Advertisement

ސަނީ އުމަރު ރާއްޖެ ދޫކޮށް ފިލައިގެން ދާން އުޅެނިކޮށް މަތިންދާބޯޓު ތެރެއިން ހައްޔަރުކޮށްފި

1 ޑިސެންބަރު 2025 - 21:54 1


ސަނީ އުމަރު ރާއްޖެ ދޫކޮށް ފިލައިގެން ދާން އުޅެނިކޮށް މަތިންދާބޯޓު ތެރެއިން ހައްޔަރުކޮށްފި

1 ޑިސެންބަރު 2025 - 21:54 1

ކުޑަކުދިންތަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ސަނީ އުމަރު ރާއްޖެ ދޫކޮށް ފިލައިގެންދާން އުޅެނިކޮށް މަތިންދާބޯޓު ތެރެއިން އޭނާ ހައްޔަރުކޮށްފި އެވެ.

ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ވިޔަފާރިތަކެއް ހިންގަމުން އައި ސަނީ އުމަރުގެ މައްސަލަ ފެންމަތިވުމުން އޭނާ ވަނީ މިދިޔަ ހަފުތާގައި ވެސް ރާއްޖެ ދޫކޮށް ގޮސްފަ އެވެ. އެނބުރި މާލެ އައީ މިއަދު ހަވީރުގެ ވަގުތެއްގެ އެވެ.

ސަނީ އުމަރު އެނބުރި ރާއްޖެ އައުމުން ފުލުހުން ވަނީ އޭނާ އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު، ސުވާލު ކުރުމަށް ޕޮލިސް ސްޓޭޝަނަކަށް ގެންގޮސްފަ އެވެ. އެކަމަކު އޭގެ ފަހުން އޭނާ ދޫކޮށްލީ އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރު ކުރީ މާލެއިން އަވައްޓެރި ސްރީ ލަންކާއަށް މިރޭ ފުރަން އޮތް މަތިންދާބޯޓަކަށް އަރައި އިންދަ އެވެ. ފުލުހުން އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެ އެވެ. އެކަމަކު އަދި އެކަން ކަށަވަރެއް ނުކުރެވެ އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައިި ހަމައެކަނި ބުނީ "ސަނީ އުމަރު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި" ކަމަށެވެ. ސަނީ އުމަރުގެ މައްސަލައެއް ބަލަމުންދާ ކަމަށް މީގެ ކުރިން ފުލުހުން ބުންޏެވެ.

އަނިޔާ ލިބުނު ކުދިންގެ އާއިލާގެ މީހަކު މި ނޫހާ ވާހަކަ ދައްކަމުން ބުނީ ސަނީ އުމަރު ވަނީ މީގެ 10 އަހަރު ކުރިން ފެށިގެން އެކި ގޮތް ގޮތުން އާއިލާގެ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަން ފަށާފައި ކަމަށެވެ. އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ބައެއް ކުދިންނަށް ވަރަށް ބޮޑަށް ނަފުސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ދަ ޓްރެވެލް ގައިސް, މޯލްޑިވްސް ހަލާލް ޓްރެވަލް، ހަލާލް ވީކްލީ، ޓެލެންޓް އެމްވީ، އައިލެންޑް ޕޯސްޓް އަދި ކަވި ޕްރައިވެޓް ލިމިޓެޑަކީ ސަނީ އުމަރު އުފެއްދި ބައެއް ކުންފުނިތަކެވެ. އޭގެ އިތުރުން ވެސް ބައެއް އެހެން ވިޔަފާރިތަކުގައި އޭނާ މަސްލަހަތު އޮވެ އެވެ.

ސަނީ އުމަރުގެ މައްސަލަތައް ފެންމަތިވުމުން ޓްރެވަލް ގައިސް އިން ނެރުނު ބަޔާނެއްގައި ބުނީ، ކުންފުނީގައި އޮތް ސަނީގެ ހިއްސާތައް އަތުލުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ ސަނީގެ މައްސަލަ ތަހުގީގު ކުރުމުގައި އެއްވެސް އެހީއަކަށް ފުލުހުން އެދެފި ނަމަ ފުރިހަމަ އެއްބާރުލުން ކުންފުނިން ދޭނެ ކަމަށެވެ.

ޓްރެވަލް ގައިސް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސަނީ އުމަރު އަދާ ކުރަމުންދިޔައީ އެ ކުންފުނީގެ މެނޭޖްމަންޓު ރޯލެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެ ކުންފުނިން ފޭސްބުކްއަށް އަޕްލޯޑްކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ސަނީ ގެންދިޔައީ ކުންފުނީގެ މުހިންމު ރޯލެއް އަދާކުރަމުންނެވެ.

ޖިންސީ ކުށުގެ މައްސަލައަކީ ދިވެހިރާއްޖޭގައި އެންމެ ބޮޑު އެއް މައްސަލަ އެވެ. މި އަހަރުގެ މިހާތަނަށް ވެސް އެފަދަ 239 މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާފައިވެ އެވެ. އަދި ހާއްސަކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރާއްޖޭގައި ގިނަ އެވެ.

ޖެންޑާ މިނިސްޓްރީއަށް މިދިޔަ އަހަރު ވެސް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ކުޑަކުދިންނަސް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 255 މައްސަލައެއް މިދިޔަ އަހަރު އެ މިނިސްޓްރީއަށް ހުށަހެޅި އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިފަހުން އާންމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 264 މައްސަލައެއް 2023 ވަނަ އަހަރު ހުށަހެޅި އެވެ. ބިއުރޯގެ ހިސާބުތަކަށް ބަލާއިރު ވެސް އަނިޔާ ލިބޭ ކުޑަކުދިންގެ ތެރެއިން އެންމެ ގިނައީ ޖިންސީ އަނިޔާ ލިބޭ ކުދިންނެވެ.

ޔުނިސެފުން ހަދާފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި ރާއްޖޭގެ ކޮންމެ ތިން އަންހެން ކުދިންގެ ތެރެއިން އެއް ކުއްޖަކު ޖިންސީ ގޯނާއާ އޭނާގެ ހަޔާތުގައި މަދުވެގެން އެއް ފަހަރު ކުރިމަތިލާންޖެހެ އެވެ. ރާއްޖޭގެ ކުޑަކުދިންގެ ތެރެއިން 15 ޕަސެންޓު ކުދިން ޖިންސީ ގޯނާގެ ޝިކާރައަށްވެފައިވާ ކަމަށް ވެސް ދިރާސާތަކުން ދައްކަ އެވެ.