Advertisement

ސަޕޯޓަރުން ދޭ ހިތްވަރާ އެކު ރަނގަޅު ނަތީޖާ ނެރެވިދާނެ: ސަމުއްޓެ

14 އޮކްޓޯބަރު 2025 - 08:25 0

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސަމުއްޓެ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް


ސަޕޯޓަރުން ދޭ ހިތްވަރާ އެކު ރަނގަޅު ނަތީޖާ ނެރެވިދާނެ: ސަމުއްޓެ

14 އޮކްޓޯބަރު 2025 - 08:25 0

އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ތަޖިކިސްތާނާ ދެކޮޅަށް ކުޅޭ މެޗުގައި ދިވެހި ސަޕޯޓަރުން ގައުމީ ޓީމަށް ދޭ ހިތްވަރާ އެކު، ނަތީޖާއެއް ނެރުމަށް މަަސައްކަތް ކުރާނެ ކަމަށް ގައުމީ ޓީމުގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ) ބުނެފި އެެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ހަވީރު، 15:30 ގައި، ގަލޮޅު ދަނޑުގައި ތަޖިކިސްތާނާ ދެކޮޅަށް ގައުމީ ޓީމުން ކުޅޭ މެޗަކީ، 733 ދުވަސް ފަހުން، ގަލޮޅު ދަނޑުގައި ގައުމީ ޓީމުން ކުޅޭ ފުރަަތަމަ މެޗެވެ. އެންމެ ފަހުން ގަލޮޅު ދަނޑުގައި ކުޅެފައިވަނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު، ވޯލްޑް ކަޕް ކޮލިފައިން ޕްރިލިމިނަރީ ބުރުގައި، ބަންގްލަދޭޝާ ދެކޮޅަށެވެ.

"އަސްލު ވަރަށް ގިނަ ދުވަސްފަހުން ގަލޮޅު ދަނޑުގައި މެޗެއް މި ކުޅެނީ، އަންނާނެ އެ ކަހަލަ އުނދަގޫތައް. އެކަަަމަަކު، ހުރިހާ ކުޅުންތެރިންގެ ފޯކަސް މި ގަޑީގައި މި ހުރީ ހަމަ، މި މެޗުން ޕޮއިންޓެއް ހޯދަން ނޫނީ މޮޅުވާން،" އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަމުއްޓެ ބުންޏެވެ.

"ސަޕޯޓަރުންނަށް ދަންނަވާނީ ދަނޑަށް ހާޒިރުވެ ސަޕޯޓްކޮށްދޭށޭ ޓީމަށް، އިރާދަކުރެއްވިއްޔާ ރަނގަޅު ނަތީޖާއެއް ނެރެވޭތޯ، ހުރިހާ ޕްލޭޔަރުން ވެސް މަސައްކަތް ކުރާނެއޭ،"

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ދެ އަހަރެއްހާ ދުވަހު ނުކުޅެ، މަޑުޖެހިފައި އޮތުމުގެ އަސަރު ގައުމީ ޓީމަަށް ވަރަށް ބޮޑަށް ކުރި އެވެ. އެ ގޮތުން، މިދިޔަ އަހަރު ގައުމީ ޓީމު ވަނީ ޖެހިޖެހިގެން ފަސް މެޗުން ބަލިވެފަ އެވެ. އަދި، އެ އަށް ނިމުން އައީ މިދިޔަ މަހު ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު ސައުތު އޭޝިއަން ސުޕަ ކަޕްގަ އެވެ. ލަންކާ އަތުން ސުޕަ ކަޕް އެއް މެޗުން މޮޅުވިއިރު، އަނެއް މެޗު ވީ އެއްވަރެވެ.

އޭގެ ފަހުން، މިދިޔަ ބުރާސްފަތި ދުވަހު ގައުމީ ޓީމުން ތަޖިކިސްތާނާ ދެކޮޅަށް އެ ގައުމުގައި ކުޅެ، 2-0 އިން ބަލިވި އެވެ. އެ މެޗުގައި ވެސް ޖުމްލަކޮށް ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދެއްކިއިރު، ސަމުއްޓެ ވަނީ މަޑުމަޑުން ޓީމުގެ ކަންކަން ރަނގަޅުވަމުން އަންނަ ކަމަށް ބުނެފަ އެވެ.

"ވަރަށް ބޮޑު ޕޮޒިޓިވްއެއް، ޕްލޭޔަރުންގެ ކޮންފިޑެންސާ އެއްޗެހި ރަނގަޅުވީމަ، ބޯޅަ ހިފަހައްޓައިގެން ކުޅެލަން މަަސައްކަތް ކުރަނީ، އޭތި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާގައި ރަނގަޅުވާނެ،" މެޗުތައް ކުޅެމުން އަންނަ ވަރަކަށް ޓީމަށް ލިބޭ ކުރިއެރުން ފާހަގަކޮށް ސަމުއްޓެ ބުންޏެވެ.

ރާއްޖޭގެ ފުޓްބޯޅަ ތާރީހަށް ބަލާއިރު، ގައުމީ ޓީމުން އެންމެ ރަނގަޅު ނަތީޖާ ނެރެފައި ހުރީ ގަލޮޅު ދަނޑުގައި ކުޅެފައިވާ މެޗުތަކުންނެވެ. މިހާރު އޮތް ގައުމީ ސްކޮޑާ މެދު ވެސް އެ ފަދަ ނަތީޖާތަކެއް ނެރުމަށް އުންމީދު ކުރެވޭނެ ކަމަށް ސަމުއްޓެ ގަބޫލުކުރެ އެވެ.

"މިހާރު މި އޮތް ސްކޮޑު ވެސް މިހާރު މި ދަނީ، ދުވަހަކަށް ވުރެން ދުވަހެއް ރަނގަޅުވަމުން. އިރާދަކުރެއްވިއްޔާ، އެ ކަހަލަ ނަތީޖާ، އިރާދަކުރެއްވިއްޔާ ފެންނާނެ ކުރިއަށް އޮތްތާގައި،" ސަމުއްޓެ ބުންޏެވެ.

ތަޖިކިސްތާނާއި ރާއްޖެ މިހާތަނަށް ބައްދަލުކުރި ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ތަޖިކިސްތާން މޮޅުވިއިރު، 2011 ވަނަ އަހަރު މާލޭގަައި ކުޅުނު މެޗުން މި ދެ ޓީމު ވަނީ އެއްވަރުވެފަ އެވެ.

އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް އޭގައި އެއް ވަނައިގައި އޮތް ފިލިޕީންސާއި ދެ ވަނައިގައި އޮތް ތަޖިކިސްތާނަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޓީމޯ ލެސްޓޭ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ރާއްޖެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބެ އެވެ.