގޮވާލައިފަ އެވެ.

މި ގާނޫނުގެ ދަށުން، ފްރާންސްގެ އިސްތިއުމާރީ މާޒީގައި ހިންގާފައިވާ ކަންކަމުގެ ގާނޫނީ ޒިންމާ ފްރާންސުން އުފުލަންޖެހޭނެ ކަމަށް ކަނޑައަޅާފައިވެއެވެ.

އެގޮތުން ފްރާންސްގެ ވެރިކަމުގައި ހިންގި ނިއުކްލިއާ ޓެސްޓުތަކާއި، ޝަރީއަތަކާ ނުލާ މީހުން މެރުމާއި، ނަފްސާނީ އަދި ޖިސްމާނީ އަނިޔާކުރުމުގެ އިތުރުން ގައުމުގެ ވަސީލަތްތައް ފޭރުން ފަދަ އަމަލުތައް މި ބިލުގައި ކުށްވެރިކޮށްފައިވެ އެވެ.

އިސްތިއުމާރީ ވެރިކަމުގެ ސަބަބުން ލިބުނު މާއްދީ އަދި މައުނަވީ ގެއްލުންތަކަށް ފުރިހަމަ ބަދަލު ހޯދުމަކީ އަލްޖީރިއާގެ ރައްޔިތުންނަށް ލިބިގެންވާ އުނިނުކުރެވޭނެ ހައްގެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.

ފްރާންސުން އަލްޖީރިއާގައި 1830 އިން 1962 އަށް ކުރި އަނިޔާވެރި ވެރިކަމުގައި 1.5 މިލިއަން މީހުން މަރުވެފައިވާ ކަމަށް އަލްޖީރިއާއިން ބުނެއެވެ. ފްރާންސްގެ ރައީސް އެމަނުއަލް މެކްރޯން މީގެ ކުރިން އެ ވެރިކަމަކީ "އިންސާނިއްޔަތާ ހިލާފު ޖަރީމާއެއް" ކަމަށް ސިފަކުރެއްވި ނަމަވެސް، ރަސްމީކޮށް މާފަށް އެދުމަށް ވަނީ ތަކުރާރުކޮށް ދެކޮޅު ހައްދަވާފައެވެ.