ނޯޓިލަސްގެ އެހީ ކެންސަ ސޮސައިޓީއާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި 150،000ރ. ގެ ރަމްޒީ ޗެކް ހަވާލުކުރަނީ.
ކެންސަރު ބައްޔަށް އާންމުން ހޭލުންތެރިކުރުވުމާއި ބަލި ދެނެގަތުމަށް ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ދަ ނޯޓިލަސް ފައުންޑޭޝަނުން އެ ޖަމިއްޔާއާ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެ، 150،000 ރުފިޔާގެ މާލީ އެހީއެއް ދީފިއެވެ.
މި އެއްބަސްވުމުގެ ދަށުން ނޯޓިލަސް ފައުންޑޭޝަނުން ހަދިޔާކުރި ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކެންސަރާ ގުޅޭ ގޮތުން ސީއެސްއެމް އިން ހިންގާ މުހިންމު ޕްރޮގްރާމްތަކަށެވެ. އޭގެ ތެރޭގައި ބަލި ޖެހުމުގެ ކުރިން ބަލި ދެނެގަތުމަށް ހިންގާ ހަރަކާތްތަކާއި، ބައްޔާ މެދު އާންމުންނަށް މައުލޫމާތު ފޯރުކޮށްދީ ތައުލީމު ދިނުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ.
މި ޕާޓްނާޝިޕްގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެންސަ ސޮސައިޓީން ކުރިއަށް ގެންދާ ސްކްރީނިން އަދި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކަށް ދިއުމަށް ކުރަންޖެހޭ ދަތުރުތައް ހަމަޖައްސައިދޭނީ ވެސް މަންޓާ އެއާގެ ފަރާތުންނެވެ. މިއީ އަތޮޅުތެރޭގެ ރަށްރަށަށް މި ޚިދުމަތް ފުޅާކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.
ނޯޓިލަސް ފައުންޑޭޝަނުން ބުނީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުން ފަދަ މުޖުތަމައުގެ ދުޅަހެޔޮކަމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގައި އެ ފައުންޑޭޝަނުން އަބަދުވެސް ދެމިއޮންނާނެ އެވެ.
ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ޕާޓްނާޝިޕްތައް ގާއިމުކޮށް، މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތް ކުރާނެ ކަމަށް އެ ފަރާތުން ހާމަކުރެއެވެ.
ދަ ނޯޓިލަސް ފައުންޑޭޝަނަކީ ރާއްޖެއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި، ދުރު ވިސްނުން ގެންގުޅުއްވި ލީޑަރެއް ކަމުގައިވާ ޑރ. އިބްރާހިމް އުމަރު މަނިކުގެ ހަނދާނާއި ޝަރަފުގައި ބިނާކޮށްފައިވާ ފައުންޑޭޝަނެކެވެ.
މި ފައުންޑޭޝަނުގެ އަމާޒަކީ އެމަނިކުފާނުގެ ތަސައްވުރާ އެއްގޮތަށް، ދިވެހި ރައްޔިތުންނަށް ފުރުސަތުތައް ތަނަވަސްކޮށްދީ، ގައުމުގެ ތަރައްގީއަށް މަސައްކަތްކުރާނެ ހުނަރުވެރި އަދި ހަރުދަނާ ޖީލެއް ބިނާކުރުމަށް ބާރުއެޅުމެވެ.
Comment