ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުވެ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މުހިންމު ސާޖަރީއެއް ކުރިކަން އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ދުރާލާ ރާވައިގެން ކުރި މި ސާޖަރީ ކޮށްފައިވަނީ މިއަދު އެވެ. މައުލޫމާތު ލިބޭ ގޮތުގައި ޒަމީރު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ސިންގަޕޫރުގަ އެވެ.
ސާޖަރީ ކާމިޔާބު ކަމަށާއި ޒަމީރުގެ ހާލު ރަނގަޅު ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފައިވެ އެވެ. އަދި، އަންނަ ހަފުތާ މިނިސްޓަރު އެނބުރި އޮފީހަށް ނުކުންނަވާނެ ކަމަށް ވެސް ފިނޭންސުން ހާމަކޮށްފައިވެ އެވެ.
ޒަމީރު ކުރީ ކޮން ކަހަލަ ސާޖަރީއެއް ކަމެއް އަދި އޭނާ ފަރުވާ ހޯދަނީ ކޮން ބައްޔަކަށް ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. މި ސަރުކާރު އެކުލަވާލިއިރު ޒަމީރު ހުންނެވި ފޮރިން މިނިސްޓަރުގެ މަގާމުގަ އެވެ. އޭނާ ފިނޭންސަށް ބަދަލުކުރީ މިދިޔަ އަހަރު އެވެ.
ޒަމީރުގެ އިތުރުން، ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ކިޑްނީގެ ސީރިޔަސް ބައްޔަކަށް ފަރުވާ ހޯއްދަވަމުންދާ ކަން މި ހަފުތާ ތެރޭ ވަނީ މައުލޫމާތު ލިބިފަ އެވެ.
ގައްސާން މި ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ނަމަވެސް ގައްސާން އަދި ޑިފެންސް މިނިސްޓްރީގެ ބަހެއް މި ހަބަރަކަށް ނުލިބުނެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި، އާލާސްކަންފުޅާ އުޅުއްވާތީ ކެބިނެޓު ބައްދަލުވުން އަދި މުހިންމު ބައެއް އެހެން ބައްދަލުވުންތަކުގައި ވެސް ގައްސާން ބައިވެރިވެވަޑައި ނުގަންނަވަ އެވެ. މިކަމާއި ގުޅޭގޮތުން ޑިފެންސުން އަދި ސަރުކާރުން ވެސް މިހާތަނަށް ބަހެއް ބުނެފައެއް ނުވެ އެވެ.
Comment