Advertisement

ހިއްކަން ފެށިތާ ދެ އަހަރު ފަހުން، ރަސްމާލެ ހިއްކަން ބޭނުންވާ ވަރަށް ވެލި ހޯދައިފި

ރަސްމާލެ ހިއްކަން ބޭނުންކުރަމުން އަންނަ "ކްރިސްޓޮބަލް ކޯލޮން" ޑްރެޖަރު: މިއީ ދުނިޔޭގެ އެންމެ ބޮޑު ޓްރެއިލާ ހޮޕާ ސަކްޝަން ޑްރެޖަރުތަކުގެ ތެރެއިން ޑްރެޖަރެއް --- ގްރެފިކްސް: އަދަދު


ހިއްކަން ފެށިތާ ދެ އަހަރު ފަހުން، ރަސްމާލެ ހިއްކަން ބޭނުންވާ ވަރަށް ވެލި ހޯދައިފި

ބޯހިޔާވަހިކަމުގެ މައްސަލައަށް ފުރިހަމަ ހައްލު ހޯދުމުގެ އަމާޒުގައި، ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރަމުން އަންނަ "ރަސްމާލެ" އަށް ބޭނުންވާ ބިން ހިއްކަން ފެށިތާ ދެ އަހަރު ފަހުން، ރަސްމާލޭގެ ހުރިހާ ސައިޓެއް ހިއްކަން ބޭނުންވާ ވަރަށް ވެލި ހޯދައިފި އެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށީ ޑިސެމްބަރު 18، 2023 ގަ އެވެ. އޭރު އެ މަސައްކަތް ފެށީ ވެސް ފަހުން އެހެން ސައިޓުތަކަށް ވެލި ހޯދާނެ ކަމަށް ބުނުމަށް ފަހު، ފުރަތަމަ ހިއްކި "ސައިޓު ޖޭ" އަށް ބޭނުންވާ ވަރަށް ވެލި ހޯދުމަށް ފަހުގަ އެވެ.

ފުށިދިއްގަރު ފަޅު ހިއްކުމުގެ އީއައިއޭ ރިޕޯޓުގައިވާ ގޮތުގައި، ރަސްމާލެއަށް ބޭނުންވާ 1009 ހެކްޓަރުގެ ބިން ހިއްކަން 41.2 މިލިއަން ކޮޑިމީޓަރުގެ ވެލި ބޭނުންވެ އެވެ. މިއީ އޮލިމްޕިކް ސައިޒުގެ 16،500 ސްވިމިން ޕޫލު ފުރާލެވޭހާ ނޫނީ 58،000 ފުޓުބޯޅަ ދަނޑު ފުރާލެވޭހާ ވެއްޔެވެ.

ރަސްމާލެ ހިއްކަން ބޭނުންވާ ވެލި ނަގަން، އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން ވަނީ، ދެކުނު މާލެ އަތޮޅުގެ އަށް ސަރަހައްދަކުން ވެލި ނެގުމުގެ ހުއްދަ ދޫކޮށްފަ އެވެ.

އެންމެ ފަހުގެ އީއައިއޭ ރިޕޯޓުގައި ބުނެފައި ވަނީ، ޑިސެމްބަރު މަސް ފެށުނު މި އަށް ސަރަހައްދުގެ ތެރެއިން ހަ ސަރަހައްދަކުން 11.2 މިލިއަން ކޮޑިމީޓަރުގެ ވެލި ނަގާފައިވާ ކަމަށެވެ. އަދި، އެއްވެސް ވަރަކަށް ވެލި ނަގަން ނުފަށާ ދެ ސަރަހައްދުގައި ހުރި ވެއްޔާ އެކީ މި ތަންތަނުގައި ބާކީ 37.3 މިލިއަން ކޮޑިމީޓަރުގެ ވެލި އެބަހުއްޓެވެ.

ވެލި ނެގޭ ސަރަހައްދުތަކަށް އިތުރުކުރަން ހުށަހަޅާފައިވާ ހަތަރު ސަރަހައްދުގައި 18.9 މިލިއަން ކޮޑިމީޓަރުގެ ވެލި ހުރިއިރު، މި ސަރަހައްދުތައް އިތުރުކުރަން ޖެހުނީ ހަތް މިލިއަން ކޮޑިމީޓަރުގެ ވެލި ބޭނުންވެގެންނެވެ. އެކަމަކު ކުރިން ހުއްދަ ދޫކުރި ސަރަހައްދުތަކުގައި ބާކީ ގިނަ ވެލި ހުރި ކަމަށް ރިޕޯޓުގައި ހުރި ތާވަލުތަކުން ދައްކާއިރު، ވެލި ނަގާ ސަރަހައްދުތައް އިތުރު ކުރަން ޖެހުނު ސަބަބެއް އީއައިއޭއިން ސާފެއް ނޫނެވެ.

މި ހަތް މިލިއަން ހަމަކުރަން ކުރިން ހުއްދަ ދިން ސަރަހައްދުތަކުގެ ތެރެއިން ވެލި ނުނަގާ އޮތް ދެ ސަރަހައްދު ވެސް ބޭނުންކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މިހާރު ބޭނުންނުކޮށް ހުރި ސަރަހައްދުތަކުގައި ހުރި ވެއްޔާއި ކުރިން ހުއްދަ ދޫކުރި ސަރަހައްދުތަކުގައި ހުންނާނެ ކަމަށް އަންދާޒާ ކުރާ ވެލި ހިމަނައިގެން 72.7 މިލިއަން ކޮޑިމީޓަރުގެ ވެލި މި ސަރަހައްދުތަކުގައި އެބަހުރި ކަމަށް އީއައިއޭ ރިޕޯޓުން ދައްކަ އެވެ.

ރަސްމާލެ ހިއްކަން ފެށިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މިހާތަނަށް އެއްކޮށް ހިއްކާ ނިމުނީ ކެޕިޓަލް މެރިން ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްގެން ހިއްކި ސައިޓު ޖޭ އެކަންޏެވެ.

އެ ފަހުން މިދިޔަ އަހަރުގެ ތެރޭގައި މޯހަން މުތާ އެކްސްޕޯޓުން ވަނީ އެ ކުންފުންޏާ ހަވާލުކުރި ހަތަރު ސައިޓުގެ ތެރެއިން ސައިޓު އެފް ހިއްކަން ފަށާފަ އެވެ. އަދި ޗައިނާގެ ދެ ކުންފުންޏާ ހަވާލުކުރި ތަންތަނުގެ ތެރެއިން ސައިޓު ސީ އާއި ސައިޓު އެލްގެ އިތުރުން ސައިޓު އޭ ވެސް އަންނަނީ ހިއްކަމުންނެވެ.

މި ޕްރޮޖެކްޓު ހިންގަމުން އަންނަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި މަހުގެ އަށް ވަނަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި، އެހާތަނަށް 215 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކާ ނިމިއްޖެ އެވެ. މިއީ ފަހުގެ ޕްލޭނުގައި ހިއްކަން ބުނި ބިމުގެ ސަރަހައްދުގެ 21 ޕަސެންޓެވެ.

އެޗްޑީސީން މި މައުލޫމާތު ހާމަކުރީ، ރަސްމާލެ ހިއްކުމުގެ މަސައްކަތަށް ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރު ތަކުގެ ތެރޭގައި ހިމެނޭ "ކްރިސްޓޮބަލް ކޯލޮން"، ރަސްމާލެ ހިއްކުމުގެ މަސައްކަތަށް ނެރުނު ފަހުންނެވެ.

އެޗްޑީސީ އާއި ސަރުކާރުން ވެސް އާ ޑްރެޖަރުތަކާ އެކީ ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތުގެ ދުވެލި އަވަސް ކުރެވޭނެ ކަމަށެވެ. ރައީސް މުހައްމަދު މުއިއްޒު މިދިޔަ މަހު ވިދާޅުވި ގޮތުން ނަމަ، އިތުރަށް ބޭނުންވަނީ ފަސް މަހެވެ. މުއިއްޒު ދެއްވި ތާރީހު ހަމަ ވާނީ އަންނަ އަހަރުގެ އޭޕްރިލްގަ އެވެ.