13 އޮކްޓޯބަރު 2025 - 13:13 1
އަމަން ހަލީމް
މަނީ އެކްސްޗޭންޖު ލައިސަންސް ބޯޑެއް ހަރުކޮށްފައި ހުރި ވިޔަފާރިއެއް: މިކަހަލަ ބޯޑަކާއި ޑޮލަރު ވިއްކާ ރޭޓުތައް ފެންނަން ހުރުން ލާޒިމު --- ފޮޓޯ: އަދަދު
13 އޮކްޓޯބަރު 2025 - 13:13 1
މަނީ ޗޭންޖިން ވިޔަފާރިތަކުގެ ބާވަތްތައް ކަނޑައަޅާ ގޮތަށް ބަދަލުތަކެއް ގެނެސް، ލައިސަންސް ނަގަން ދައްކަން ޖެހޭ އެޕްލިކޭޝަން ފީގެ އަގާއި އަހަރީ ފީގެ އަގު ބޮޑުކޮށް، މަނީ ޗޭންޖިން ވިޔަފާރިތަކުގެ ގަވާއިދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބަދަލުކޮށްފި އެވެ.
ހުސްވި ހަފުތާގެ ތެރޭގައި އެމްއެމްއޭއިން ގެޒެޓުކޮށްފައިވާ މަނީ ޗޭންޖިން ގަވާއިދުގައި، ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ލިބޭ ޓިއާ 1 ގެ ވިޔަފާރިތައް ވަނީ ދެ ކެޓެގަރީއަކަށް ގިންތިކޮށްފަ އެވެ.
"ކެޓެގަރީ އޭ" ގެ ދަށުން ރަޖިސްޓްރީ ކުރުމުުން އާންމުންނަށާއި ވިޔަފާރިތަކާއި އެހެން ވެސް ފަރާތްތަކުން ޑޮލަރު ގަނެވިއްކާ، ވިޔަފާރި ކުރެވޭނެ އެވެ. "ކެޓެގަރީ ބީ" ގެ ދަށުން ހުއްދަ ނަގައިގެން ޑޮލަރު ގަނެވިއްކުމުގެ ވިޔަފާރި ކުރެވެނީ އެހެން ވިޔަފާރިތަކާ އެކަންޏެވެ.
އެމްއެމްއޭއިން ވަނީ، ޑޮލަރު ވިއްކުމުގެ ވިޔަފާރި ކުރާ ދާއިމީ ތަންތަން ހުންނަން ޖެހޭ މިންގަނޑުތައް ވެސް ކަނޑައަޅާފަ އެވެ. އެ މިންގަނޑުތަކަކީ:
ޑޮލަރު ޗޭންޖިން ވިޔަފާރިތަކުގެ ގަވާއިދަށް ގެނައި ބަދަލުތަކުގެ ތެރެއިން، ޑޮލަރު ގަނެވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާން ބޭނުންވާ ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވެސް ވަނީ ހާއްސަ އުސޫލުތަކެއް ކަނޑައެޅިގެން ގޮސްފަ އެވެ.
މި އުސޫލުތަކުގެ ދަށުން ސަރުކާރު ކުންފުންޏަކުން ނޫނީ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ޓިއާ 1 ލައިސަންސް ނަގައިގެން ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތްތައް ހިންގެނީ އެކަމަށް ހާއްސަ ބޭންކު އެކައުންޓަކުންނެވެ. އަދި އެކަމަށް ހާއްސަކޮށްގެން، އެ ކުންފުންޏެއްގެ ވިޔަފާރި ހަރަކާތްތަކާ ވަކިން ބިޒްނަސް ޔުނިޓެއް ވެސް ގާއިމުކުރަން ޖެހެ އެވެ.
އެމްއެމްއޭއިން ވަނީ ޑޮލަރު ވިއްކަން ބޭނުންވާ ވިޔަފާރިތަކުން ހުށަހަޅަން ޖެހޭ މައުލޫމާތުގެ ތެރޭގައި ބިޒްނަސް ޕްލޭނެއް ހިމަނާފަ އެވެ. ކުރިން މި މާއްދާގައި އޮތީ ބޭރު ފައިސާ ހޯދާނެ ގޮތުގެ ތަފުސީލުތައް ހިމެނޭ ގޮތަށް، ވިޔަފާރި ކުރާނެ ގޮތް ހުށަހެޅުމަށެވެ. މިހާރު އޮތް ގޮތުން، ފައިސާ ހޯދާނެ ގޮތާއި މުވައްޒަފުނާއި އިންޓާނަލް ކޮންޓްރޯލްތައް ހިމެނޭ އޮޕަރޭޝަން ޕްލޭނު، މި ބިޒްނަސް ޕްލޭނުގައި ހިމަނަން ޖެހެ އެވެ.
ޑޮލަރު ގަވާއިދަށް ގެނައި ބަދަލުގެ ދަށުން ކެޓެގަރީ ބީ ގެ ވިޔަފާރިތަކަށް، ޑޮލަރު ވިއްކުމުގެ އެއްވެސް މުއާމަލާތެއް ކުރެވޭނީ ބޭންކު މެދުވެރިކޮށް އެކަންޏެވެ. މި ހުއްދަ ނަގައިގެން ނަގުދު ފައިސާއިން އެއްވެސް މުއާމަލާތެއް ނުކުރެވޭނެ އެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި މި އިސްލާހުގެ މަގުސަދަކީ ލައިސަންސް ދޫކުރުމުގައި ހުރި ގޮންޖެހުންތައް ލުއިކޮށް، ގަވާއިދު ތަންފީޒުކުރުން ހަރުދަނާކޮށް، އަދި މަނީ ޗޭންޖިން ލައިސަންސް ލިބިފައިވާ ފަރާތްތަކަށް ވިޔަފާރިކުރުން ފަސޭހަކޮށްދިނުމެވެ.
Comment