Advertisement

ޓެޑީ ބެއާއެއް ތެރެއަށް އަޅައިގެން ވަންދޫއަށް ޑްރަގު އެތެރެކުރަން އުޅުނު ފުލުހަކު ހައްޔަރުކޮށްފި


ޓެޑީ ބެއާއެއް ތެރެއަށް އަޅައިގެން ވަންދޫއަށް ޑްރަގު އެތެރެކުރަން އުޅުނު ފުލުހަކު ހައްޔަރުކޮށްފި

ބެއާއެއް ތެރެއަށް އަޅައިގެން ތ. ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފުލުހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ފުލުހެއް ކަމަށްވާ ތ. ހިރިލަންދޫ، ދިލާސާގެ، މުހައްމަދު ނަވާޒު، 25، ކަމަށެވެ.

ނަވާޒް ހައްޔަރުކުރުމަށްފަހު އޭނާގެ ހަށިގަނޑާއި ގެންގުޅުނު ތަކެތި ފުލުހުން ބަލައިފާސްކުރި އެވެ.

މަސްތުވާތަކެތި ފެނުނީ އޭނާގެ އަތުގައި އޮތް ބެއާއެއް ފަހާފައި ހުރިކަން ފާހަގަވެގެން އޭގެ އެތެރެ ބެލުމުންނެވެ. ބެއާގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވެ އެވެ. އެއީ ކޮން ބާވަތެއްގެ މަސްތުވާތަކެއްޗެއް ކަމެއް، އަދި އެ ތަކެތީގައި ހުރީ ކިހާ ބަރުދަނެއް ކަމެއް ފުލުހުން ނުބުނެ އެވެ.

މީގެ އިތުރުން، ފުލުހުން ބުނި ގޮތުގައި ހައްޔަރަށް ގެންގޮސް ނަވާޒުގެ ކުޑަކަމުދާތަކެތި ޓެސްޓުކުރުމުން މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފަ އެވެ.

މި މައްސަލަ އާއި ގުޅިގެން ނަވާޒު ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލައިގެ އިތުރުން ވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި އެ ތަކެތި ބޭނުންކުރުމުގެ މައްސަލަތަކުގައި ފުލުހުން ހައްޔަރުކުރުމުގެ މައްސަލަތަކެއް މި ފަހުން ވަނީ ފެންމަތިވެފަ އެވެ.