Advertisement

ދަރަނި ހަމަޖެއްސުމަށްޓަކައި އަހަރުތަކަކަށް އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލަން ޖެހޭ: ނަޝީދު

17 އޮކްޓޯބަރު 2025 - 18:51 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު މިރޭ ވިދާޅުވީ ހަތަރު، ފަސް އަހަރަށް އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލަން ޖެހޭ ކަމަށް ---- ފޮޓޯ: ރައީސް އޮފީސް


ދަރަނި ހަމަޖެއްސުމަށްޓަކައި އަހަރުތަކަކަށް އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލަން ޖެހޭ: ނަޝީދު

17 އޮކްޓޯބަރު 2025 - 18:51 2

ދައުލަތުގެ ދަރަނި ހަމަޖައްސައި، ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރުމަށްޓަކައި ކުރިއަށް އޮތް ހަތަރު، ފަސް އަހަރަށް އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް އިންތިހާބުތަކުގެ ޝިއާރަކަށް ވާންވީ 'އެހަށް މަޑުކޮށްލާ' ކަމަށެވެ. އަދި ވިދާޅުވީ، ކޮންކްރީޓަކީ ތަރައްގީ ނޫން ކަމަށާއި ގިނަ ފަހަރު އެއީ ދައުލަތަށް އިތުރުވާ ދަރަނި ކަމަށެވެ.

"ތަރައްގީގެ ނަމުގައި ހިންގާ އުމްރާނީ ތަރައްގީގެ މަސައްކަތް ހަތަރު، ފަސް އަހަރަށް ހުއްޓާލުން މުހިންމު،" ނަޝީދު އެކްސްގައި ލިޔުއްވާފައިވެ އެވެ.

މީގެ އިތުރުން، ރައްޔިތުންގެ ތަނަވަސްކަން އިތުރުވަނީ ބަޖެޓު ސާޕްލަސް އިތުރު ކުރެވި ދަރަނި ކުޑަކުރެވިގެން ކަމަށާއި ދިވެހިންނަކީ ތަންދޮރު ދަންނަ، ހޭލުންތެރި ބައެއް ކަމަށް ވެސް ރާއްޖޭގައި ގިނަ ޕާޓީ ބައިވެރިވެގެން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ނަޝީދު ވިދާޅުވެފައިވެ އެވެ.

އެހެންކަމުން، ދައުލަތުގެ ދަރަންޏާއި ރާއްޖޭގެ އިގުތިސާދާއި ގުޅޭ ގޮތުން އެމަނިކުފާނު ދައްކަވަމުންދާ ވާހަތަކާއި، ރާއްޖެއަށް ވާން އުޅޭ ގޮތް ދިވެހިންނަށް ސާފުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.

މިއީ ތަރައްގީގެ މަޝްރޫއުތަކާއި ދައުލަތުގެ ހަރަދާ ގުޅޭ ގޮތުން ވެއެތުވެދިޔަ 24 ގަޑިއިރު ތެރޭ ކުރެއްވި ދެވަނަ ޕޯސްޓެެވެ. އެގޮތުން، ރޭ އިރާކޮޅު ކުރެއްވި އިތުރު ޕޯސްޓެއްގައި އެމަނިކުފާނު ވަނީ ލޯންޗުގައި 30 މިނެޓުން ދަތުރުކޮށްފައި ދެވޭހާ ކައިރިކައިރީގައި އެއާޕޯޓު އަޅަމުންދާތީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.

ރައީސް މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅުގައި ދެ އެއާޕޯޓެއްގެ މަޝްރޫއު ވަނީ ފަށައިފަ އެވެ. ރާއްޖޭގައި މިވަގުތު ވެސް އޮޕަރޭޝަނަލް ހާލަތުގައި 20 އެއާޕޯޓު އޮތްއިރު އޭގެތެރެއިން ހަތަރު އެއާޕޯޓު އޮންނަނީ ބޮޑުތިލަދުންމަތީގަ އެވެ.

އެ އެއާޕޯޓުތައް އޮއްވައި އިތުރު އެއާޕޯޓު އަޅަން ނިންމީ 19 މިނެޓާއި 36 މިނެޓާ ދެމެދުގެ ދަތުރަކުން ލޯންޗުގައި ދެވޭނެހާ ކައިރީގައި އޮތް ރަށްރަށުގައި ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އޭގެ ސަބަބުން ގައުމަށް އެތަކެއް ގެއްލުމެއް ލިބޭނެކަން ނަޝީދު ފާހަގަކުރެއްވި އެވެ.

"ހުރިހާ އެއާޕޯޓެއްގައި ވެސް މާލީ/އިގުތިސޯދީ ދެކޮޅު ޖެހުމެއް ނެތުން، ގައުމީ އެއާލައިނަށް ދެއުޅިއެއްނުވާ ހަރަދުތަކެއް ހިންގާން ޖެހުން، އަދި ލޯކަލް ޓޫރިޒަމުން ވެސް ކުރާންވީ މަންފާ ނުކުރުން،" ނަޝީދު އެކްސްގައި ލިޔުއްވި އެވެ.

މި މަޝްރޫއުތައް ކުރިއަށްގެންދިޔުމުން ހާމަވަނީ ދަތުރުފަތުރުގެ ގުޅިފައިވާ ނިޒާމެއްގެ ޕްލޭނެއް އަދި އަމާޒެއް ވެސް ނެތުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު މިކަން ސިފަކުރެއްވީ ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގަ އެވެ.