about 2 hours 0
about 2 hours 0
ލަންޑަން (ޑިސެމްބަރު 19) - ޗެލްސީ ވިއްކާލައިގެން، 2022 ވަނަ އަހަރު، ރަޝިއާގެ މަހުޖަހަނު، ރޯމަން އަބްރަމޮވިޗަށް ލިބުނު 2.5 ބިލިއަން ޕައުންޑް (3.3 ބިލިއަން ޑޮލަރު) ޔޫކްރެއިން ހަނގުރާމައިގައި ހާލުގައި ޖެހުނު މީހުންނަށް ދޭން އިނގިރޭސި ސަރުކާރުން ފުރުސަތެއް ދީފި އެވެ.
އަބްރަމޮވިޗް، 2003 ވަަނަ އަހަރު ޗެލްސީ ގަތީ 140 މިލިއަން ޕައުންޑް (186 މިލިއަން ޑޮލަރު) އަށެވެ. އެ ކްލަބަށް އެތައް ބިލިއަން ޑޮލަރެއް ހަރަދުކުރި އަބްރަމޮވިޗަށް، ޗެލްސީ ދޫކޮށްލަން ޖެހުނީ ޔޫކްރެއިން-ރަޝިއާ ހަނގުރާމައިގެ ތެރެއިން 2022 ވަނަ އަހަރު އެވެ. އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ އިސްވެ، އުފައްދާފައިވާ ކޮންސޯޓިއަމް ގްރޫޕުން 2022 ވަނަ އަހަރު، ޗެލްސީ ގަތީ 5.2 ބިލިއަން ޑޮލަރަށެވެ. އެ ޑީލުން، އަބްރަމޮވިޗަށް ލިބުނު ފައިސާ ވަަނީ އިނގިރޭސި ސަރުކާރުން ހިފަހައްޓައިފަ އެވެ.
އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާ، މިދިިޔަ ބުދަ ދުވަހު ވިދާޅުވީ، ޗެލްސީ ވިއްކާލައިގެން އަބްރަމޮވިޗަށް ލިބިފައިވާ ފައިސާ، 3.3 ބިލިއަން ޑޮލަރު، ޔޫކްރެއިންގައި ހަނގުރާމައިގެ ސަބަބުން ހާލު ޖެހުނު މީހުންނަށް ދޭން އަބްރަމޮވިޗަށް ފަހު ފުރުސަތެއް ދީފައިވާ ކަމަށެވެ. އަދި، އެ ގޮތަށް އަބްރަމޮވިޗް ކަންކަން ހަމަނުޖައްސައިފިނަަމަ، ދެން މި ކަމުގެ މުއާމަލާތްތައް ހިނގާނީ ކޯޓު މެދުވެރިކޮށް ކަމަށް ސްޓާމާ ވިދާޅުވެފައިވެ އެވެ.
އަބްރަމޮވިޗް ނިންމާފައި އޮތީ، ޗެލްސީ ވިއްކައިގެން އޭނާ އަށް ލިބުނު ފައިސާ އެއްކޮށް، ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގައި ހާލުގައި ޖެހުނު މީހުންނަށް ހަދިޔާކުރުމަށެވެ. އެއީ، ރަޝިއާގެ ސިފައިންގެ މީހުންގެ އާއިލާތަކަށް ވެސް ފައިސާ ލިބޭ ގޮތަށެވެ. އެކަމަކު، އެ ގޮތަށް އިނގިރޭސި ސަރުކާރުން ހުއްދަނުދިނީ، މި ކަމުން ރަޝިއާގެ މީހުންނަށް ވެސް ފައިސާދޭން އަބްރަމޮވިޗް ނިންމުމުންނެވެ.
މީގެ ކުރިން މިދިޔަ ޖޫން މަހު ވެސް އިނގިރޭސި ސަރުކާރުން ވަނީ އިނގިރޭސި ބޭންކެއްގައި ހުރި އަބްރަމޮވިޗްގެ އެ ފައިސާގެ ކަންކަން އަވަހަށް ނިންމުމަށް އަންގައިފަ އެވެ. އަދި، ދީފައިވާ ފުރުސަތުގެ ބޭނުންނުހިފާނަމަ ކޯޓަށް ދާނެ ކަމުގެ އިންޒާރު އެ ފަހަރު ވެސް ދިނެވެ.
Comment