11 ނޮވެންބަރު 2025 - 08:17 0
11 ނޮވެންބަރު 2025 - 08:17 0
ރިވައިވަލް ސްޕޯޓްސް އިން ދުނިޔޭގެ ބެޑްމިންޓަން ޖަމިއްޔާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރުހުންދީފައިވާ އެފްރިކާގެ ތިން މުބާރާތެއްގައި ވާދަކުރަން ތައްޔާރުވެއްޖެ އެވެ.
މިއީ، މިދިޔަ މެއި މަހު ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑް ކުރުމުން، އެ ސަސްޕެންޝަނާ އެއްގޮތަށް އަމަލުކުރަން ފަށައި، ޖޫން މަހު، ޗެކް ރިޕަބްލިކާއި އިޓަލީގައި އޮތް މުބާރާތްތަކުގައި ވާދަކުރަން އެންޓްްރީ ހަދައި، ބައިވެރިވުން ޔަގީންކޮށްފައި އޮތް ގައުމީ ބެޑްމިންޓަން ޓީމާއި ރިވައިވަލް ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ވަނީ ބާކީކޮށްފަ އެވެ.
އޭގެ ފަހުން، މިދިޔަ ސެޕްޓެމްބަރު މަހު، ބީޑަބްލިއުއެފް އިން ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖޭގެ ކުޅުންތެރިންނަށް ކުޅެވޭ ގޮތަށް ސަސްޕެންޝަނަށް ލުއިތަކެއްް ދީފަ އެވެ. އެއާ އެކު، އިއްޔެ، ރިވައިވަލްގެ ކުޅުންތެރިން ތައްޔާރީތައް ފަށައި، އިއްޔެ ވަނީ އެފްރިކާގެ ތިން މުބާރާތަށް ފުރައިފަ އެވެ.
އެ ގޮތުން، ރިވައިވަލް އިން ވާދަކުރަން ހަމަޖެހިފައިވާ މުބާރާތްތަކަކީ، މި މަހު 13-16 އަށް ކުރިއަށްދާ ޒެމްބިއާ އިންޓަނޭޝަނަލް، މި މަހު 20-23 އަށް ކުރިއަށްދާ ބޮޓްސްވާނާ އިންޓަނޭޝަނަލް އަދި މި މަހު 27-30 އަށް ސައުތު އެފްރިކާގައި ބާއްވާ އަކުއާސްޕްރިންގްސް ސައުތު އެފްރިކާ އިންޓަނޭޝަނަލްގަ އެވެ.
މި މުބާރާތްތަކުގައި ރިވައިވަލް ސްޕޯޓްސްގެ ހައި ޕާފޯމަންސް ޓީމުގެ ހަ ކުޅުންތެރިއަކު ފެނިގެންދާނެ އެވެ. އެއީ، ނިބާލް އަހުމަދު، ޒަޔާން ޒަކީ، ފާތިމަތު ނަބާހާ (ނަބާ)، އައިމިނަތު ނަބީހާ (ނަބީ)، ހަަސަން ޒަޔާން މުހައްމަދު، އަދި ހައިޝަމް އިބްރާހިމް އަލީ އެވެ. ރިވައިވަލްގެ ކޯޗު، ނަޝްފާން މުހައްމަދު ވެސް ޓީމާ އެކު ދިޔައިރު، ޓީމުގެ މެނޭޖަރަކަށް ޝާނިފް އެވެ.
މިދިޔަ އަހަރުގެ ޒެމްބިއާ މުބާރާތާއި ބޮޓްސްވާނާ މުބާރާތުން ޖުމްލަ އެކު، ރިވައިވަލް އިން ވަނީ ރާއްޖެ އަށް އަށް މެޑަލް ހޯދައިދީފަ އެވެ. ޒެމްބިއާ މުބާރާތުން އަންހެން ޑަބަލްސް އިން ނަބާ އާއި ނަބީގެ ޕެއާ އިން ރަން މެޑަލް ހޯދިއިރު، މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާގެ ޕެއާ އިން ލޯ މެޑަލް އަދި އަންހެން ސިންގަލްސް އިން ނަބާ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.
ބޮޓްސްވާނާ މުބާރާތުގެ އަންހެން ސިންގަލްސް އިން ނަބާގެ ރަން މެޑަލާއި ނަބީގެ ރިހި މެޑަލްގެ އިތުރުން، މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާގެ ރިހި މެޑަލާއި ފިރިހެން ޑަބަލްސް އިން ޒަޔާން އާއި ނިބާލްގެ ޕެއާގެ ލޯ މެޑަލްގެ އިތުރުުން އަންހެން ޑަބަލްސްގައި ނަބާ އާއި ނަބީގެ ޕެއާ އިން ހޯދި ލޯ މެޑަލް އެވެ.
މީގެ ތެރެއިން، ބޮޓްސްވާނާ މުބާރާތުގައި ހޯދި ސިންގަލްސް ރަން މެޑަލާއި ސިންގަލްސް ރިހި މެޑަލަކީ، ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން، ބީޑަބްލިއުއެފް ރުހުން ދީފައިވާ މި ލެވަލްގެ މުބާރާތަކުން ރާއްޖެ އަށް ލިބުނު ސިންގަލްސް އިވެންޓްގެ ފުރަތަމަ މެޑަލްތަކެވެ.
Comment