Advertisement

ހުލާސާކޮށް އިއްޔެ: ލަދުން ބޯހަލާކު؛ މެންބަރަށް "ޓްރިޕަލް ސީ" އާއި "ޑަބަލް ސީ" އެއް ނޭނގޭ

17 ނޮވެންބަރު 2025 - 06:18 0

ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ހުލާސާކޮށް އިއްޔެ: ލަދުން ބޯހަލާކު؛ މެންބަރަށް "ޓްރިޕަލް ސީ" އާއި "ޑަބަލް ސީ" އެއް ނޭނގޭ

17 ނޮވެންބަރު 2025 - 06:18 0

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިވި ކަމަށް ވިދާޅުވެ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ އިއްޔެ ދޮގު ހެދި އެވެ.

އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން އަލީ މޫސާ ވިދާޅުވީ އެމްޑީޕީ ސަރުކާރު ނިމުނުއިރު ރާއްޖެ އޮތީ މާލީ ގޮތުން އަނދަވަޅެއްގައި ކަމަށެވެ. އެ ހާލަތުން މިއަދު އަރައިގަނެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ ހެއްކެއްގެ ގޮތުގައި އަލީ މޫސާ ދެއްކެވީ ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން ކަނޑައަޅާ ރާއްޖޭގެ ކްރެޑިޓް ރޭޓިން އެވެ.

"2018 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން އައި އިރު ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން އަކީ ބީ ޕްލަސް. ނަމަވެސް، އެމްޑީޕީ ސަރުކާރު ނިމުނުއިރު، 2023 ގައި ދިވެހި ރާއްޖޭގެ ކްރެޑިޓް ރޭޓިން އަކީ ޓްރިޕްލް ސީ. ނަމަވެސް މިއަދުގެ ކްރެޑިޓް ރޭޓިން އަކީ ޑަބަލް ސީ. އެހެންވީމަ ކުރިއެރުންތަކެއް ހޯދަމުން އަންނަތަން ފެނޭ،" އަލީ މޫސާ މަޖިލީހުގައި ވިދާޅުވި އެވެ.

އަލީ މޫސާ ފާހަގަކުރެއްވި ޓާމް ތަކަކީ ކްރެޑިޓް ރޭޓިން އޭޖެންސީ، ފިޗުން ބޭނުންކުރާ ޓާމްސް ތަކެވެ. ފިޗުގެ ރޭޓިން ތަކަށް ބަލާއިރު، އެމްޑީޕީ މިދިޔަ ސަރުކާރު ނިމުނުއިރު ރާއްޖޭގެ ކްރެޑިޓް ރޭޓިން ހުރީ ޓްރިޕްލް ސީ އަކު ނޫނެވެ. އެމްޑީޕީ ވެރިކަމުގައި ފިޗުން ރާއްޖޭގެ ރޭޓިން އެންމެ ފަހުން ނެރުނީ އޮކްޓޯބަރު، 2023، ގަ އެވެ. އޭރު ކްރެޑިޓް ރޭޓިން ހުރީ ބީ ނެގަޓިވް ގަ އެވެ.

އަލީ ވިދާޅުވި ޓްރިޕަލް ސީ އަށް ރާއްޖޭގެ ރޭޓިން ދަށްކުރީ މުއިއްޒުގެ ވެރިކަމުގައި މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އޭގެ މަހެއް ފަހުން މިދިޔަ އަހަރުގެ އޮގަސްޓު މަހު ފިޗުން ރާއްޖޭގެ ރޭޓިން ޑަބަލް ސީއަށް ދަށްކުރި އެވެ. އަދި މި އަހަރުގެ ޖޫން މަހުން ފިޗުން އެ ރޭޓިން ހިފެހެއްޓި އެވެ.

އަލީ މޫސާ ވިިދާޅުވިހެން މިހާރު ރާއްޖޭގެ ކްރެޑިޓް ރޭޓިން ހުރީ ޑަބަލް ސީ ގަ އެވެ. ނަމަވެސް އެއީ އޭނާ ފުރަތަމަ ވިދާޅުވި ޓްރިޕަލް ސީ ރޭޓިން އަށްވުރެ ދަށް ރޭޓިން އެކެވެ. އެއީ ކުރިއެރުމެއް ނޫނެވެ.

ދެން އެންމެ ފާހަގަކޮށްލެވޭ ރޭޓިން އެޖެންސީ މޫޑީސް އިން ވެސް މި ސަރުކާރު އައި ފަހުން ރޭޓިން "ޖަންކް" ދަށްކުރި އެވެ. އެއީ ހަމަ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. މި އަހަރު ކުރީކޮޅު އެ ރޭޓިން ވަނީ ދަމަހައްޓައިފަ އެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިން އާއި ބެހޭ ގޮތުން ބަޖެޓު ބަހުސްގައި ދޮގު ހެއްދެވި އަލީ މޫސާ އަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ވެސް ހިމެނޭ މެންބަރެކެވެ.

ރާއްޖޭގެ ޖަންކް ރޭޓީން ދެމެހެއްޓުމަށްފަހު މި އަހަރުގެ ކުރީކޮޅު މޫޑީސް އިން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ކުރިއަށް އޮތް ތަނުގައި ވެސް ރޭޓިން ރަނގަޅުވާނެ ކަމަށް ނުބެލެވޭ ކަމަށެވެ. މާލީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ފަހަތު ފަޔަށް ބުރަވާނަމަ ރޭޓިން ދަށްކުރުމުގެ ފުރުސަތު އޮތް ކަމަށް ވެސް މޫޑީސްއިން ފާހަގަކޮށްފައިވެ އެވެ.

މާލީ ރިފޯމުގެ ވާހަކަ ސަރުކާރުން ދެއްކި ނަމަވެސް އެކަށީގެންވާ ފިޔަވަޅުތަކެއް މިހާތަނަށް އަޅާފައެއް ނުވެ އެވެ. މިއަހަރުގެ ބަޖެޓުގައި ޖަހާފައިވާ ފިޔަވަޅުތައް ސަރުކާރުން ތަންފީޒުކޮށްފައިނުވާއިރު ދައުލަތުގެ ހަރަދުތައް ކުޑަ ކަމަށް ފިނޭންސްގެ ރިޕޯޓުތަކުން ދައްކަނީ ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ހޭދަ ބޮޑުތަނުން ދަށްވެފައިވާތީ އެވެ.

އާމްދަނީ އާއި ހަރަދުގެ ސިޔާސަތުތައް ވަށާޖެހޭ ގޮތެއްގައި ރިފޯމްކޮށް، މެދުރާސްތާއަށް ދަރަނި ނަގަން ޖެހޭ މިންވަރު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅައި ތަންފީޒު ކުރަން ތައްޔާރުވަމުން އަންނަ ކަމަށް މިދިޔަ އަހަރު މޫޑީސްއިން ރޭޓިން ދަށްކުރުމުން ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ. ނަމަވެސް، މި ރިވިއުއިން ހާމަވެގެންދިޔައީ ސަރުކާރުގެ ފިޔަވަޅުތައް ލަސްވެ، މާލީ ހާލަތު ރަނގަޅު ކުރަން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމެވެ.

ފިޗްގެ ރޭޓިންތައް:

ގައުމުތަކުގެ މާލީ ހާލަތު ވަޒަން ކުރުމަށް ފިޗް އިން ބޭނުންކުރަނީ AAA (އެންމެ ވަރުގަދަ) އިން ފެށިގެން D (ޑިފޯލްޓް) އަށް ދަރަޖަކުރެވޭ މިންގަނޑެކެވެ.

  • AAA - ވަރަށް ބޮޑަށް ވަރުގަދަ، ރިސްކް އެންމެ ދަށް
  • AA / A - ވަރަށް ވަރުގަދަ
  • BBB - ސްޓޭބަލް ނަމަވެސް މެދުމިނުގެ ރިސްކް
  • BB / B - ސްޕެކިއުލޭޓިވް، ރިސްކު ބޮޑު
  • CCC / CC / C - ރިސްކް ވަރަށް ބޮޑު، ޑިފޯލްޓް ވުމާ ކައިރި
  • D - ޑިފޯލްޓްގައި

މުހިއްމު ބައެއް ހަބަރު