Advertisement

ޕީއެންސީ ޖަލްސާއަށް ޔާމީނުގެ ގޭގެ ބެލްކަންޏަށް ފިޔާތޮށި ހުސްގޮނޑިއެއް ނެރެފި

14 ނޮވެންބަރު 2025 - 20:04 3

އަހުމަދު އާއިދު

އަހުމަދު އާއިދު

މުއިއްޒުގެ ކެމްޕޭން ޖަލްސާއެއްގައި ޔާމީނަށް ހާއްސަކޮށް ހުސް ގޮނޑިއެއް ބަހައްޓާފައި --- ފޮޓޯ: އަދަދު


ޕީއެންސީ ޖަލްސާއަށް ޔާމީނުގެ ގޭގެ ބެލްކަންޏަށް ފިޔާތޮށި ހުސްގޮނޑިއެއް ނެރެފި

14 ނޮވެންބަރު 2025 - 20:04 3

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ވެރިކަންކުރާ ޕީއެންސީ އިން މިރޭ ބާއްވާ ޖަލްސާ "ބެލުމަށް" ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ގޭގެ ބެލްކަންޏަށް ފިޔާތޮށި ކުލައިގެ ހުސް ގޮނޑިއެއް ނެރެފި އެވެ.

ޔާމީނުގެ އަމިއްލަ ގެ، ހ. ދޫވެހީގެ ބެލްކަންޏަށް އެ ގޮނޑި ނެރެފައި ހުރި މަންޒަރު ފެންނަ ފޮޓޯތަކެއް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މުއިއްޒުގެ ރިޔާސީ ކެމްޕޭނުގައި ބޭއްވި ގިނަ ޖަލްސާތަކުގައި، އޭރު ޖަލުގައި ހުންނެވި ޔާމީނަށް ހާއްސަކޮށް އެމަނިކުފާނުގެ ނަން ޖަހާފައި ހުރި ގޮނޑިއެއް ބެހެއްޓި އެވެ. ގިނަ ޖަލްސާތަކުގައި ބެހެއްޓީ އޭރު ޕީއެންސީ ކޯލިޝަނުގެ މައި ޕާޓީ، ޕީޕީއެމްގެ ކުލަ ކަމަށްވާ ފިޔާތޮށި ކުލައިގެ ގޮނޑި އެކެވެ.

މި ސަރުކާރު ވެރިކަމަށް އައިތާ މަހެއް ނުވަނީސް މުއިއްޒު އާއި ޔާމީންއާ ދެމެދު މައްސަލަ ޖެހުނެވެ. ޔާމީން ވިދާޅުވީ މިހާރު އުވާލާފައިވާ ޕީޕީއެމް ހިންގުމަށް ރައީސް މުއިއްޒު ހުރަސް އަޅުއްވަމުންގެންދަވާ ކަމަށެވެ. އޭގެ ފަހުން މަދު ދުވަސްކޮޅެއްގެ ތެރޭގައި އެމަނިކުފާނު ޕާޓީއިން ވަކިވެވަޑައިގެން ޕީއެންއެފް އުފެއްދެވި އެވެ.

ޔާމީނުގެ ގޭގެ ބެލްކަންޏަށް ހުސް ގޮނޑިއެއް ނެރެފައި ---- ފޮޓޯ: ސޯޝަލް މީޑިއާ


ޔާމީނުގެ އާ ޕާޓީ، ޕީއެންއެފް މިއަދާ ހަމައަށް މަސައްކަތް ކުރަމުން ދިޔައީ އިދިކޮޅު ޕާޓީއެއްގެ ގޮތުގަ އެވެ. މުއިއްޒު އަދި އެމަނިކުފާނުގެ ސަރުކާރަށް ތަކުރާރުކޮށް ފާޑުކިޔާ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ޕީއެންއެފްގެ ޖަލްސާތައް ވެފައިވަނީ ސަރުކާރުން އެންމެ ގިނައިން ރައްދު ދެމުންދާ އެއް ސިޔާސީ ހަރަކާތަށެވެ.

ޔާމީނުގެ ޕާޓީން މިރޭ ޕީއެންސީގެ ޖަލްސާ އާއި އެއް ވަގުތެއްގައި ޖަލްސާއެއް ބާއްވަން ވެސް ރޭވި އެވެ. ނަމަވެސް އެ ޖަލްސާ ފަސްކުރީ އާދީއްތަ ދުވަހުގެ ރެެއަށް ފަސްކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ޕީއެންއެފް އިން މީޑިއާތަކަށް މައުލޫމާތު ދީފައިވެ އެވެ.

ޔާމީން މިނިވަން ކުރުމަކީ މުއިއްޒުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދެވެ. އެކަމަކު ދައުލަތް މެދުވެރިކޮށް އަދިވެސް ޔާމީންގެ މައްޗަށް އެބަ ޖިނާއީ ދައުވާތަކެއް އުފުލަ އެވެ.

މުއިއްޒު ދެއްކެވި އެ ވާހަކަތައް ފަހުން ސަރުކާރުން ވަނީ އަނބުރާލައިފަ އެވެ. ސަރުކާރުން ފަހުން ބުނަމުންދިޔައީ މުއިއްޒު އެއިރު ވިދާޅުވި ވާހަކައަކީ، ޖުޑިޝަރީއަށް ސަރުކާރުގެ ނުފޫޒު ނުފޯރުވުމުން ޔާމީން މިނިވަންވާނެ ވާހަކަ ކަމަށެވެ.