Advertisement

ހަވާލުކުރިތާ ދެ އަހަރު ފަހުން މުއިއްޒުގެ ދަތުރާ ދިމާކޮށް ފުވައްމުލަކުގައި 400 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި

4 ނޮވެންބަރު 2025 - 20:26 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފުވައްމުލަކު ހައުސިން ޔުނިޓުތަކުގެ ބިންގާ އަޅަން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް


ހަވާލުކުރިތާ ދެ އަހަރު ފަހުން މުއިއްޒުގެ ދަތުރާ ދިމާކޮށް ފުވައްމުލަކުގައި 400 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި

4 ނޮވެންބަރު 2025 - 20:26 0

ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ފުވައްމުލަކުގައި އަޅަން ހަވާލުކުރި 400 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ނުފަށާ ދެ އަހަރު މަޑުކުރުމަށްފަހު، ރައީސް މުއިއްޒު މިއަދު އެ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެ މަޝްރޫއުގެ ބިންގާ އަޅައިފި އެވެ.

މުއިއްޒުގެ ދަތުރުގެ ތެރެއިން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ ބިންގާ އެޅީ ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު އާއި މަސައްކަތް ހަވާލުކުރި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަދި ފުވައްމަލަކު ތިން ދާއިރާގެ މަޖިލިސް މެންބަރުންނެވެ.

ހައުސިން މިނިސްޓްރީން މި މަޝްރޫއު ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް ކުންފުންޏާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރީ އޮގަސްޓު 7، 2023، ގަ އެވެ. ޖުމްލަ 469.8 މިލިއަން ރުފިޔާއަށް، މި މަޝްރޫއުގެ މަސައްކަތް އޭރު ހަވާލުކުރީ 540 ދުވަހުން ނިންމުމަށެވެ. އެ މުއްދަތު މި އަހަރުގެ ޖެނުއަރީ 28، އަށް ވަނީ ހަމަވެފަ އެވެ.

މި މަޝްރޫއުގެ ދަށުން ފުވައްމުލަކުގެ ފަސް ސަރަހައްދެއްގައި 11 ބުރީގެ ފަސް ޓަވަރު އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެން ކޮންމެ ޓަވަރެއްގައި ތިން ކޮޓަރީގެ 1،000 އަކަފޫޓު ހުންނަ ފުލެޓުތަކެއް ހެދުމަށް ވަނީ ނިންމައިފަ އެވެ.

ޓަވަރުތަކުގެ ގްރައުންޑް ފްލޯގައި ޕާކިން އޭރިއާއަކާއި ކޮމާޝަލް ޖާގައެއް އަދި މެއިންޓަނަންސް އޮފީހެއް ހެދުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. ޓަވަރުތައް އިމާރާތް ކުރަނީ ދެ ލިފްޓާއެކު އެވެ.

ގިނަ ރަށްރަށުގައި ކުރީ ސަރުކާރުން ހަވާލުކޮށްފައި ހުރި މަޝްރޫއުތަކުގެ ބިންގާ، މުއިއްޒުގެ ދަތުރުތަކާ ގުޅުވައި ދަނީ އަޅަމުންނެވެ. އަދި، އާ މަޝްރޫއުތަކުގެ ސޮއިކުރުމުގެ ރަސްމިއްޔާތުތަކެއް ވެސް ބާއްވާފައިވެ އެވެ.

ނަމަވެސް، މި ސަރުކާރު އައި ފަހުން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ވަނީ މަޑުޖެހިފަ އެވެ. ތަރައްގީގެ މަޝްރޫއުތަކަށް މި ދެ އަހަރުގެ ބަޖެޓުގައި ކަނޑައެޅި އަދަދަށް ފައިސާ ހަރަދުކޮށްފައެއް ވެސް ނުވެ އެވެ.

ހަވާލުކޮށްފައިވާ ގިނަ މަޝްރޫއުތަކާއި ހޯދާފައިވާ އެހެން ހިދުމަތްތަކާއި ގުޅިގެން ސަރުކާރުން ދައްކަން ޖެހޭ އެތައް ބިލިއަން ރުފިޔާއެއްގެ ބިލުތަކަށް ސަރުކާރުން ފައިސާ ނުދައްކާތާ އެތައް ދުވަހެއް ވަނީ ފާއިތުވެފަ އެވެ. ބުރާސްފަތި ދުވަހަކީ މި ފައިސާ ދައްކާ ހަލާސްކުރަން މުއިއްޒު ދެއްވާފައިވާ ތިންވަނަ ތާރީހެވެ.

ނަމަވެސް، މި ނޫހަށް މައުލޫމާތު ލިބޭ ގޮތުގައި ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ޗާޕުކޮށްގެން ނޫނީ އެކަން ކުރެވޭނެ ގޮތެއް ސަރުކާރަކަށް ނެތެވެ.