Advertisement

އިޓަލީގެ ފަރުބަދައަކުން 210 މިލިއަން އަހަރުވީ ޑައިނޯސޯގެ ފިޔަވަޅުތަކެއް ފެނިއްޖެ

17 ޑިސެންބަރު 2025 - 08:44 0

ފިޔަވަޅުތައް ފެންނަން ހުރި ފަރުބަދަ. މި ފޮޓޯ ނެގީ ފޮޓޯގްރާފަރު އެލިއޯ ޑެލާ ފެރޭރާ


އިޓަލީގެ ފަރުބަދައަކުން 210 މިލިއަން އަހަރުވީ ޑައިނޯސޯގެ ފިޔަވަޅުތަކެއް ފެނިއްޖެ

17 ޑިސެންބަރު 2025 - 08:44 0

އިޓަލީގެ އުތުރުގައި އޮންނަ ސްޓެލްވިއޯ ނޭޝަނަލް ޕާކުގެ އުސް ފަރުބަދައެއްގެ މަތިން 210 މިލިއަން އަހަރުވީ ޑައިނޯސޯގެ ފިޔަވަޅުތަކެއް ފެނިއްޖެއެވެ.

މިއީ އެ ސަރަހައްދުގެ ތާރީހާއި ދުނިޔޭގެ އުފެދުމާ ގުޅޭ ގޮތުން ލިބުނު ވަރަށް މުހިންމު ސައިންޓިފިކް ކުރިއެރުމެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އިޓަލީ އާއި ސްވިޒަލޭންޑް ގުޅޭ ބޯޑަރު ކައިރީގައި އޮންނަ މި ފަރުބަދަމަތީ ސަރަހައްދުން ފެނުނު އެތައް ހާސް ފިޔަވަޅުގެ ތެރެއިން ބައެއް ފިޔަވަޅުތަކުގެ ބޮޑުމިނުގައި 40 ސެންޓިމީޓަރު (15 އިންޗި) ހުއްޓެވެ. އަދި ޑައިނޯސޯތަކުގެ އިނގިލިތަކާއި ވަކިތަކުގެ ނިޝާންތައް ވަރަށް ސާފުކޮށް ފެންނަން ހުރިކަން ސައިންސްވެރިން ބުނެ އެވެ.

މި ފިޔަވަޅުތައް ނިސްބަތް ވަނީ "ޕްރޮސޯރޮޕޮޑްސް" ނަމަކަށް ކިޔާ ޑައިނޯސޯތަކަކަށް ކަމަށް ބެލެވެ އެވެ. މީގެ ދިގުމިނުގައި 10 މީޓަރު (33 ފޫޓު) ހުރެ އެވެ.

މި ފިޔަވަޅުތައް އެންމެ ފުރަތަމަ ފާހަގަކުރެވުނީ އެލިއޯ ޑެލާ ފެރޭރާ ނަމަކަށް ކިޔާ ފޮޓޯގްރާފަރަކަށެވެ.

މިލާނުގެ ޕެލިއޮންޓޮލޮޖިސްޓެއް ކަމަށްވާ ކްރިސްޓިއާނޯ ޑަލް ސާސޯ ވިދާޅުވި ގޮތުގައި، މިއީ ސައިންޓިފިކް ގޮތުން ބަލާއިރު އަގުހުރި ހަޒާނާއެކެވެ.

މި ސަރަހައްދަކީ ދަތުރުފަތުރުކުރަން އުނދަގޫ، ރިމޯޓު ހިސާބެއް ކަމުން، މިކަމާ ގުޅޭ އިތުރު ދިރާސާތައް ކުރުމަށް ޑްރޯން ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަށް އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ނިންމާފައެވެ.