Advertisement

އާރުސީސީއާ ހަވާލުކުރި ކައުންސިލު އިމާރާތްތައް އަޅަން ސަބްކޮންޓްރެކްޓު ކުރަނީ

1 ޑިސެންބަރު 2025 - 12:10 0

ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފް ނައިފަރު ކައުންސިލު އިމާރާތުގެ ބިންގާ އަޅައިދެއްވަނީ: އާރުސީސީއާ ހަވާލުކުރި ކައުންސިލު އިމާރާތްތަކުގެ މަސައްކަތް އެހެން ކުންފުނިތަކާ ހަވާލުކުރާ ސަބަބެއް ނޭނގޭ --- ފޮޓޯ: ރައީސް އޮފީސް


އާރުސީސީއާ ހަވާލުކުރި ކައުންސިލު އިމާރާތްތައް އަޅަން ސަބްކޮންޓްރެކްޓު ކުރަނީ

1 ޑިސެންބަރު 2025 - 12:10 0

ރަށްރަށުގެ ކައުންސިލު އިމާރާތްތައް އާރުސީސީއާ ހަވާލުކުރި އަގުބޮޑު މަޝްރޫއުގެ ދަށުން ބައެއް ރަށްރަށުގައި ކައުންސިލުތައް އެޅުމުގެ މަސައްކަތް ސަބްކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން، މަސައްކަތް ކުރަމުން އަންނަ ކަމަށް އަދަދު އަށް މައުލޫމާތު ލިބިއްޖެ އެވެ.

މިހާތަނަށް މި ނޫހަށް ލިބުނު މައުލޫމާތުން، ބައެއް ރަށްރަށުގައި މަސައްކަތް ހަވާލުކުރި ސަބްކޮންޓްރެކްޓަރުން ވަނީ މަސައްކަތް ވެސް ފަށައިފަ އެވެ. ނަމަވެސް، އާރުސީސީގެ ޗެއާޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ފޯނަށް ޖަވާބު ނުދެއްވާތީ މި އުސޫލުން މަސައްކަތް ހަވާލުކުރަން ފެށި ސަބަބެއް ސާފެއް ނުވި އެވެ.

މަޝްރޫއުތައް ސަބްކޮންޓްރެކްޓު ކުރަމުން ދާއިރު، މި ފަހުން ރައީސް މުހައްމަދު މުއިއްޒު އެކި އަތޮޅުތަކަށް ކުރެއްވި ދަތުރުތަކުގައި މި އިމާރާތްތަކުގެ ބިންގާ ވެސް އެޅި އެވެ. އެ ސައިޓުތަކުގައި ބަހައްޓާފައި ހުރީ ވެސް އާރުސީސީގެ ބޯޑެވެ.

ސަބްކޮންޓްރެކްޓު ކުރުމަކީ މަސައްކަތު އަގު ބޮޑުވާ ކަމެއްގެ ގޮތުގައި އޮޑިޓާ ޖެނެރަލް އޮފީހުން ތައްޔާރުކޮށްފައިވާ އެތައް އޮޑިޓު ރިޕޯޓެއްގައި ފާހަގަކޮށްފައި ވެ އެވެ.

ލޯކަލް ގަވަމަންޓު މިނިސްޓްރީން ވަނީ 55 ރަށެއްގައި ކައުންސިލުތައް އިމާރާތްކުރުމުގެ މަސައްކަތް އާރުސީސީއާ ހާވަލުކޮށްފަ އެވެ. މުޅި މަޝްރޫއުގެ އަގަކީ 631 މިލިއަން ރުފިޔާ އެވެ. މިއީ މި މަސައްކަތް ކުރަން ސޮއިކުރުމަށް ފަހު، އެއްބަސްވުން ބާތިލުކުރި މެލޭޝިއާގެ ހެކްސްޓާ ގްލޯބަލްއާ ސޮއިކުރި އަގަށް ވުރެ ބޮޑު އަގެކެވެ.

ކައުންސިލުތައް އިމާރާތްކުރަން ހެދި އެއްބަސްވުން ބާތިލުކުރުމާއި، ސާރުކާރާ ގާތްގުޅުމެއް އޮންނަ ނާޒިމް އާއި ބަންޑާރަނައިބު އަހުމަދު އުޝާމުގެ އާއިލީ ކުންފުނި، އާރުސީސީއާ މަސައްކަތް ހަވާލުކުރުމުގެ ކަންކަން ސަރުކާރުން ކުރިއަށް ގެންދިޔައީ ވަރަށް ސިއްރިއްޔާތުގައި، އާންމުކޮށް އިއުލާނެއް ވެސް ނުކޮށެެވެ.

މި މަޝްރޫއާ ގުޅޭ މައުލޫމާތު މި ނޫޙުން ރިޕޯޓުކުރުމާ ހަމައަށް ސަރުކާރުން އެއްވެސް މައުލޫމާތެއް ހާމަނުކުރެ އެވެ. ކަންކަން ފަޅާއެރުމުން ސަރުކާރުން ވަނީ، އެ މަސައްކަތް ހަވާލުކުރީ މުއިއްޒު ޗެއާކުރައްވާ އިކޮނޮމިކް ކައުންސިލުން ކަމަށް ބުނެފަ އެވެ.

އާރުސީސީއާ މި މަސައްކަތް ހަވާލުކުރި ގޮތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އަންނަނީ ބަލަމުންނެވެ. އެކަމަކު މިހާރު އެ ކޮމިޝަނުން ގެންގުޅޭ އުސޫލުގެ ދަށުން ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކުރަން އޭސީސީން ވަނީ ދެކޮޅު ހަދާފަ އެވެ.

މި ސަރުކާރުން ވަނީ އާރުސީސީއާ ގިނަ މަސައްކަތްތަކެއް ހަވާލުކޮށްފަ އެވެ. ގިނައީ، ހުޅުވާލާފައިވާ ބީލަމަކަށް ނުގޮސް، ހާއްސަ އުސޫލުތަކުގެ ތެރެއިން އެ ކުންފުންޏާ ހަވާލުކުރި މަޝްރޫއުތަކެވެ. މިކަމާ ގުޅިގެން ސަރުކާރުގެ ބަހެއް ނުލިބުނު ނަމަވެސް ނާޒިމް މި ނޫހަށް ކުރިން ވިދާޅުވީ، މަސައްކަތް ދެނީ އެ ކުންފުނީގެ ޓްރެކް ރެކޯޑަށް ބަލާފައި ގާބިލުކަމުން ކަމަށެވެ.