Advertisement

ރަސްމީ ދަނޑަށް އެނބުރި އައި މެޗުން ބާސެލޯނާ އަށް ބޮޑު މޮޅެއް

22 ނޮވެންބަރު 2025 - 23:26 0


ރަސްމީ ދަނޑަށް އެނބުރި އައި މެޗުން ބާސެލޯނާ އަށް ބޮޑު މޮޅެއް

22 ނޮވެންބަރު 2025 - 23:26 0

ބާސެލޯނާ (ނޮވެމްބަރު 22) - ބާސެލޯނާ އިން އެ ކްލަބްގެ ރަސްމީ ދަނޑު، ނޯ ކޭމްޕްގެ މަރާމާތަށް ފަހު، އަލުން ހުޅުވައި ކުޅުނު ފުރަތަމަ މެޗުގައި ސްޕެނިޝް ލީގުގައި މިރޭ އެތުލެޓިކް ބިލްބާއޯ އަތުން 4-0 އިން މޮޅުވެއްޖެ އެވެ.

މި މޮޅާ އެކު، ބާސެލޯނާ ވަނީ 13 މެޗުން 31 ޕޮއިންޓް ހޯދައި، ލަނޑުގެ ތަފާތުން ލީގުގެ އެއް ވަނަ އަށް އަރައިފަ އެވެ. ރެއާލް މެޑްރިޑުން އެއް މެޗު މަދުން ކުޅެ، 31 ޕޮއިންޓާ އެކު، ފައިދާ އޮތީ 16 ގޯލެވެ. ބާސެލޯނާގެ ފައިދާ 21 ލަނޑު އެބައޮތެވެ.

ބާސެލޯނާ އިން އަމިއްލަ ދަނޑުގައި 909 ދުވަސް ފަހުން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ލީޑުނެގީ، ހަަތަރު ވަނަ މިނިޓްގައި ރޮބަޓް ލެވަންޑޯސްކީ ޖެހި ގޯލުންނެވެ. އަދި، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބާސެލޯނާ އިން ލީޑުފުޅާކުރީ ލަމީން ޔަމާލް ދިން ބޯޅައަކުން ފެރާން ޓޮރޭޒް ޖެހި ގޯލުންނެވެ. މި ލަނޑުގެ ކުރިން ނަތީޖާ ހަމަހަަމަކުރަން ބިލްބާއޯ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުންނުހިފުނެވެ.

ފުރަތަމަ ހާފު ނިންމާލި ހިސާބުން ދެ ވަނަ ހާފުގައި ކުޅުން ފަށައި، ތިން މިނިޓް ތެރޭ ބާސެލޯނާ އިން ތިން ވަނަ ލަނޑު ޖެހި އެވެ. މިއީ، އެރިކް ގާސިއާ ދިން ބޯޅައަކުން ފާމިން ލޮޕޭޒް ޖެހި ގޯލެކެވެ. މެޗުގެ 54 ވަނަ މިނިޓްގައި ފާމިން އަށް ކުރި ނުރައްކާތެރި ފައުލަކަށް ބިލްބާއޯގެ އޮއިހާން ސަންކޭ އަށް ސީދާ ރަތް ކާޑެއް ދެއްކި އެވެ.

ދެ ވަނަ ހާފުގެ ބޮޑުބައި ކުޅުންތެރިއަކު މަދުކޮށް ކުޅުނު ބިލްބާއޯ ކޮޅަށް ބާސެލޯނާގެ ފަހު ލަނޑު ޖެހީ އިތުރު ވަގުތުގައި ފެރާން އެވެ. މިއީ ވެސް ޔަމާލް ދިން ބޯޅައަކުން ޖެހި ލަނޑެކެވެ. މި ގޯލު ފުރަތަމަ އޮފްސައިޑް ކަމަށް ނިންމި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި އެ ގޯލު ބަލައިގަންނަން ނިންމީ އެވެ.

ލީގުގައި ރެއާލުން ކުޅޭ މެޗު އޮތީ މާދަމާރޭ ރަށުންބޭރުގައި އެލްޗޭއާ ދެކޮޅަށެވެ.