Advertisement

ކައުންސިލަރުންގެ އަދަދު މަދުކުރާ ބިލު މަޖިލީހުން ބަލައިގަނެ ހަތް މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް

19 ނޮވެންބަރު 2025 - 17:01 3

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ކައުންސިލަރުންގެ އަދަދު މަދުކުރާ ބިލު މަޖިލީހުން ބަލައިގަނެ ހަތް މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ވަނީ ފޮނުވާފަ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ކައުންސިލަރުންގެ އަދަދު މަދުކުރާ ބިލު މަޖިލީހުން ބަލައިގަނެ ހަތް މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް

19 ނޮވެންބަރު 2025 - 17:01 3

އަތޮޅު ކައުންސިލުތައް އުވާލައި، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަނެ އެ ބިލު ދިރާސާ ކުރުމަށް ހަތް މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވައިފި އެވެ.

ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި މި ބިލު ބަލައިގަތީ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 48 މެންބަރުންގެ ވޯޓުންނެވެ. އިދިކޮޅު އެއްވެސް މެންބަރަކު އެ ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.

އެ މައްސަލަ ވަގުތީ ކޮމިޓީއަކަށް ފޮނުވަން އަދި ކޮމިޓީގައި ތިބޭ މެންބަރުންގެ ނަންތައް ވެސް ފާސްކުރީ ހަމަ އެ އަދަދަށް ވޯޓު ދީގެންނެވެ.

ހަތް މެންބަރުންގެ ވަގުތީ ކޮމިޓީގައި ހިމެނޭ މެންބަރުން

  • ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
  • މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު
  • ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު
  • ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް
  • ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު
  • ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު
  • ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ

ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކުގައިވާ ގޮތުން ރަށުގެ އާބާދީ 2000 އަށް ވުރެ ކުޑަ ނަމަ އެ ރަށަކުން އިންތިހާބު ކުރާނީ އެންމެ ތިން ކައުންސިލަރުންނެވެ. މިހާރު އޮންނަ ގޮތަށް ފަސް ކައުންސިލަރުން ހޮވާނީ 2000 އަށް ވުރެ ބޮޑެތި އާބާދީތަކުންނެވެ.

ކައުންސިލުތަކުގައި އަންހެން މެންބަރުން ތިބުން ވެސް ބަދަލުގައި ލާޒިމު ކުރެ އެވެ. އެގޮތުން ތިން ކައުންސިލަރުން ހޮވާ ރަށްތަކުގައި މަދުވެގެން އެއް މެންބަރަކީ އަންހެނަކަށް ވާންޖެހެ އެވެ. އަދި ފަސް ކައުންސިލަރުން ހޮވާ ރަށްރަށުގައި ދެ ކައުންސިލަރުންނަކީ އަންހެނުންނަށް ވާންޖެހެ އެވެ.

އެ ބަދަލުތައް ގެނައި ނަމަވެސް މާލެއިން އިންތިހާބު ކުރާނީ ރައްޔިތުންގެ މަޖިލީހުގައި އެ ސިޓީތަކުން މެންބަރުން އިންތިހާބު ކުރާ އަދަދަށެވެ. އެއީ ގާނޫނުގެ ދަށުން އިންތިހާބު ކުރަންޖެހޭ އަންހެން މެންބަރުން ހިމަނައިގެން ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. އަދި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ކައުންސިލަރަކު އިންތިހާބު ކުރާނެ އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން ވެސް އިސްލާހުގައިވާ ގޮތުން އިންތިހާބު ކުރަންޖެހޭނީ ކައުންސިލާ އެއް އަދަދަކަށެވެ. ތިން ކައުންސިލަރުން ހޮވާ ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގައި ވެސް ތިބޭނީ ތިން މެންބަރުންނެވެ.

އިސްލާހުތަކުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އިތުރު ބާރު ލިބިދޭ މާއްދާތަކެއް ވެސް ހިމެނެ އެވެ. އެގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި އެލްޖީއޭގެ އޮފީސްތައް ހިންގުމުގެ ބާރު އިސްލާހުގެ ދަށުން އެ އިދާރާއަށް ލިބޭނެ އެވެ. އަދި ކައުންސިލްތަކުން ރަސްމީކޯށް ރިޕޯޓު ކުރަންޖެހޭ އަދި ޖަވާބުދާރީވާންޖެހޭ ފަރާތަކީ އެލްޖީއޭ ކަމަށް ވެސް ވަނީ އިސްލާހުގައި ކަނޑައަޅައިފަ އެވެ.