27 އޮކްޓޯބަރު 2025 - 08:18 8
އަހުމަދު އާއިދު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް: ފައިސާތައް ފޭރިގަތީ ބީއެމްއެލް ސްޓާފުން އެ ޓާމިނަލަށް ވަންނަން ދަނިކޮށް ---- ފޮޓޯ: އަދަދު
27 އޮކްޓޯބަރު 2025 - 08:18 8
މާސްކް އެޅި ބަޔަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަދެ, ބީއެމްއެލްގެ މުވައްޒަފުން އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގަތުމަށް ފަހު، ލޯންޗެއްގައި ފިލައިފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މީހުން ފޭރިގަތީ ވީއައިއޭގެ ކުރީގެ ޓާމިނަލުން އައު ޓާމިނަލް އަށް ވަންނަން ދިޔަ ބޭންކުގެ ދެ ސްޓާފުން އަތުން ކަމަށެވެ. ފައިސާ ހުރީ އެ މީހުން އަތުގައި ހުރި ބްރީފްކޭސް އެއްގަ އެވެ. އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ސާފެއް ނުވެ އެވެ.
މި މައްސަލަ ފުލުހަށް ރިޕޯޓު ކުރީ ރޭ ފަތިހު 4:45 ހާއިރު ކަމަށް ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ. މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފޭރިގަތް ފައިސާ ހުރި ބްރީފްކޭސް ހިފައިގެން ވަގުން އެއާޕޯޓުން ފިލީ ޖެޓީގައި އޮތް ލޯންޗެއްގަ އެވެ. އެ ތަނުން އެ ލޯންޗު ދަތުރުކުރީ ކޮން ރަށަކަށް ކަމެއް ނޭނގެ އެވެ. އަދި ވައްކަމުގައި ބައިވެރިވީ ކިތައް މީހުން ކަމެއް ވެސް ސާފެއް ނޫނެވެ.
އާންމުކޮށް ބީއެމްއެލްގެ ސްޓާފުން ބްރީފް ކޭސްތަކުގައި ވީއައިއޭ އަށް ފައިސާ ގެންދަނީ އޭޓީއެމް އެޅުމަށާއި އެއާޕޯޓުގައި ހުންނަ ބޭންކުގެ ފައިސާ މާރުކުރާ ތަންތަނަށެވެ. އެހެންކަމުން މި ބްރީފްކޭސްތަކުގައި ހުރީ ރުފިޔާ ކަމެއް ޑޮލަރު ކަމެއް ކަށަވަރެއް ނޫނެވެ.
ބެލެވޭ ގޮތުގައި މިއީ ރޭވިގެން ހިނގި ވައްކަމެކެވެ. މިއީ މި ފަހުން ރޭވިގެން މިފަދައިން ހިނގި ދެވަނަ ވައްކަމެވެ.
އެގޮތުން މި އޮކްޓޯބަރު 8، ވަނަ ދުވަހުގެ ރޭ އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި 13 މިލިއަން ސިނގިރޭޓުގެ ވަނީ ވަގަށް ނަގާފަ އެވެ. މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސިނގިރޭޓު ދެ ކޮންޓެއިނަރު ވަގަށް ނެގީ މީގެ ދެ މަސްދުވަސް ކުރިންނެވެ.
އެއީ އޭޕްރީލް މަހު ވަގަށް އެތެރެ ކުރަނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރެވެ. އެ ސިނގިރޭޓުތަކުގެ ޑިއުޓީއަށް ވެސް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރަ އެވެ.
އެ ސިނގިރޭޓުތައް އެތެރެ ކުރީ ސައުދީ ބިންލާދިން ގްރޫޕުން އެތެރެ ކުރި ދެ ކޮންޓެއިނަރުގެ ތެރޭގަ އެވެ. ކޮންޓެއިނަރު އެތެރެ ކުރީ ލިއޯ ޓްރޭޑިން ކުންފުނިންނެވެ. ކަސްޓަމްސް އިން ބުނީ ވަގަށް ސިނގިރޭޓު އެތެރެ ކުރާކަން އެނގިގެން އެ ދެ ކޮންޓެއިނަރު ފްލެގު ކުރީ ކަސްޓަމްސްއިން ކަމަށެވެ.
ކޮންޓެއިނަރުގައި ހުރި ސިނގިރޭޓުތައް ވަގަށް ނެގުމަށްފަހު ވަގުން ހުރީ އެ ތަނުގައި ނަކަލުކޮށް ބެހެއްޓި ދެ ކޮންޓެއިނަރުގެ ތެރޭގައި ފޮޓޯގަނޑެއް ހަރުކޮށްފަ އެވެ. އެ ފޮޓޯގަނޑަކީ، ޕީޕީއެމްގެ އޮފީހަށް މައުމޫން ވަދެވަޑައިގެން "ގރހަނޑާ ދެން" ލިޔެފައި އިން ފާރެއްގެ ކައިރީގައި ހުއްޓިވަޑައިގެން ނަންގަވާފައިން ފޮޓޯގަނޑެކެވެ.
Comment