Advertisement

ބަހާލި ޕްރޮޖެކްޓުތަކަށް ފައިސާ ދޫކުރުން ހުއްޓުވުމަށާއި މާލިއްޔަތު ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރަން އެމްޑީޕީން ކޯޓަށް ދަނީ

8 ނޮވެންބަރު 2025 - 23:06 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އޮކްޓޯބަރު 3، ގައި ބޭއްވި އެއްވުމުގެ ތެރެއިން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އަދި ކުރީގެ ރައީސް ސޯލިހު ---- ފޮޓޯ: އަދަދު


ބަހާލި ޕްރޮޖެކްޓުތަކަށް ފައިސާ ދޫކުރުން ހުއްޓުވުމަށާއި މާލިއްޔަތު ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރަން އެމްޑީޕީން ކޯޓަށް ދަނީ

8 ނޮވެންބަރު 2025 - 23:06 1

ސަރުކާރުން ބުރާސްފަތި ދުވަހު ބޮޑު ހަފުލާއެއް ބާއްވާ ބީލަމަށް ނުލައި ބަހާލި 206 ޕްރޮޖެކްޓަށް ފައިސާ ދޫކުރުން ހުއްޓުވުމަށާއި އެކަން ކުރުމަށް މަގުފަހިވާނެހެން މާލިއްޔަތު ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރުމަށް ކޯޓަށް ދާން އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ނިންމައިފި އެވެ.

މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މި މައްސަލާގައި ކޯޓަށް ދިޔުމަށާއި މިކަމާއި ގުޅިގެން ދެން އުފެދޭ އެމްޑީޕީގެ ސަރުކާރަކުން އަމަލުކުރާނެ ގޮތްތައް ހިމެނޭ ގަރާރެއް ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމް އެވެ. މި ގަރާރު ފާސްވީ ބައްދަލުވި މެންބަރުންގެ އިއްތިފާގުންނެވެ.

މިކަމާއި ގުޅިގެން ފާހަގަވި ކަންކަމުގެ ގޮތުގައި ސަލީމްގެ ގަރާރުގައި ބުނެފައިވާ ކަންކަމުގެ ތެރޭގައި ސަރުކާރުގެ މަޝްރޫއުތައް ބީލަމަށް ނުލައި ދެވޭނެހެން މާލިއްތު ގާނޫނަށް ގެނައި ބަދަލު މާލިއްޔަތު ގާނޫނާއި ހިލާފު ވުން ހިމެނެ އެވެ.

މީގެ އިތުރުން، މި މަޝްރޫއުތައް އިއުލާނު ނުކުރުމާއި އެ މަސައްކަތް ހަވާލުކުރި ސަރުކާރާއި ސަރުކާރުގެ ވެރިންނާއި ގުޅުންހުރި ކުންފުނިތައް ފިޔަވައި އެހެން ބަޔަކަށް ފުރުސަތު ނުދިނުން އަދި ކޮންޓްރެކްޓަރުންގެ ދަފުތަރުގައި ނުހިމެނޭ ކުންފުނިތަކާއި އުވާލުމުގެ މަރުހަލާގައިވަ ކުންފުނިތަކަށް މަޝްރޫއުތައް ދިނުން ކަންބޮޑުވުންތަކުގެ ތެރޭގައި ހިމަނާފައިވެ އެވެ.

މިކަމާއި ގުޅިގެން އެމްޑީޕީން އިގުރާރުވެފައިވަނީ ހަ ކަމަކަށެވެ. އެއީ؛

  • މުއިއްޒުގެ ސީދާ އެންގެވުމަށް ޕްރޮޖެކްޓްތައް ދިނުމަށް ނިންމި ނިންމުން ކުށްވެރިކުރުމާއެކު، ގާނޫނާ ހިލާފަށް ހަދައިފައިވާ އެގްރީމަންޓުގައި ބާތިލުކުރުމަށް ސަރުކާރަށާއި މިކަމުގައި ބައިވެރިވި ކުންފުނިތަކަށް ގޮވައިލުން.
  • ދައުލަތުގެ މުއައްސަސާތަކުން މި ޖަރީމާ ތަހުގީގުކޮށް، އަވަހަށް ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވައިލުމާއިއެކު އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުން.
  • މާލިއްޔަތުގެ ގަވައިދަށް ގެނައި ޣައިރު ދުސްތޫރީ ބަދަލު ބާތިލު ކުރުމަށް ކޯޓަށް ހުށަހެޅުން،
  • ދައުލަތައް މި މުއާމަލާތުގެ ސަބަބުން ލިބިދާނެ ބޮޑު ގެއްލުމަކަށް ޓަކައި މި މަޝްރޫއުތަކަށް ފައިސާ ދޫކުރުން ހުއްޓުވުމަށް އަމުރެއް ނެރުމަށް ކޯޓުގައި އެދުން،
  • މި މައްސަލައިގައި މިހާރުން މިހާރަށް ފިޔަވަޅު ނާޅައިފި ނަމަ، އެމްޑީޕީން ދެން އެކުލަވައިލާ ސަރުކާރުގައި، މި މައްސަލަތައް ބަލައި، ޤާނޫނީ ފިޔަވަޅު އެޅުން.
  • ދައުލަތުގެ މުއައްސަސާތަކުން މިހާރު މި މައްސަލަތައް ބެލުމަށް އިންކާރުކުރާ މީހުން، އެމްޑީޕީން ދެން އެކުލަވައިލާ ސަރުކާރުގައި މަގާމުތަކުން ވަކިކޮށް، ރަސްމީ ވާޖިބު އަދާނުކުރި މައްސަލައާއި އަދި ކޮރަޕްޝަނަށް ވާގިވެރިވި މައްސަލައިގައި ދައުވާކުރުން.

ވާދަވެރި ބީލަމަކަށް ނުގޮސް ބަހާލާ މި މަޝްރޫއުތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ އިތުރުން، ސިއްހަތާއި ތައުލީމާއި، ކުނި މެނޭޖްކުރުމުގެ އިތުރުން ކުޅިވަރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނެ އެވެ.

އޭގެ ތެރެއިން ބޯހިޔާވަހިކަމާއި ބަނދަރު ތަރައްގީކުރުމުގެ 13 މަޝްރޫއުއެއްގެ އަގު 997 މިލިއަން ރުފިޔާ އަރާއިރު، ތައުލީމީ ދާއިރާގެ 26 މަޝްރޫއު އަށް 397 މިލިއަން ރުފިޔާ، ސިއްހީ ދާއިރާގެ 30 މަޝްރޫއުއަކަށް 312 މިލިއަން ރުފިޔާ އަރަ އެވެ.

ވާދަވެރި ބީލަމަކަށް ހުޅުވާ ނުލައި މަޝްރޫއުތަކެއް ބަހާލަން ނިންމީ ވަޒީރުންގެ މަޖިލީހުން ބޭނުންވާ ޕްރޮޖެކްޓުތައް ބީލަމަކަށް ނުލައި އެވޯޑު ކުރެވޭ ގޮތަށް އޮކްޓޯބަރު 12، ގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ބަދަލު ކުރުމަށް ފަހު އެވެ.