Advertisement

ވީއައިއޭ ތެރެއިން ފޭރިގަތް ބްރީފްކޭސްގައި ހުރީ ގިނަ އަދަދެއްގެ ޑޮލަރު

27 އޮކްޓޯބަރު 2025 - 09:04 3

އަހުމަދު އާއިދު

އަހުމަދު އާއިދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމަށް ހަވާ އަރުވަނީ: ފައިސާތައް ފޭރިގަތީ އެ ޓާމިނަލަށް ބޭންކުގެ މުވައްޒަފުން ވަންނަން ދަނިކޮށް ---- ފޮޓޯ: އަދަދު


ވީއައިއޭ ތެރެއިން ފޭރިގަތް ބްރީފްކޭސްގައި ހުރީ ގިނަ އަދަދެއްގެ ޑޮލަރު

27 އޮކްޓޯބަރު 2025 - 09:04 3

މާސްކް އެޅި ބަޔަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަދެ, ބީއެމްއެލްގެ މުވައްޒަފުން އަތުން ފޭރިގަތް ބްރީފް ކޭހުގައި ހުރީ ގިނަ އަދަދެއްގެ ޑޮލަރުކަން އެނގިއްޖެ އެވެ.

އިތުބާރުހުރި މަސްދަރަކުން މި ނޫހަށް އެކަން ކަށަވަރުކޮށްދިން ނަމަވެސް ބްރީފް ކޭހުގައި ހުރީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް މިހާތަނަށް ކަށަވަރެއް ނުވެ އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މީހުން ފޭރިގަތީ ވީއައިއޭގެ ކުރީގެ ޓާމިނަލުން އައު ޓާމިނަލް އަށް ވަންނަން ދިޔަ ބޭންކުގެ ދެ ސްޓާފުން އަތުން ކަމަށެވެ. ފައިސާ ހުރީ އެ މީހުން އަތުގައި ހުރި ބްރީފްކޭސް އެއްގަ އެވެ. އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ސާފެއް ނުވެ އެވެ.

މި މައްސަލަ ފުލުހަށް ރިޕޯޓު ކުރީ ރޭ ފަތިހު 4:45 ހާއިރު ކަމަށް ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ. މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފޭރިގަތް ފައިސާ ހުރި ބްރީފްކޭސް ހިފައިގެން ވަގުން އެއާޕޯޓުން ފިލީ ޖެޓީގައި އޮތް ލޯންޗެއްގަ އެވެ. އެ ތަނުން އެ ލޯންޗު ދަތުރުކުރީ ކޮން ރަށަކަށް ކަމެއް ނޭނގެ އެވެ. އަދި ވައްކަމުގައި ބައިވެރިވީ ކިތައް މީހުން ކަމެއް ވެސް ސާފެއް ނޫނެވެ.

އާންމުކޮށް ބީއެމްއެލްގެ ސްޓާފުން ބްރީފް ކޭސްތަކުގައި ވީއައިއޭ އަށް ފައިސާ ގެންދަނީ އޭޓީއެމް އެޅުމަށާއި އެއާޕޯޓުގައި ހުންނަ ބޭންކުގެ ފައިސާ މާރުކުރާ ތަންތަނަށެވެ.