Advertisement

'ކޯލް އޮފް ޑިއުޓީ' ގެ ކޯ-ކްރިއޭޓަ ޒަމްޕެލާ ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ

about 2 hours 0

"ކޯލް އޮފް ޑިއުޓީ" އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ވިންސް ޒަމްޕެލާ


'ކޯލް އޮފް ޑިއުޓީ' ގެ ކޯ-ކްރިއޭޓަ ޒަމްޕެލާ ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ

about 2 hours 0

ދުނިޔޭގެ އެންމެ މަގުބޫލު ވީޑިއޯ ގޭމް ސީރީޒް ކަމަށްވާ "ކޯލް އޮފް ޑިއުޓީ" އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ވިންސް ޒަމްޕެލާ، އެމެރިކާގެ ކެލިފޯނިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.

އުމުރުން 55 އަހަރުގެ ޒަމްޕެލާ މަރުވިކަން، އޭނާގެ ހިއްސާ އޮންނަ ގޭމް ސްޓޫޑިއޯ 'ރެސްޕޯން އެންޓަޓެއިންމަންޓް' ގެ ބެލެނިވެރި ކުންފުނި ކަމަށްވާ އިލެކްޓްރޯނިކް އާޓްސް (އީއޭ) އިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މި ހާދިސާ ހިނގީ އާދީއްތަ ދުވަހު ލޮސް އެންޖެލިސްގެ ހައިވޭއެއްގަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ޒަމްޕެލާ އާއެކު އިތުރު މީހަކު ދަތުރުކުރަމުންދިޔަ ފެރާރީ ކާރު، ކޮންޓްރޯލް ނުވެ ގޮސް ކޮންކްރީޓް ބެރިއަރެއްގައި ޖެހި، ކާރުގައި އަލިފާން ރޯވި އެވެ.

އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެކްސިޑެންޓްވުމާއެކު ކާރުގެ ޕެސެންޖާ ސީޓުގައި އިން މީހާ ކާރުން ބޭރަށް ވިއްސައިގެން ދިޔައިރު، ޑްރައިވަރު ވަނީ ކާރުގެ ތެރޭގައި ތާށިވެފައެވެ. މި ހާދިސާގައި ކާރުގައި ތިބި ދެމީހުން ވެސް ވަނީ މަރުވެފައެވެ. ނަމަވެސް ކާރު ދުއްވަން އިނީ ސީދާ ޒަމްޕެލާ ކަމެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.

ޒަމްޕެލާ އަކީ ވީޑިއޯ ގޭމް އިންޑަސްޓްރީގައި ނުފޫޒުގަދަ ޝަހުސިއްޔަތެކެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވެފައި ވަނީ 2003 ވަނަ އަހަރު ޖޭސަން ވެސްޓް އަދި ގްރާންޓް ކޮލިއާ އާ ގުޅިގެން "ކޯލް އޮފް ޑިއުޓީ" އުފެއްދުމުންނެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ހާދިސާތަކުގެ މައްޗަށް ބިނާކޮށް އުފެއްދި މި ގޭމް ސީރީޒްގެ 500 މިލިއަނަށްވުރެ ގިނަ ކޮޕީ ވިކިފައިވާއިރު، މިއީ އެންމެ ފައިދާ ބޮޑު ފްރެންޗައިޒެވެ. މީގެ އިތުރުން "މެޑަލް އޮފް އޮނަރ"، "ޓައިޓަންފޯލް" އަދި "އޭޕެކްސް ލެޖެންޑްސް" ފަދަ މަޝްހޫރު ގޭމްތައް ވުޖޫދަށް ގެނައުމުގައި ވެސް ޒަމްޕެލާގެ ދައުރު ބޮޑެވެ.

އޭނާ މަރުވިއިރު މަސައްކަތް ކުރަމުން ދިޔައީ ކޯލް އޮފް ޑިއުޓީގެ ވާދަވެރި ގޭމެއް ކަމަށްވާ "ބެޓްލްފީލްޑް 6" ގެ މަސައްކަތްތަކުގަ އެވެ.

ޒަމްޕެލާގެ ކުއްލި ވަކިވުމާ ގުޅިގެން އީއޭ އިން ބުނެފައިވަނީ މިއީ ހިޔާލަށް ވެސް ނުގެނެވޭ ފަދަ ބޮޑު ގެއްލުމެއް ކަމަށެވެ.

-------

ފޭސްބުކް، އެކްސް، އިންސްޓަގްރާމް އަދި ޓިކްޓޮކް އިން އަދަދު ނޫސް ފޮލޯ ކުރައްވާށެވެ. އަދި ހިއްސާ ކުރަން ބޭނުންވާ މައުލޫމާތެއް ނުވަތަ ހިޔާލެއް އޮތް ނަމަ، އީމެއިލުން ނުވަތަ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކޮށް ދެއްވާށެވެ.