Advertisement

މާލޭގެ ގަސްތައް ކަނޑަނީ ސަރުކާރުންނޭ ބުނެ އާޒިމް ކަމުން ރެކިގަތުން ބަލައެއް ނުގަނެވޭ: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު، --- ފޮޓޯ: އަދަދު ފައިލް


މާލޭގެ ގަސްތައް ކަނޑަނީ ސަރުކާރުންނޭ ބުނެ އާޒިމް ކަމުން ރެކިގަތުން ބަލައެއް ނުގަނެވޭ: ނަޝީދު

ތަރައްގީގެ އެކި މަޝްރޫއުތަކަށް، ހާއްސަކޮށް މާލޭގެ މަގު ހެދުމުގެ މަޝްރޫއުތަކުގެ ބޭނުމަށް ގަސްތައް ކަނޑަނީ ސަރުކާރުން ކަމަށް ބުނެ އެކަމުން ރެކިގަތުން ބަލައިނުގަނެވޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މި ފަހުން ރަސްމީ ފާލަން ކައިރި ހުރި ގަސްތަކާއި މާލޭ ބާޒާރު މަތީގައި ހުރި ޒަމާންވީ ގަސްތައް ވަނީ ކަނޑާލާފަ އެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.

މިކަމާއި ގުޅިގެން ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ގަސްތައް ކަނޑަނީ ސަރުކާރުން ކަމަށް މޭޔަރު ވިދާޅުވުމަކީ ކަމުން ރެކެން ދައްކާ ބަހަނާއެއް ކަމަށް ވަނީ ސިފަކުރައްވާފަ އެވެ.

"މާލޭގެ ގަސްތައް ކަނޑާލަނީ ސަރުކާރުން ކަމަށް ވިދާޅުވެ މާލޭ މޭޔަރު ކަމުން ރެކިވަޑައިގަނެ، ހިތުހުރި ގޮތަކަށް ސަރުކާރުން ކަންކުރަން ދޫކޮށް ލެވުމީ ބަލައިގަނެވޭނެ ކަމެއް ނޫން،" ނަޝީދު ލިޔުއްވާފައިވެ އެވެ.

މިކަމާއި ގުޅޭގޮތުން އަދަދުއާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއަކީ ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

މި މަޝްރޫއާއި ގުޅިގެން އެމްޓީސީސީ އިން ކައުންސިލާ ބައްދަލުކުރުމުން އީއައިއޭ ގައި ކަން ކުރަން އަންގާފައި ހުރި ގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް އެދުނު ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. އާންމުކޮށް އޮންނަނީ ކަނޑާ ކޮންމެ ގަހަކަށް ދެ ގަސް އިންދުން ކަމަށް ވިދާޅުވި އެވެ.

ގަސް ކެނޑުމާއި މި ނޫން ވެސް ތިމާވެށްޓަށް ގެއްލުން ދެނެވި ގޮތަށް ހިންގާ އެކި އަމަލުތަކާއި ދެކޮޅަށް ނަޝީދު އަބަދުވެސް ފާޅުގައި ނުރުހުން ފާޅުކޮށް އަޑު އުފުލަ އެވެ.

އެގޮތުން މިދިޔަ ސަރުކާރުން މާލޭގެ އަމީނީ މަގު ތަރައްގީ ކުރުމަށް އެ މަގުގައި ހުރި ޒަމާންވީ އޮފިއެލޭ ގަސްތައް ކަނޑަން ފެށުމުން އެކަން ހުއްޓުވުމަށް އެދި ނަޝީދު ކޯޓަށް ވެސް ވަޑައިގެންނެވި އެވެ. ނަމަވެސް ސިވިލް ކޯޓުން އެ މަޝްރޫއު ހުއްޓުވަން ވަގުތީ އަމުރެއް ނުދިނެވެ.

އަމީނީ މަގުގައި ހުރި ގަސްތައް ކެނޑުމާއި ދެކޮޅަށް ނަޝީދު އޭރު މަޖިލީހުގައި ވެސް ތަކުރާރުކޮށް ވާހަކަދެއްކެވި އެވެ. އެގޮތުން ސެޕްޓެމްބަރު 26، 2022 ގައި ބޭއްވި މަޖިލީހުގެ ފަށްޓަވަމުން، ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ އަމީނީ މަގުގައި ހުރި ގަސްތައް ކަނޑާތީ އެކަމުގެ ކަންބޮޑުވުން މަޖިލީހުގެ ސަމާލުކަމަށް މީގެ ކުރިން ވެސް ގެންނަވާފައިވާނެ ކަމަށެވެ.

އެކަމުގައި އެ ނޫން ގޮތެއް ހޯދުމަށް ސަރުކާރާއި އެ މަސައްކަތް ކުރަމުންދާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އިން ދެވަނަ ވިސްނުމަކަށް ދިޔުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.