Advertisement

ފަގީރުންގެ ދަފްތަރުގައި ތިބި ބަޔަކަށް ފުލެޓުގެ ޑައުންޕޭމަންޓު ޒަކާތުން ފަންޑުން ދައްކައިދެނީ

30 އޮކްޓޯބަރު 2025 - 12:11 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މިދިޔަ ސަރުކާރުން ތަރައްގީކުރި ގެދޮރުވެރިޔާ ފުލެޓުތައް: ފަގީރުންގެ ދަފްތަރުގައި ތިބި ބަޔަކަށް ފުލެޓުގެ ޑައުން ޕޭމަންޓު ޒަކާތުން ފަންޑުން ދައްކައިދޭން ވަނީ ނިންމާފަ ---- ފޮޓޯ: އަދަދު


ފަގީރުންގެ ދަފްތަރުގައި ތިބި ބަޔަކަށް ފުލެޓުގެ ޑައުންޕޭމަންޓު ޒަކާތުން ފަންޑުން ދައްކައިދެނީ

30 އޮކްޓޯބަރު 2025 - 12:11 0

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ބަޔަކަށް ސޯޝަލް ހައުސިންގެ ދަށުން ލިބިފައިވާ ފުލެޓުތަކެއްގެ ޑައުންޕޭމަންޓު ޒަކާތު ފަންޑުން ދައްކަން ނިންމައިފި އެވެ.

ޒަކާތު ހައުސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިގޮތަށް ނިންމީ ސޯޝަލް ހައުސިންގެ ދަށުން ފުލެޓު ލިބުނު މީހުންގެ ތެރެއިން ފަގީރުންގެ ލިސްޓުގައި ހިމެނޭ ބަޔަކަށް ޑައުންޕޭމަންޓު ނުދެއްކިގެން އުޅޭ ކަމަށް މައުލޫމާތު ލިބުމުން ކަމަށެވެ.

މިގޮތަށް ނިންމީ ޒަކާތު ކައުންސިލަށް ހުށަހަޅައި މަޝްވަރާކުރުމަށްފަހު ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. އެ ނިންމުމާ އެއްގޮތަށް 14 މީހެއްގެ ޑައުން ޕޭމަންޓަށްވާ 340،000ރ. ޒަކާތު ފަންޑުން ދައްކައިދޭނެ އެވެ.

"މި ފައިސާ ޒަކާތު ހައުސް އިން ސީދާ އެ ފަރާތްތަކުގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށްދިނުމުގެ ބަދަލުގައި، ދައްކާނީ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާއަށް. އަދި އެއަށް ފަހު، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލަށް ރިއާޔަތްކޮށް، ފަގީރުކަމުގެ ހާލަތު އަލުން ރިވިއުކޮށް ބެލުމަށް ވަނީ ހަމަޖެހިފަ،" ޒަކާތު ހައުސް އިން ބުނެފައިވެ އެވެ.

މި ފަހުން ސޯޝަލް ހައުސިންގެ ދަށުން ދޫކުރަމުންދަނީ މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ 4،000 ފުލެޓެވެ. މި ފުލެޓުތަކުގެ އެޑްވާންސް ނުވަތަ ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހެނީ 25،000ރ. އެވެ.

މި އަހަރު ފިތުރު ޒަކާތް ބެހިއިރު، ފަގީރުންގެ ލިސްޓުގައި ތިބީ 2،765 މީހުންނެވެ. އެ އަދަދު ފަހުން ބަދަލުވި ކަމެއް ސާފެއް ނޫނެވެ.

އޭގެ ފަހުން ފަގީރުންނާއި މިސްކީނުންނަކީ ކޮބައިކަން ކަނޑައެޅުމުގެ މިންގަނޑު ބަދަލު ކުރަން ޖެހޭ ކަމަށާއި ޒަމާނީ މަފުހޫމުތަކާ އެއްގޮތަށް އެކަން ކަނޑައެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ވަނީ ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރައީސް މުހައްމަދު މުއިއްޒު 'ދިވެހިރާއްޖޭގެ ޒަކާތު ހައުސް' އުފެއްދެވީ ޑިސެމްބަރު 18، 2023، ގަ އެވެ. ޒަކާތު ހައުސް އިފްތިތާހު ކޮށްފައި ވަނީ ޖެނުއަރީ 2، 2024، ގަ އެވެ.