Advertisement

ކުރިން ސޮއި ކުރި އެއްބަސްވުންތަކަށް ވާނުވާ ނޭނގި މަޝްރޫއުތައް އަލުން ހަވާލު ކުރާތީ އަމީރުގެ ބޮޑު ތުހުމަތެއް

28 އޮކްޓޯބަރު 2025 - 09:36 1

އަމަން ހަލީމް

އަމަން ހަލީމް

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: އަމީރު ވަނީ މި މައްސަލަ ތަހުގީގުކުރަން އޭސީސީ އާއި އޮޑިޓާ ޖެނެރަލަށް ގޮވާލައްވާފައި --- ފޮޓޯ؛ މިރާޝް ނާޝިމް/އަދަދު


ކުރިން ސޮއި ކުރި އެއްބަސްވުންތަކަށް ވާނުވާ ނޭނގި މަޝްރޫއުތައް އަލުން ހަވާލު ކުރާތީ އަމީރުގެ ބޮޑު ތުހުމަތެއް

28 އޮކްޓޯބަރު 2025 - 09:36 1

ބޭރު ކުންފުނިތަކާ އެކީ ސޮއިކޮށްފައި ހުރި މަޝްރޫއުތަކުގެ އެއްބަސްވުންތަކަށް ހެދި ގޮތެއް ނުބުނެ، ހަމަ އެ މަޝްރޫއުތައް އެހެން ކުންފުނިތަކާ ހަވާލުކުރާތީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އަމީރު އެކްސްގައި ވިދާޅުވީ، ސަރުކާރުން ދަނީ ކުރީގެ ކޮންޓްރެކްޓްތައް ގާނޫނީ ގޮތުން އުވާލި ގޮތެއް ނުބުނެ ހަމަ އެ މަޝްރޫއުތައް އާ ބޭރުގެ ކުންފުނިތަކާއި ބައެއް ފަހަރު ދިވެހި ކުންފުނިތަކާ ހަވާލުކުރަމުން ކަމަށެވެ. މިއީ އެއްވެސް މަސައްކަތް ނުހިނގާ، "ޒީރޯ ޕްރޮގްރެސް" ގައި ހުރި މަޝްރޫއުތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޝްރޫއުތައް ހަވާލުކުރުމާއި އެއްބަސްވުންތައް ބާތިލުކުރުމުގައި އެއްވެސް ހާމަކަމެއް ނެތި ސަރުކާރުން އަމަލުކުރަމުން ދަނީ، މި މަރުހަލާގައި ކޮރަޕްޝަން ހިނގާ ކަމަށް އަމީރު ތުހުމަތުކުރެއްވި އެވެ. އަދި ގޯސްކޮށް އުވާލި އެއްބަސްވުންތަކުގެ މައްސަލަތަކުގައި ބޮޑު ބަދަލެއް ދޭން ޖެހިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި މުޅި ޕްރޮސެސްއިން މިހާރު ދުވަނީ ކޮރަޕްޝަނުގެ ވަސް. ހާމަކަން ކުޑަކަމުން ގާނޫނީ އަދި މާލީ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް އުފެދޭ. ކުރީގެ އެއްބަސްވުންތައް ރަނގަޅަށް އުވާނުލެއްވިއްޖެ ނަމަ، އެ ކުންފުނިތަކަށް އާބިޓްރޭޝަނަށް ދެވޭނެ، ދައުލަތުން ބޮޑު ބަދަލެއް ދޭން ޖެހިދާނެ،" އިނގިރޭސި ބަހުން އަމީރު ލިޔުއްވާފައި ވެ އެވެ.

އަމީރު ވަނީ މަޝްރޫއުތައް ދިނުމުގައި ސަރުކާރުން މި ގެންގުޅޭ "ޕެޓާން" ގެ މައްސަލަ ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި އޮޑިޓާ ޖެނެރަލްއަށް ގޮވާލައްވާފަ އެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު މިހެން ވިދާޅުވިއިރު، ސަރުކާރުން މިހެން ހަވާލުކޮށްފައި ހުރި މަޝްރޫއުތައް ބައިވަރެވެ. އޭގެ ތެރޭގައި އައްޑޫ ބްރިޖުގެ ސާވޭ އާއި ކައްދޫ އެއާޕޯޓުގެ މަސައްކަތް ހިމެނެ އެވެ.

އައްޑޫ ބްރިޖުގެ ސާވޭ ހަދަން މިސްރުގެ އަރަބް ކޮންޓްރެކްޓާސްއަށް ދިނުމަށް ފަހު މި ފަހުން ހަވާލުކުރީ ޗައިނާގެ ޓީވައިލިން އިންޓަނޭޝަނަލްއާ އެވެ. ކައްދޫ އެއާޕޯޓުގެ މަސައްކަތަކީ ވެސް މިދިޔަ އަހަރު ޗައިނާގެ ސީއެމްސީއީއާ އެމްއޯޔޫއެއް ހެދި މަޝްރޫއެކެވެ. އިހަށް ދުވަހު އެ މަސައްކަތް ހަވާލުކުރީ އެމްއޭސީއެލްއާ އެވެ.

ސަރުކާރުން މިހާރު ގިނަ ޕްރޮޖެކްޓުތައް ދެނީ ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. މިހެން ހަވާލުކުރާ މަޝްރޫއުތަކުގެ ތެރޭގައި އެ ކުންފުނިތައް އުފެއްދި މަގުސަދާއި ދާއިރާއާ އެއްގޮތަކަށް ވެސް ނުގުޅޭ މަސައްކަތްތައް ކުރަން ސޮއިކޮށްފައި ވެ އެވެ.