Advertisement

ޕެންޝަން އޮފީސް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ޗާޕުނުކޮށް ކަންކަން ހާމަ ކުރަންޖެހޭ: ފައްޔާޒް

20 އޮކްޓޯބަރު 2025 - 21:37 1

ފައްޔާޒް އިސްމާއިލް: ވިދާޅުވީ ފައިސާ ޗާޕު ކުރާ ނަމަ މަޖިލީހަށް ވައްދައިގެން އެކަން ކުރަން -- ފޮޓޯ: އަދަދު ފައިލް


ޕެންޝަން އޮފީސް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ޗާޕުނުކޮށް ކަންކަން ހާމަ ކުރަންޖެހޭ: ފައްޔާޒް

20 އޮކްޓޯބަރު 2025 - 21:37 1

ޕެންޝަން އޮފީސް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ޗާޕުނުކޮށް، ފައިސާ ޗާޕު ކުރާ ނަމަ ގާނޫނާއި ގަވާއިދުގެ ތެރެއިން އެކަންކޮށް، ރައްޔިތުންނަށް ކަންކަން ހާމަ ކުރަންޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

ފައިސާ ޗާޕުނުކޮށް އިގްތިސާދު ހިފެހެއްޓުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެކަމަކު، ސަރުކާރުން މިހާރު ވަނީ އޮޅުވާލައިގެން ފައިސާ ޗާޕު ކުރަން ނިންމައިފަ އެވެ. ފައިސާ ޗާޕު ކުރަން އުޅެނީ މަރުކަޒީ ބޭންކުން ޕެންޝަން އޮފީހަށް ފައިސާ ދިނުމުން، އެ އޮފީހުން ފައިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓުކޮށްގެންނެވެ.

އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި މައްސަލައަށް ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، އެގޮތަށް ފައިސާ ޗާޕު ކުރުމުން ޕެންޝަން އޮފީހުގެ އިތުބާރު ގެއްލި، ދިވެހިން ރިޓަޔަމަންޓް ޕެންޝަމް ފަންޑު ނުރައްކަލަކަށް ވެއްޓޭނެ ކަމަށެވެ.

"މިގޮތަށް ކަންކަން ކުރުމުގެ ބަދަލުގައި، ފައިސާ ޗާޕުނުކުރާން އޮތް ވައުދާ ދުރަށްޖެހިއްޖެކަން ސަރުކާރުން އެއްބަސްވެ، ފައިސާ ޗާޕު ކުރުމުގެ މުއާމަލާތް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، އެކަން ކުރަންޖެހޭ މަގުން ކުރިއަށްގެންދަންޖެހޭ،" ފައްޔާޒް ވިދާޅުވި އެވެ.

ފައިސާ ޗާޕު ކުރުމުން ރުފިޔާގެ އަގު ވެއްޓި، ތަކެތީގެ އަގު އިންތިހާއަށް ބޮޑުވާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އެކަންކަން ރައްޔިތުންނަށް ސާފުކޮށް ބުނެދޭންޖެހޭ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

ސަރުކާރުން ފައިސާ ޗާޕު ކުރަން ނިންމުމުން އެމްޑީޕީ އިން ވެސް ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރަފަ އެވެ. އެމްޑީޕީ އިން ބުނީ މުއިއްޒުގެ ސަރުކާރުން ފައިސާ ޗާޕު ކުރަން އުޅެނީ ގާނޫނާ ހިލާފަށް ކަމަށެވެ.

"އެފަދަ މުއާމަލާތެއް ހިންގައިގެން ދައުލަތުގެ މަރުކަޒީ ބޭންކުން ސަރުކާރަށް ފައިސާ ނެގުމަކީ ގާނޫނީގޮތުން ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތައް އެއްފަރާތްކޮށް އެ ހަމަތަކާއި އުސޫލުތަކާއި ކަނޑައެޅިގެން ހިލާފަށް ހިންގާ ގައިރުގާނޫނީ އަމަލެއް،" އެމްޑީޕީ އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ފައިސާ ޗާޕު ކުރަން އުޅޭ ކަމަށް ސަރުކާރުން އަދިވެސް އެއްބަހެއް ނުވެ އެވެ. ބައެއް ނޫސްތަކަށް ސަރުކާރުގެ އިސް ވެރިން ދިން އިންޓަވިއުތަކުގައި ބުނަނީ ކުރަން އުޅޭ ކަމަކީ އިންވެސްޓެއް ކަމަށެވެ. އެކަމަކު، އެ ފައިސާއިން އަމިއްލަ ކުންފުނިތަކަށް ދަރާފައިވާ ފައިސާތައް ދައްކަން ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.