Advertisement

ދިވެހި ޕްރިމިއާ ލީގު: ޓީސީ ބަލިކޮށް އީގަލްސް އިން ސީޒަންގެ ފުރަތަމަ މޮޅު ހޯދައިފި

2 ނޮވެންބަރު 2025 - 18:09 0

އީގަލްސްގެ އީސަ، ރިޒޭ އަދި ކޮކީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް


ދިވެހި ޕްރިމިއާ ލީގު: ޓީސީ ބަލިކޮށް އީގަލްސް އިން ސީޒަންގެ ފުރަތަމަ މޮޅު ހޯދައިފި

2 ނޮވެންބަރު 2025 - 18:09 0

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް، ކްލަބް އީގަލްސް އިން މި ސީޒަނުގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފި އެވެ.

އީގަލްސް އިން މި ފަހަރުގެ ސީޒަނުގައި، ޗެރިޓީ ޝީލްޑް މެޗު ހިމެނޭ ގޮތަށް ހަތް މެޗު ކުޅެފައިވާއިރު، އެ ޓީމުން މޮޅުވީ މިއަދުގެ މެޗުންނެވެ. އެ ގޮތުން، މި ސީޒަނުގައި، ޗެރިޓީ ޝީލްޑް މެޗާއި ލީގުގެ ފުރަތަމަ ހަ މެޗުގެ ތެރެއިން ތިން މެޗުން އެއްވަރުވިއިރު، އެއް މެޗުން މޮޅުވެ، ތިން މެޗުން މި ވަނީ ބަލިވެފަ އެވެ.

ލީގު ފެށިއިރު، އީގަލްސްގެ ކޯޗަކަށް ހުރި އަހުމަދު ނިމާދު (ނިމާ) ޓީމާ ދުރަށް ދިއުމުން، ކޯޗުގެ ޒިންމާއާ ހަވާލުވީ ކުރިން އީގަލްސް އަށް ކުޅުނު އަބްދުﷲ ހަނީފް (ބެންޖޯ) އެވެ. ބެންޖޯ ހަވާލުވި ފަހުން އީގަލްސް އިން ކުޅުނު ފުރަތަމަ ދެ މެޗުން ވަނީ، އޮޑި ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އެއްވަރުވެފަ އެވެ. އަދި، އޭގެ ފަހުން ކުޅުނު މެޗުގައި ލީގުގެ ފުލުގައި އޮތް ޓީސީ އަތުން މި ވަނީ މޮޅުވެފަ އެވެ.

އީގަލްސްގެ ކިމިޝީމާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް


ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަަމަ ހާފުގައި އީގަލްސް އާއި ޓީސީގެ ތެރެއިން އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި ދިޔައިރު، ދެ ވަަނަ ހާފުގައި އީގަލްސް އިން ލީޑުނެގީ މެޗުގެ 65 ވަނަ މިނިޓްގަ އެވެ. އީގަލްސްގެ ކެޕްޓަން، އަހުމަދު ރިޒުވާން (ރިޒޭ) އޭރިއާތެރެއަށް ނަގައިދިން ބޯޅައަކަށް އަރައި، އިސްމާއިލް އީސާ (މެސީ) ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލަައިފަ އެވެ.

މެޗުގެ 75 ވަނަ މިނިޓްގައި ޓީސީގެ ހަަސަން އީނާޒް އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދައްކައިފަ އެވެ. އޭނާ ކުޅެން ނުކުތީ ވެސް ދެ ވަނަ ހާފުގައި ބަދަލެއްގެ ގޮތުގަ އެވެ. ޓީސީގެ ކުޅުންތެރިއަކު މަދުވިތާ މިނިޓެއްހާއިރު ފަހުން އީގަލްސް އިން ދެ ވަނަ ލަނޑު ޖެހި އެވެ. މިއީ، އޭރިއާތެރެއިން ލިބުނު ފުރުސަތަކުން އީގަލްސްގެ ޖަޕާން މިޑްފީލްޑަރު، ކަޓްސުޔޯޝީ ކިމިޝީމާ ޖެހި ލަނޑެކެެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޓީސީ ކުޅުންތެރިއަކު ފައިގައި ޖެހިފަ އެވެ.

މި މޮޅާ އެކު، އީގަލްސް ހަ ވަނައިގައި އޮތީ ހަ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ހަ މެޗުން ލިބުނު ތިން ޕޮއިންޓާއި ލަނޑުގެ ތަފާތުން ޓީސީ އޮތީ ނުވަ ވަނައިގަ އެވެ.