Advertisement

ފުވައްމުލަކަށް ފެން ގެންދާ ފުލައިޓުތަކުގައި ޕީއެންސީ ޖަލްސާއަށް މީހުން މާލެ ގެންނަނީ

13 ނޮވެންބަރު 2025 - 16:38 4

އަހުމަދު އާއިދު

އަހުމަދު އާއިދު

މޯލްޑިވިއަން ގެ ދެ ބޯޓެއް އުދުހިފައި ދަނީ: ފުވައްމުލަކަށް ފެން ގެންދާ ފުލައިޓުތަކުގައި ޕީއެންސީ ޖަލްސާއަށް މީހުން ގެންނަ ކަމަށް ވަނީ މައުލޫމާތު ލިބިފަ ---- ފޮޓޯ: އަދަދު


ފުވައްމުލަކަށް ފެން ގެންދާ ފުލައިޓުތަކުގައި ޕީއެންސީ ޖަލްސާއަށް މީހުން މާލެ ގެންނަނީ

13 ނޮވެންބަރު 2025 - 16:38 4

ހޯމަ ދުވަހުން ފެށިގެން ސާފު ފެން ނުލިބި ފެނަށް ޖެހިފައި އޮތް ފުވައްމުލަކު ސިޓީއަށް ބޯފެން ގެންދިޔުމަށް މޯލްޑިވިއަނުން އެ ރަށަށް ޗާޓަރުކޮށްގެން އަޅަމުންދާ ފްލައިޓުތަކުން، މާދަމާ ވެރިކަންކުރާ ޕީއެންސީއިން މާލޭގައި ބާއްވާ ޖަލްސާއަށް މީހުން ގެންނަކަން އެނގިއްޖެ އެވެ.

ފެން ކެނޑުމާއި ގުޅިގެން ހޯމަ ދުވަހު ދަންވަރުން ފެށިގެން ފުވައްމަލަކަށް ފެން ގެންދިޔުމަށް މޯލްޑިވިއަން އިން ދަނީ ފުވައްމުލަކަށް ފްލައިޓު އަޅަމުންނެވެ.

މި ފްލައިޓުތަކުގެ ތެރެއިން ރެއިން ފެށިގެން ފުވައްމުލަކަށް ފެން ގެންދިޔުމަށް އަޅަމުންދާ ފްލައިޓުތައް އެނބުރި މާލެ އަންނައިރު، ޕީއެންސީ ޖަލްސާއަށް މީހުން ގެންނަމުންދާ ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ. މިހާތަނަށް ހައެއްކަ ފްލައިޓުގައި މީހުން ގެނެސްފައިވާ ކަމަށް އެ ރަށުން މައުލޫމާތު ދިން ބައެއް މީހުން ބުންޏެވެ.

މި ނޫހުން އެކި ގޮތްގޮތުން އެއްކުރި މައުލޫމާތުން އެނގޭ ގޮތުގައި ފާއިތުވި 48 ގަޑިއިރެއްހާ އިރު ތެރޭގައި ފުވައްމުލަކުން މާލެއަށް 10 ވަރަކަށް ފްލައިޓު އަޅާފައިވެ އެވެ.

މި ދަތުރުތަކުގައި މާލެ އައި މީހުންގެ ތެރޭގައި ޕީއެންސީގެ ސަޕޯޓަރުންނާއި ސަރުކާރުގެ ކުންފުނިތަކުގައި ތިބި މީހުންނާއި ސިޔާސީ މަގާމުތަކުގައި ތިބި މީހުން ހިމެނެ އެވެ.

ފެން ނުލިބުމާ ގުޅިގެން އިއްޔެ އާއި ރޭ ވަނީ ފުވައްމުލަކުގައި މުޒާހަރާ ވެސް ކޮށްފަ އެވެ.

އާބާދީގައި 10،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ފުވައްމުލަކުގައި ކުރިއަށްދިޔަ މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ އެ ރަށަށް ސާފު ފެން ނުލިބުމަކީ ސަރުކާރުގެ ބޮޑު ފޭލިއާއެއް ކަމަށެވެ. އެ މައްސަލައިގައި ރައީސް މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވުމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވާލި އެވެ.

ފުވައްމުލަކު ފެނުގެ ނިޒާމުގައި މައްސަލަ ޖެހެން ފެށީ ލޮނުފެން، ސާފު ފެނަށް ބަދަލުކުރަން ބޭނުންކުރާ ސިސްޓަމުގެ ބައިތަކަކަށް ގެއްލުން ވުމާއި ފެނުގެ ނެޓްވޯކުގެ އެހެން ބައިތަކަށް ވެސް އެކި ވަރުގެ ގެއްލުން ވުމާއި ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ފުވައްމުލަކުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން އެސްއޯއީތަކުގެ މުވައްޒަފުންނާއި ސަރުކާރުގެ މުވައްޒަފުން މާދަމާ ރޭގެ ޖަލްސާއަށް މާލެ ގެންނަމުންދާ ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އެ މީހުން ދަތުރުކުރާ މަންޒަރުތަކާއި މާލެ އައުމުން އެއާޕޯޓުންނާއި ބަނދަރުން މަރުހަބާ ކިޔާ މަންޒަރުތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ޕީއެންސީގެ މާދަމާ ރޭ ޖަލްސާ ބާއްވަނީ ރައީސް މުހައްމަދު މުއިއްޒު ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރިކަން ފާހަގަ ކުރުމަށް ކަމަށް އެ ޕާޓީން ބުނެ އެވެ. އެ ޖަލްސާ ބާއްވަނީ އާޓިފިޝަލް ބީޗު ސަރަހައްދުގަ އެވެ.