15 ނޮވެންބަރު 2025 - 21:19 1
15 ނޮވެންބަރު 2025 - 21:19 1
އަތޮޅު ކައުންސިލުތައް އުވާލުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބިލު ސްޕޮންސާ ކުރެއްވި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ހުށަހެޅުއްވި ބިލުގައި ވަނީ ހަތަރު ބަދަލެއް ހުށަހަޅައިފަ އެވެ.
އަތޮޅު ކައުންސިލް އުފެއްދުމަށް ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ށ. އިން ރައީސުލްޖުމްހޫރިއްޔާ ދީފައިވާ ބާރު އުނިކުރަން އެ ބިލުގައި ހުށަހަޅާފައިވެ އެވެ. އެއިރުން އަތޮޅު ކައުންސިލެއް ވުޖޫދެއް ނުކުރެވޭނެ އެވެ.
ސުޖާއު ހުށަހެޅުއްވި ބިލުގައި ގާނޫނުއަސާާށީގެ 231 ވަނަ މާއްދާގެ ހ. ގެ ތިން ވަނަ ނަންބަރު އުނިކުރަން ހުށަހަޅާފައިވެ އެވެ. އެއީ އަތޮޅު ކައުންސިލުން އެކުލެވިގެންވާ ގޮތް ބަޔާންކުރާ މާއްދާ އެވެ.
އޭގެ އިތުރުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ށ. ގައި އަތޮޅު ކައުންސިލް ބަޔާންކޮށްފައިވާ ބަސް އުނިކުރަން ވެސް އެ ބިލުގައި ހުށަހަޅާފައިވެ އެވެ. އެއީ ކައުންސިލުތައް އިންތިހާބު ކުރަން ވޯޓު ނަގަންޖެހޭ ގޮތް ބަޔާން ކުރާ މާއްދާ އެވެ.
ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ލާމަރުކަޒީ ނިޒާމުން ކައުންސިލުތަކަށް ލިބިފައިވާ ބާރުތައް ހަނި ކުރަން ގެންދަވަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކައުންސިލުތަކަށް ވިޔަފާރި ކުރުމަށް ލިބިދީފައި އޮތް ބާރު ވެސް ވަނީ ވަރަށް ބޮޑަށް ހަނިކޮށްފަ އެވެ.
އަތޮޅު ކައުންސިލު އުވާލުމަކީ ވެސް ލާމަރުކަޒީ ނިޒާމަށް މުއިއްޒު ގެންނަވަން އުޅޭ ބަދަލުތަކުގެ ތެރެއިން އެއް ބަދަލެވެ.
"ކޮންމެ ރަށެއްގެ ރަށު ކައުންސިލް މިކަމަށް ހެކި ވާނެ. އެއީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން. އެހެންވީމާ ގާނޫނުއަސާސީ އަޅުގަނޑުމެން އިސްލާހު ކުރާނަން. ގާނޫނުއަސާސީ އިސްލާހު ނުކޮށެއް ނެތް މިކަމެއް ވާކަށް، އަތޮޅު ކައުންސިލްތައް އުވާލުމެއް،" އޯގަސްޓު، 2025، ގައި މުއިއްޒު ވިދާޅުވި އެވެ.
Comment