Advertisement

ސެސްކޯގެ އަނިޔާގެ ތަފްސީލް ދެނެގަންނަން އިތުރު ޓެސްޓްތަކެއް ހަދަނީ

11 ނޮވެންބަރު 2025 - 09:22 0


ސެސްކޯގެ އަނިޔާގެ ތަފްސީލް ދެނެގަންނަން އިތުރު ޓެސްޓްތަކެއް ހަދަނީ

11 ނޮވެންބަރު 2025 - 09:22 0

މެންޗެސްޓާ (ނޮވެމްބަރު 11) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ސްލޮވީނިއާ ގައުމީ ޓީމުގެ ފޯވާޑް ބެންޖަމިން ސެސްކޯ އަށް ލިބިފައިވާ އަނިޔާގެ ތަފްސީލް ދެނެގަންނަން އިތުރު ޓެސްޓްތަކެއް ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު މެންޗެސްޓާ ޔުނައިޓެޑުން 2-2 އިން ޓޮޓެންހަމް ހޮޓްސްޕާސްއާ އެއްވަރުވި މެޗުގައި ބަދަލަކަށް ކުޅެން އެރި ސެސްކޯ، 22، ވަނީ އަނިޔާވެގެން ބާލަންޖެހިފަ އެވެ. ސެސްކޯގެ ކަކުލަށް އަނިޔާވެފައިވާތީވެ، ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ސްލޮވީނިއާ އިން ނެގި ސްކޮޑުން ވެސް އޭނާ ވަނީ ބާކީކޮށްފަ އެވެ.

އަންނަ މަހު ފަށާ އެފްރިކަން ކަޕަށް ޔުނައިޓެޑުގެ ދެ އެޓޭކަރުން ކަމަށްވާ ބްރަޔަން އެމްބެއުމޯ އާއި އަމަދު ޑިއާލޯ ދާއިރު، ޔުނައިޓެޑުން އެ މުއްދަތުގައި ސެސްކޯގެ ބޭނުން ވަރަށް ބޮޑަށް ހިފަންޖެހޭނެ އެވެ. އެހާތަނަށް ސެސްކޯ ފިޓްނުވެއްޖެނަމަ، ޖެނުއަރީ މަހުގެ ޓްރާންސްފާގައި އިތުރު ފޯވާޑެއް ހޯދަން ޔުނައިޓެޑުން މަސައްކަތް ކުރާނެތޯ އެހުމުން، ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް އެ އަށް ސީދާ ޖަވާބެއް ނުދެ އެވެ.

އަމޮރިމް ބުނީ ކަކުލަށް ލިބުުނު އިންޖަރީއަކާ ގުޅޭ ގޮތުން ތަފްސީލުކޮށް ވާހަކަ ދެއްކޭނީ އެ އަނިޔާއާ ގުޅޭ ހުރިހާ މައުލޫމާތެއް ލިބިގެން ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން، ޔުނައިޓެޑުން ވަނީ ސްޕެޝަލިސްޓަކަށް ދައްކައިގެން ސެސްކޯގެ އަނިޔާގެ ފުރިހަަމަ މައުލޫމާތު ދެނެގަންނަން ނިންމައިފަ އެެވެ.

ލައިޕްޒިގުން ސެސްކޯ ޔުނައިޓެޑަށް ވިއްކާލި ޑީލުގެ ޖުމްލަ އަދަދު 100 މިލިއަން ޑޮލަރަށް އަރާނެ އެވެ. ސެސްކޯ ވަނީ މި ސީޒަނުގައި ޔުނައިޓެޑަށް ކުޅުނު 12 މެޗުން ދެ ގޯލު ޖަހައި، އެއް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެެވެ.