Advertisement

ޗާގޯސް މައްސަލާގައި ކުރީގެ ބަންޑާރަނައިބު ދައުލަތަށް ގެއްލުންވާނެ ލިޔެކިޔުންތަކެއް ބޭރު ބަޔަކަށް ދިން ވާހަކަ އުޝާމު ދޮގުކޮށްފި

15 އޮކްޓޯބަރު 2025 - 10:34 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުރީގެ ބަންޑާރަނައިބު އިބްރާހިމް ރިފްއަތު: ޗާގޯސް މައްސަލާގައި އޭނާ ދައުލަތަށް ގެއްލުވާނެ ލިޔެކިޔުންތަކެއް ބޭރު ބަޔަކަށް ދިން ވާހަކަ މިހާރުގެ އޭޖީ ވަނީ ދޮގުކުރައްވާފަ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ޗާގޯސް މައްސަލާގައި ކުރީގެ ބަންޑާރަނައިބު ދައުލަތަށް ގެއްލުންވާނެ ލިޔެކިޔުންތަކެއް ބޭރު ބަޔަކަށް ދިން ވާހަކަ އުޝާމު ދޮގުކޮށްފި

15 އޮކްޓޯބަރު 2025 - 10:34 0

ޗާގޯސް ޖަޒީރާއަކީ މޮރިޝަސްގެ ބަޔެއް ކަމަށް ބަލައި ރާއްޖޭގެ އީއީޒެޑުން ބައެއް ގެއްލޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ސީސް (އިޓްލޮސް)އިން ނިންމި މައްސަލާގެ ތެރެއިން ދިވެހި ދައުލަތަށް ގެއްލުންވާނެ ފަދަ ލިޔެކިޔުންތަކެއް އޭރުގެ ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ބޭރުގެ ބަޔަކަށް ދިން ކަމަށް ބުނާ ވާހަކަ ބަންޑާރަނައިބު އަހުމަދު އުޝާމް ދޮގުކުރައްވައިފި އެވެ.

އުޝާމް ގެންދަވަނީ މިއަދު މަޖިލީހަށް ހާޒިރުވެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އޭގެތެރެއިން ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ ކުރީ ސަރުކާރުން ދެކުނު ކަނޑު "ބޭރުގެ ބަޔަކަށް ދިނީ" މަސް ބާނަ ބާނާ ތިއްބާ ކަމަށެވެ.

އެ މައްސަލާގެ ތެރެއިން ކުރީގެ އޭޖީ ރިފްއަތުގެ ދައުލަތަށް ގެއްލުންވާނެހެން، ދައުލަތުގެ ލިޔެކިޔުންތަކެއް ބޭރުގެ ބަޔަކަށް ދިން ކަމަށް އޭރު އަޑުފެތުރުނު ކަމަށެވެ. ރިފްއަތު މިކަން ކުރިކަން އެނގެން އޮތްތޯ ޝާހިދު ވަނީ އުޝާމް އާއި ސުވާލު ކުރައްވާފަ އެވެ.

"އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އެއްވެސް ލިޔެކިޔުމެއް ބޭރުގެ ފަރާތްތަކަށް ދީފަ ހުރި ކަމަކަށް. އަޅުގަނޑުމެން މަގާމާއި ހަވާލުވި ހިސާބުން މި މައްސަލަ ދިރާސާކުރުމަށްފަހު މިކަމަށް އަޅުގަނޑުމެންގެ ސަރުކާރުގަ އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި. މި މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި މިހާރު ވެސް މަސައްކަތްތަކެއް ދަނީ ކުރެވެމުން،" އުޝާމް ވިދާޅުވި އެވެ.

މި މައްސަލާގައި ކުރީ ސަރުކާރުގެ ވެރިން ފައިސާ ނެގި ކަމަށް ވެސް މިއަދުގެ މަޖިލީހުގައި ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ތުހުމަތުކުރި އެވެ. އެކަމަށް ސާފު ޖަވާބެއް ދެއްވޭނެ ކަމަށް އުޝާމް ވިދާޅުވީ އޭޖީ އޮފީހުން މިހާރު ކުރަމުންދާ މަސައްކަތްތައް ނިމުމުން ކަމަށެވެ.

ޗާގޯސް މައްސަލާގެ ފަސްފަހަތް

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމާއެކު، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ވެސް ވަނީ އެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފަ އެވެ. އަދި, ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދުން ފުށޫއަރާ ކަނޑުގެ ސަރަހައްދު އެ ކޯޓުން ބައިކޮށްފައި ވެސް ވެ އެވެ.

އެ މައްސަލާގައި މޮރިޝަސްއާ ދެކޮޅަށް އެންމެ ބޮޑަށް ނެގި ނުކުތާއަކީ ޗާގޯސްގެ ސިޔާދަތީ ބާރު އެ ގައުމަށް ހިނގާކަން ސާފު ނުވާ ކަމަށް ބުނި ބުނުމެވެ. އަދި ސިޔާދަތީ ބާރުގެ މައްސަލަ ފުރަތަމަ ނިންމަން ޖެހޭ ކަމަށްވެސް ރާއްޖެއިން ވަކާލާތު ކުރި އެވެ. ނަމަވެސް ޔޫކޭ-މޮރިޝަސް އެއްބަސްވުމާއެކު އޭރު ރާއްޖެއިން ނެގި ދިފާއުތައް ވަނީ މުޅީންހެން ބާތިލުވެފަ އެވެ.

އެހެން ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރާނެ ކަމަށް ވައުދުވަމުންނެވެ. މިއަދާ ހަމައަށް ވެރިކަމަށް 320 އަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު ސަރުކާރުން އަދިވެސް އެކަމުގައި ގޮތެއް ނުނިންމަ އެވެ.

ނަމަވެސް، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން ނިންމުމާއެކު، އެކަމަށް ގޮންޖަހާ ދިވެހި ސަރުކާރުން ވަނީ އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުވާފަ އެވެ.

ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބުން މާ ހައްގު ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތުގެ ސަރުކާރަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޖުމްހުރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މި ސިޓީގެ ކޮޕީއަކަށާއި އެކުގައި ފޮނުވި ކަމަށް އެމަނިކުފާނު ވިދާޅުވި ލިޔެކިޔުންތަކުގެ ކޮޕީތަކަށް މި ނޫހުން ވާނީ އެދުނު ނަމަވެސް ސަރުކާރުން ވަނީ އެ ސިޓީ އާއި އެކުގައި ފޮނުވި ލިޔުންތައް ސިއްރުކޮށްފަ އެވެ. އެ ނިންމުން މިހާރު ވާނީ މުރާޖައާކުރުމަށް ފޮނުވާފަ އެވެ.