Advertisement

ރާއްޖޭގަ އެންމެ ރަނގަޅަށް އެތިކްސް ފޮލޯކޮށް، ޑިސިޕްލިން ހިފަހައްޓާ މީޑިއާ އަކީ ޕީއެސްއެމް: ސަފާ

19 އޮކްޓޯބަރު 2025 - 12:22 4

އަހުމަދު އާއިދު

އަހުމަދު އާއިދު

ބްރޯޑްކޮމް އުވާލިއިރު އެ ކޮމިޝަނުގެ ރައީސަކަށް ހުންނެވި ސަފާ ޝަފީގު: އޭނާ މިއަދު ވިދާޅުވީ ރާއްޖޭގަ އެންމެ ރަނގަޅަށް އެތިކްސް ފޮލޯކުރަނީ ޕީއެސްއެމް އިން ކަމަށް ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ރާއްޖޭގަ އެންމެ ރަނގަޅަށް އެތިކްސް ފޮލޯކޮށް، ޑިސިޕްލިން ހިފަހައްޓާ މީޑިއާ އަކީ ޕީއެސްއެމް: ސަފާ

19 އޮކްޓޯބަރު 2025 - 12:22 4

ރާއްޖޭގަ އެންމެ ރަނގަޅަށް އެތިކްސް ފޮލޯކޮށް، ޑިސިޕްލިން ހިފަހައްޓާ މީޑިއާ އަކީ ދައުލަތުގެ މީޑިއާ ޕީއެސްއެމް ކަމަށް މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް ކުރިމަތިލައްވާފައިވާ، ބްރޯޑްކޮމް އުވާލިއިރު އެ ކޮމިޝަނުގެ ރައީސް ސަފާ ޝަފީގު ވިދާޅުވެއްޖެ އެވެ.

ކޮންޓްރޯލް ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ މެންބަރު ކަމަށް މީހުން ހޮވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބާއްވާ އިންޓަވިއުގައި ވާހަކަދައްކަވަމުން ސަފާ ވިދާޅުވީ، އޭނާ އަކީ އަބަދުވެސް ޑިސިޕްލިން އަށް ވިސްނާ، ގާނޫނާއި ގަވާއިދުތައް ބަލައިގަންނަ މީހެއް ކަމަށެވެ.

އޭނާ ޓެލެވިޝަން މޯލްޑިވްސް ގައި މީގެ ކުރިން މަސައްކަތްކުރި އެވެ. އެތަނުން ވަރަށް ގިނަ ކަންކަން ދަސްވެ މީޑިއާގެ ދާއިރާއިން ތަޖުރިބާ ލިބުނު ކަމަށް ސަފާ މިއަދު ވިދާޅުވި އެވެ.

"ޕީއެސްއެމް އޭ. ޓީވީއެމް އޭ ބުނީމަ. ހަމަ ތިބޭފުޅުން ވެސް ގަބޫލުކުރައްވާނެ ކަންނޭގެ، ވަރަށް ބޮޑަށް ޑިސިޕްލިން ހިފަހައްޓަވައި އެތިކްސް ފޮލޯ ކުރާ ތަނެއް. ރާއްޖޭގަ ދެން ހަމަ މީޑިއާތަކަށް ބަލަންޏާ އެންމެ ބޮޑަށް އެތިކްސް އަށް ފޮލޯކުރާނީ ޕީއެސްއެމް، ޓީވީއެމް އިން،" ސަފާ ވިދާޅުވި އެވެ.

މީގެ އިތުރުން، އުވާލުމުގެ އަށް މަސް ކުރިން އޭނާ ބްރޯޑްކޮމްގެ ރައީސް ކަމަށް އައްޔަންކުރި ހިސާބުން މީޑިއާތަކުގެ މައްސަލަތައް ބެލުން ވަރަށް ބޮޑަށް އަވަސްކުރި ކަން ސަފާ ފާހަގަކުރެއްވި އެވެ. މައްސަލަތައް ބެލުމުގައި މީޑިއާތަކާއި އާންމުން ކުރިމަތިކުރުވި ފާޑުކިޔުންތަކަށް ނުބަލާ ކަމަށް ވެސް ވިދާޅުވި އެވެ.

"ރޫލްސް އެންޑް ރެގިއުލޭޝަން އަކީ އަޅުގަނޑު ވަރަށް ބޮޑަށް ގަބޫލުކުރާ އެއްޗެއް. އަޅުގަނޑު ގަބޫލެއް ނުކުރަން ހަމައެކަނި އިންނާނީކީއެއް އަޅުގަނޑުމެންނަށް، ފްރީޑަމް އޮފް ސްޕީޗެކޭ. އެއާ އެއްކޮށް އަންނާނެ ރެސްޕޮންސިބިލިޓީ،" ސަފާ ވިދާޅުވި އެވެ.

އަލަށް އުފެއްދި ގާނޫނުގެ ދަށުން މީޑިއާ ރެގިއުލޭޓް ކުރެވޭނެ ކަމަށް ސަފާ މިހާރު ގަބޫލުކުރައްވަ އެވެ. ނަމަވެސް، މިހާރު ގާނުނަކަށް ވެފައި އޮތް ބިލު ޑްރާފްޓު ކުރުމުގެ ކުރިން ދިރާސާއެއް މަޝްވަރާއެއް ކޮށްފައި ނުވާތީ ހަމަ މި ކޮމިޓީގައި މީގެ ދެ މަހެއްހާ ދުވަސް ކުރިން އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އެގޮތުން، ނޫސްވެރިންނާއި އަދި ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާ ކުރި ނަމަ މީޑިއާތައް ރެގިއުލޭޓު ކުރުމުގައި ދިމާވާ ހަގީގީ މައްސަލަތައް ދެނެގަނެ އެ ކަންކަމަށް ހައްލު ހޯދަން ފަސޭހަވީސް ކަމަށް އޮގަސްޓު 31، ގައި ސަފާ ވިދާޅުވި އެވެ.

ބިލުގައި ހުރި ކަންކަން ތަންފީޒު ކުރަން ފަސޭހަ ނުވާނެކަމަށް ވެސް އޭރު ސަފާ ވިދާޅުވި އެވެ.

އޭނާ މިހާރު ވިދާޅުވަނީ ގާނޫނު ވަރަށް ޖެނެރަލް ކަމަށާއި މީޑިއާތަކުގެ މައްސަލަތައް ހައްލުކުރުމަށް ގާނޫނުގެ ދަށުން އިތުރު ގަވާއިދު ހަދައިގެން ކަންކަން ކުރެވޭނެ ކަމަށެވެ. ފާހަގަކުރި ކަންކަމަށް ފަހުން ހައްލު ލިބުނު ކަމަށް ސަފާ މިއަދު ވިދާޅުވި އެވެ.

ބިލުގެ މަރުހަލާގައި ސަފާ ކޮމިޓީގައި ދެއްކެވި ވާހަކަތާއި ގުޅިގެން މިއަދުގެ ކޮމިޓީގައި ބައެއް މެންބަރުން ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ.