Advertisement

އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގު: ބިސް ބުރު އަތުން މޮޅުވެ މާޒިޔާ އަށް ރަނގަޅު ފެށުމެއް

3 ޑިސެންބަރު 2025 - 20:38 1

މާޒިޔާގެ ޝަހުފާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ


އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގު: ބިސް ބުރު އަތުން މޮޅުވެ މާޒިޔާ އަށް ރަނގަޅު ފެށުމެއް

3 ޑިސެންބަރު 2025 - 20:38 1

މިހާރު ކުރިއަށްދާ އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅުނު ފުރަތަމަ މެޗުން 2-0 އިން ބިސް ބުރު ސްޕޯޓްސް ކްލަބް ބަލިކޮށް ފެށުން ރަނގަޅުކޮށްފި އެވެ.

ހެންވޭރު ދަނޑުގައި މިހާރު ކުރިއަށްދާ އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގަކީ ފީފާގެ އެހީތެރިކަމާ އެކު ރާއްޖޭގެ އަންހެން ފުޓްބޯޅަ އަލުން ރަނގަޅަށް ހިންގުމުގެ ފެށުމެކެވެ. އެ ގޮތުން، ވިމެންސް ފުޓްބޯލް ލީގުގައި މި ފަހަރު ހަ ޓީމެއް ވާދަކުރާއިރު، މީގެއިން ކޮންމެ ޓީމަކަށް ފީފާގެ ފަރާތުން އެހީގެ ގޮތުގައި، އެއް ލައްކަ ރުފިޔާގެ ފައިނޭންޝިއަލް ސަޕޯޓެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މުބާރާތުގައި މިއަދު ކުޅުނު މެޗުގައި މާޒިޔާ އިން ބިސް ބުރާ ދެކޮޅަށް ނުކުމެ ޖުމްލަ އެކު ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ދެ ގޯލު ޖެހީ ވެސް މެޗުގެ ދެ ވަނަ ހާފުގަ އެވެ. ފުރަތަަމަ ހާފުގައި ލަނޑެއް ޖަހަން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުވާގޮތެއްނުވި އެވެ.

މާޒިޔާ އާއި ބިސް ބުރު ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް/ އިމޭޖަސް.އެމްވީ


މާޒިޔާ އިން ލީޑުނެގީ 58 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ޝަހުފާ ޝިއުތު ޖެހި ގޯލުންނެވެ. މިއީ، އޭރިއާތެރެއިން ބިސް ބުރުގެ ކުޅުންތެރިއަކު އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީއެކެވެ.

އަދި، މެޗުގެ އިތުރު ވަގުތުގައި ބިސް ބުރު އޭރިއާތެރެއިން ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު، ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން، މާޒިޔާގެ ދެ ވަނަ ލަނޑު ޖެހީ ފާތިމަތު ނިހާމާ އެވެ.

އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގެ މެޗެއް ދެން އޮންނާނީ ހުކުރު ދުވަހު ހަވީރު އެވެ. ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބް އެވެ. ޓީސީ ވަނީ ފުރަތަމަ މެޗުން ބޮޑު ތަފާތަކުން ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން ބަލިވެފަ އެވެ. އަދި، އޮޑިން ކުޅުނު ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ވަނީ އެއްވަރުވެފަ އެވެ.