Advertisement

ސައިޓީސްގެ އެޕެންޑިކްސް ދޭއްގައި ކަށިމިޔަރު ހިމަނައިފި، ރާއްޖެއިން ބޭރު ކުރުން ވަގުތީ ގޮތުން ހުއްޓޭނެ

28 ނޮވެންބަރު 2025 - 18:32 4

ހަސަން މުހައްމަދު

ހަސަން މުހައްމަދު


ސައިޓީސްގެ އެޕެންޑިކްސް ދޭއްގައި ކަށިމިޔަރު ހިމަނައިފި، ރާއްޖެއިން ބޭރު ކުރުން ވަގުތީ ގޮތުން ހުއްޓޭނެ

28 ނޮވެންބަރު 2025 - 18:32 4

ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީސް (ސައިޓީސް) ގެ އެޕެންޑިކްސް ދޭއްގައި ކަށިމިޔަރު ހިމަނައިފި އެވެ.

ސައިޓީސްގެ އެޕެންޑިކްސް ދޭއްގައި ހިމެނުމުން ކަށިމިޔަރު އެއް ގައުމުން އަނެއް ގައުމަށް ފޮނުވޭނީ މިޔަރާ ގުޅޭ މުހިންމު ދިރާސާތަކެއް ހަދައިގެންނެވެ. އެކަމަކު، އެކަމަށް ބޭނުންވާ މައުލޫމާތު ރާއްޖެއިން އެއްކޮށްފައިނުވާ ކަމަށް އެނގިފައިވެ އެވެ.

ސައިޓީގެސް އެ ނިންމުމަށް އަމަލު ކުރަން ފަށާނީ މީގެ 18 މަސްދުވަސް ފަހުންނެވެ.

އެހެންކަމުން މި ނޮވެމްބަރު 1، އިން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަކޮށްފައި އޮތް ނަމަވެސް، ރާއްޖެއިން ބޭރު ކުރަން ހުރަސް އެޅޭނެ އެވެ.

ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި މި ހުއްދަ ކުރީ، މިޔަރުގެ އެއްވެސް ބާވަތެއް ބޭނުން މަނާކޮށްފައި އޮންނަތާ 15 އަހަރާއި ނުވަ މަސްދުވަސް ފަހުންނެވެ. މިޔަރު ބޭނުން މަނާ ކުރުމުން "ޝާކް ސެންކްޗުއަރީ" އެއްގެ ގޮތުގައި މަޝްހޫރުވެ، ފަތުރުވެރިންގެ މެދުގައި އިތުރަށް މަގުބޫލުވި އެވެ.

ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަ ކުރުމުން ފަތުރުވެރިކަމަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމަށް ތިމާޔަވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމިއްޔާތަކާއި ސައިންޓިސްޓުން އަދި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

"[ކަށިމިޔަރުގެ މަސްވެރިކަމުން] ދިވެހި އިގްތިސާދުގެ މައިގަނޑު ތަނބުކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް މިކަމުގެ ސަބަބުން އިއާދަ ނުކުރެވޭނޭވަރުގެ ގެއްލުންތަކެއް ލިބޭނެ،" ޖަމިއްޔާތަކުން ރައީސް މުހައްމަދު މުއިއްޒަށް ފޮނުވި ސިޓީއެއްގައި ބުނެފައި އޮތެވެ.

ކަށިމިޔަރީ ނެތިދިޔުމުގެ ބިރު ވެސް ހީވެފައި އޮތް ބާވަތެކެވެ. ބިސް އުފެދޭ ހިސާބުން ފެށިގެން ވިހެއުމާ ހަމައަށް ދެ އަހަރު ނަގަ އެވެ. އެހެންވެ، ބާނަން ފަށައިފި ނަމަ އެސޮރުމެންގެ އާބާދީ ނިކަން އަވަހަށް ހީނަރުވެ އެވެ.

"ކަށިމިޔަރުގެ ބާވަތްތަކަކީ އޭގެ ޒާތުގައި އޭގެ މަސްވެރިކަންކުރުމުގެ ސަބަބުން ވަރަށް ފަސޭހައިން މުޅިއާބާދީއަށް ނުރައްކާވާފަދަ ނާޒުކު ދިރުމެއް. އެސޮރުމެންނަކީ ހެދިބޮޑުވެ ދަރިމައިވުމަށް ގިނަ ދުވަސްތަކެއް ހޭދަވާ، ރާއްޖޭގައި އުޅެން އެކަށީގެންވާ ސަރަހައްދު ކުޑަކަމުގައި ބެލެވޭ ބާވަތްތަކެއް ކަމުން، އެސޮރުމެންގެ އާބާދީތަކަށް މަސްވެރިކަން ތަހައްމަލެއް ނުކުރެވޭނެ،" ޖަމިއްޔާތަކުން މުއިއްޒަށް ފޮނުވި ސިޓީގައި ބުންޏެވެ.