Advertisement

އެމްޑީޕީ ޕްރައިމަރީ: މާލޭގެ މޭޔަރު ރޭހުގައި ނަޝީދުގެ ތާއީދު އަލީ އާޒިމް އަށް

10 ނޮވެންބަރު 2025 - 15:30 6

އަހުމަދު އާއިދު

އަހުމަދު އާއިދު

އަލީ އާޒިމް (ވ) އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ---


އެމްޑީޕީ ޕްރައިމަރީ: މާލޭގެ މޭޔަރު ރޭހުގައި ނަޝީދުގެ ތާއީދު އަލީ އާޒިމް އަށް

10 ނޮވެންބަރު 2025 - 15:30 6

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާ ދެ އާޒިމްގެ ތެރެއިން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދުކުރައްވަނީ އަލީ އާޒިމް އަށް ކަން އެމަނިކުފާނު އިއުލާނުކުރައްވައިފި އެވެ.

އަލީ އާޒިމް އަށް ތާއީދު ކުރައްވާ ކަން ނަޝީދު އިއުލާނުކުރެއްވީ އެކްސް އަދި ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އަލީ އާޒިމްގެ އިތުރުން އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމް އެވެ.

އެމްޑީޕީގެ މާލެ ދާއިރާގެ ރައީސްގެ މަގާމުގައި ވެސް މިހާރު ހުންނެވި އާދަމް އާޒިމް މޭޔަރުކަން ކާމިޔާބުކުރެއްވީ 54،680 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭ މާލެ ސިޓީން 31 ޕަސެންޓު މީހުން ވޯޓުލީ އިންތިހާބުގެ 44.8 ޕަސެންޓު ހޯއްދަވައިގެންނެވެ.

މޭޔަރުކަމަށް ވަޑައިގަތުމުގެ ކުރިން، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އާޒިމް ހުންނެވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ.

އަލީ އާޒިމް އަކީ 19 ވަނަ މަޖިލީހުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށް، ހޮވުނު މެންބަރެކެވެ. އެ ޕާޓީގެ އިސް ސަފުގައި ހުންނެވުމަށްފަހު ޕާޓީގެ ތެރޭގައި އުފެދުނު ސިޔާސީ ކޯޅުމުގެ ތެރެއިން އޭނާ ޕާޓީން ވަކިކުރި އެވެ.

އޭގެ ފަހުން އާޒިމް ފެނިގެން ދިޔައީ އޭނާ އާއެކު އެމްޑީޕީން 2023 ގައި ވަކިވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި ދަ ޑިމޮކްރެޓްސް އިންނެވެ. އެ ޕާޓީ ދޫކޮށް އަލުން އަނބުރާ އެމްޑީޕީއަށް އާޒިމް ސޮއިކުރެއްވީ ޖެނުއަރީ 11، ގަ އެވެ.