Advertisement

ދިވެހި ޕްރިމިއާ ލީގު: ގްރީން ސްޓްރީޓްސް ބަލިކޮށް އޮޑި އިން ވަރުގަދަ ފެށުމާ އެކު ކުރިއަށް

31 އޮކްޓޯބަރު 2025 - 23:57 0

އޮޑީގެ އިއްބެ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް


ދިވެހި ޕްރިމިއާ ލީގު: ގްރީން ސްޓްރީޓްސް ބަލިކޮށް އޮޑި އިން ވަރުގަދަ ފެށުމާ އެކު ކުރިއަށް

31 އޮކްޓޯބަރު 2025 - 23:57 0

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސް 4-0 އިން ބަލިކޮށް، އޮޑި ސްޕޯޓްސް ކްލަބުން ރަނގަޅު ރެކޯޑަކާ އެކު ލީގުގެ ވަރުގަދަ ފެށުން ކުރިއަށްގެންގޮސްފި އެވެ.

މި މެޗަށް އޮޑިން ނުކުތްއިރު، ލީގުގެ އެއް ވަނައިގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އޮތީ ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެކަމަކު، އޮޑިން މިރޭގެ މެޗުން މޮޅުވުމުން، މާޒިޔާގެ ލީޑު ދެ ޕޮއިންޓަށް ކުޑަވީ އެވެ. މާޒިޔާ އަށް ލީގުގެ ހަ މެޗުން މޮޅުވުމުން، 18 ޕޮއިންޓާ އެކު، އެއް ވަނަ ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އޮޑި އަށް ހަ މެޗުން ވަނީ 16 ޕޮއިންޓް ލިބިފަ އެވެ.

ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންްގެ ގޮތުގައި، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެ، ދިވެހި ޕްރިމިއާ ލީގުގައި މެޗަކުން ބަލިނުވެ، ހަ މެޗު ކުޅެފައިވާ، އޮޑި އަށް މޮޅުނުވެވުނީ ކްލަބް އީގަލްސްއާ އެއްވަރުވި މެޗުގަ އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި ހަތް މިނިޓް ތެރޭ އޮޑިން ދެ ލަނޑުގެ ލީޑެއް ނެގި އެވެ. އެ ގޮތުން ހަތަރު ވަނަ މިނިޓްގައި، އޮޑިން ލީޑުނެގީ، އިބްރާހިމް ވަހީދު ހަސަން (އިއްބެ) ޖެހި ގޯލުންނެވެ. އިއްބެ މި ލަނޑު ޖެހީ އެ ޓީމުގެ ލިތުއޭނިއާ ފޯވާޑް، ކަރޮލިސް ލައުކްޒެމިސް ނެގި ބޯޅައަކަށް ހުސްކޮށް އަރަ އެވެ. އޭގެ ތިން މިނިޓް ފަހުން، އަހުޒަމް ރަޝީދު (އަހޫ) ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން، އޮޑީގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، އަހުމަދު އައިހަމް (އައިހު) ދިން ބޯޅައެއް، ކަރޮލިސް ދޫކޮށްލުމުން، ރަނގަޅު ތަނަށް އަރައި އަހޫ ޖެހި ގޯލެކެވެ.

އޮޑީގެ އައިހު (ކ) އާއި ލޫތު (މ) އަދި އިއްބެ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް


ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 40 ވަނަ މިނިޓްގައި، މުޒްދާން ހަސަން ވަނީ އޮޑީގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، އަހޫ ދިން ބޯޅައަކުން މުޒްދާން ޖެހި ގޯލެކެވެ. ފުރަތަމަ ފޮނުވާލި ހަމަލާ ބްލޮކްވުމުން، ދެ ވަނަ ފަަހަރަށް ލިބުނު ފުރުސަތުގައި މުޒްދާން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

އޮޑިން ހަތަރު ވަނަ ގޯލު ޖެެހީ ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނިޓްގަ އެވެ. މިއީ، އޭރިއާބޭރުން ގޯލުގެ ދަނޑީގައި ޖައްސާފައި، ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އައިހު ޖެހި ލަނޑެކެވެ. އޭގެ ފަހުން، އިތުރު ގޯލެއް ޖަހަން ކުރި މަސައްކަތް އޮޑި އަށް ކާމިޔާބެއްނުވި އެވެ.

މި މެޗުން ބަލިވެ، ގްރީން ސްޓްރީޓްސް މި ވަގުތު ލީގުގެ އެންމެ ފުލުގައި އޮތީ ހަ މެޗުން ތިން ޕޮއިންޓާ އެކު، ލަނޑުގެ ތަފާތުންނެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި، ބުރު ސްޕޯޓްސް ކްލަބުން ކުޅޭނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެވެ.