Advertisement

ސަރުކާރުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަދަލެއް ނުގެނެސް ކޮމިޓީން ފާސްކޮށްފި

20 ނޮވެންބަރު 2025 - 09:20 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ބަޖެޓު ފާސްކުރަން އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގެ ތެރެއިން: ސަރުކާރުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓު ކޮމިޓީން ފާސްކުރީ ބަދަލު ގެނައުމެއް ނެތި ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ސަރުކާރުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަދަލެއް ނުގެނެސް ކޮމިޓީން ފާސްކޮށްފި

20 ނޮވެންބަރު 2025 - 09:20 0

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަދަލެއް ނުގެނެސް މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ފާސްކޮށްފި އެވެ.

އިއްޔެ ބޭއްވި ބައްދަލުވުމުގައި ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓު ފާސްކުރަން ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ. އެ ހުށަހެޅުން ފާސްވީ ކޮމިޓީގެ 10 މެންބަރެއްގެ ވޯޓާއެކު އެވެ. ހުށަހެޅުމާ ދެކޮޅަށް ހަތަރު މެންބަރަކު ވޯޓު ދެއްވި އެވެ.

ބަޖެޓު ފާސްކުރުމުގެ ކުރިން ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އަންނަ އަހަރަށް ބަޖެޓު އިތުރުކުރުމަށް ބައެއް އިދާރާތަކުން އެދުނު ނަމަވެސް އެކަން ކޮށްދެވެން ނެތް ކަމަށް ފިނޭންސުން އަންގާފައިވާ ކަމަށެވެ. ނަމަވެސް، މަޖިލީހުން އިތުރަށް ބޭނުންވާ 3.5 މިލިއަން ބަޖެޓުގެ ތެރެއިން ހަމަޖައްސައިދޭނެ ކަމަށް ބުނެފައިވާކަން ސަލީމް ފާހަގަކުރެއްވި އެވެ.

"އޭގެ އިތުރަށް މިނިސްޓްރީން މި ބުނަނީ. އެހެން އިދާރާތަކުގެ އަދަދުތައް. ވާހަކައަކީ ފިނޭންސް މިނިސްޓްރީން އަންނަ އަހަރު ބަޖެޓަށް އެބޭފުޅުންނަށް ދަތިވާ ދަތިވުންތަކަށް ބޭނުންވާ ފައިސާ ހާއްސަ ބަޖެޓުގެ ތެރެއިން ދޫކުރައްވާނެ ކަމަށް އެބޭފުޅުން ލިޔުއްވީމަ. އެހެންވީމަ. އެގޮތަށް ފިނޭންސް މިނިސްޓްރީން މިއޮތީ ޖަވާބު ދީފަ،" ސަލީމް ވިދާޅުވި އެވެ.

އިއްޔެގެ ކޮމިޓީގައި އިދިކޮޅު އެމްޑީޕީން ބަޖެޓުގައި ދެ ރެކޮމަންޑޭޝަނެއް ހިމެނުމަށް ހުށަހެޅި ނަމަވެސް އެ ދެ ހުށަހެޅުން ވެސް ކޮމިޓީން ފާހެއް ނުވި އެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު، އިބްރާހިމް ނާޒިލް ހުށަހެޅުއްވީ މަސްވެރިންނަށް ދޭ ސަބްސިޑީ އަންނަ އަހަރުގެ ބަޖެޓުގައި މަދުވާތީ އެ އަދަދު އިތުރުކުރުމަށެވެ. މަސްވެރިންނަށް ސަބްސިޑީ ދިނުމަށް މި އަހަރު 341 މިލިއަން ރުފިޔާ ހިމެނި ނަމަވެސް އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި އެކަމަށް ޖަހާފައިވަނީ 280 މިލިއަން ރުފިޔާ އެވެ.

ނާޒިލް ހުށަހެޅުއްވީ ހާއްސަ ބަޖެޓުގެ ތެރެއިން ކަޅުބިލަމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް 120 މިލިއަން ރުފިޔާ، ބޮޑު ކަންނެލީގެ މަސްވެރިންނަށް 165 މިލިއަން ރުފިޔާ ދިނުމުގެ އިތުރުން ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށް ދަނޑުވެރިންނަށް ހާއްސަ ބަޖެޓުން 50 މިލިއަން ރުފިޔާ ދިނުމަށެވެ.

މީގެ އިތުރުން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ހުށަހެޅުއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ބަޖެޓު ކޮމިޓީގައި ދެއްވި ލަފާ ބަޖެޓު ރެކޮމެންޑޭޝަނެއްގައި ގޮތުގައި ހިމެނުމަށެވެ. މި ދެ ހުށަހެޅުމާއި ދެކޮޅު ހެއްދެވީ ވެރިކަންކުރާ ޕީއެންސީގެ މެންބަރުންނެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ. ފިނޭންސުން ލަފާކުރާ ގޮތުގައި އަންނަ އަހަރު 43 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ އެވެ. އަދި ހަރަދަކީ 57 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން އަންނަ އަހަރު ހަރަދުތައް ފޫބައްދަން 14 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ އެވެ.

ބަޖެޓުގެ 62 ޕަސެންޓަކީ ރިކަރަންޓު ހަރަދެވެ. ރިކަރަންޓު ހަރަދުގެ ގޮތުގައި ޖުމްލަ ބަޖެޓުގެ 39.9 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެ އެވެ. މީގެ ތެރޭގައި މި ފަހުން ރައީސް މުހައްމަދު މުއިއްޒު ބޮޑުކުރަން ނިންމި މުވައްޒަފުންގެ މުސާރަ ހިމެނޭ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

މި އަހަރެކޭ އެއްގޮތަށް އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ވެސް ވަކިވަކި މަޝްރޫއުތަކުގެ ތަފުސީލުތަކެއް ނެތެވެ.

މިކަމާއި ގުޅިގެން ބަޖެޓު ކޮމިޓީގައި މެންބަރުން ސުވާލު ކުރެއްވުމުން ޒަމީރު ވަނީ ގާނޫނު އޮތް ގޮތުން ޕްރޮޖެކްޓުތަކުގެ ތަފުސީލުތަކަކީ ބަޖެޓުގައި ހިމަނަން އޮންނަ އެއްޗެއް ނޫން ކަމަށް ދޭހަކޮށްދޭން، ބަޖެޓު ހުށަހެޅީ ގާނޫނުގައި ބުނާ ގޮތަށް ކަމަށް ވިދާޅުވެފަ އެވެ. އަދި، އޭނާ ގަބޫލުކުރަނީ ގާނޫނުގައި ބުނާ ހަމައިގެ ތެރެއިން ބަޖެޓު ހުށަހަޅަން ކަމަށް ޒަމީރު ވިދާޅުވި އެވެ.