Advertisement

މާފުށިން ސަރުކާރަށް: ނޮވެމްބަރު 17، މުޒާހަރާއަށް މާފުށީ ރައްޔިތުން މާލެ އަރާނެ

12 އޮކްޓޯބަރު 2025 - 10:24 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އޮކްޓޯބަރު 3، ގެ މުޒާހަރާ ފެށުމުގެ ކުރިން އެތައް ހާސް ރައްޔިތުންނެއް އާޓިފިޝަލް ބީޗަށް ޖަމާވެފައި ---- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


މާފުށިން ސަރުކާރަށް: ނޮވެމްބަރު 17، މުޒާހަރާއަށް މާފުށީ ރައްޔިތުން މާލެ އަރާނެ

12 އޮކްޓޯބަރު 2025 - 10:24 0

އިދިކޮޅު އެމްޑީޕީން ނޮވެމްބަރު 17، ގައި ބާއްވަން ނިންމާފައިވާ މުޒާހަރާއަށް މާފުށީ ރައްޔިތުން ފެރީތަކުގައި މާލެ އަރާނެ ކަމަށް އެ ރަށުން ބުނެފި އެވެ.

އޮކްޓޯބަރު 3 ގައި މާލޭގައި ބޭއްވި މުޒާހަރާއިން، މާފުށި ކައުންސިލްގެ ރައީސް ހަސަން ސޮލާހު ހައްޔަރުކޮށްފައި ވާތީ އެ ރަށުގައި އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި އާންމުންގެ މީހަކު ބުނީ އޭނާ އޮކްޓޯބަރު 3، ގެ މުޒާހަރާއަށް ވެސް ދިޔަ ކަމަށެވެ.

އޭނާ ބުނި ގޮތުގައި އޮކްޓޯބަރު 3 ގެ މުޒާހަރާގައި ބައިވެރިވީ އެރަށުން އަލަށް ހިއްކި ރަށުގެ ފެނާއި ނަރުދަމާ ނުނިމޭތީ ކަމަށެވެ.

"މުއިއްޒު ކޮން ކަމެއްތޯ ކޮށްދިނީ. ހަމަ އެހެން ވެގެންނޭ މުޒާހަރާއަށް ދިޔައީ. އަދިވެސް ދާނަމޭ. ދެން ދާނީ މާފުށި ފެރީގަ. މާފުށީ ރައްޔިތުން ގޮވައިގެންނޭ،" އާދިލް ނަމަކަށް ކިޔާ އެ މީހާ މިރޭ ބުންޏެވެ.

ރައީސް މުހައްމަދު މުއިއްޒު އަށް މާފުށި ނުހުއްޓުވޭނެ ކަމަށާއި، އެމަނިކުފާނަށް މުސާރަ ދެނީ މާފުށިން ދައްކާ ޓެކްސް ފައިސާއިން ކަމަށް ވެސް ސޮލާހު އާއެކު އޮކްޓޯބަރު 3، ގެ މުޒާހަރާގެ ކުރީ ސަފުގައި ހުރި އާދިލް ބުންޏެވެ.

މާފުށީ ރައްޔިތުން ސަރުކާރާއި ދެކޮޅަށް މާލެ އަރާނެ ކަމަށް އެ ރަށުން ބުނެފައިވާއިރު، މުޒާހަރާއިން ހައްޔަރުކުރި ސޮލާހު ހައްޔަރުކުރިފަހުން އިނގިލި ބިންދާލާފައިވާ ކަމަށް އޭނާގެ ލޯޔަރު މުސްތަފާ ހަމީދު ވަނީ ވިދާޅުވެފަ އެވެ. އެކަމުގެ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.

މާފުށީގެ އިތުރުން އޮކްޓޯބަރު 3، ގެ މުޒާހަރާއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ހާހެއްހާ މީހުން މާލެ އެރި ކަމަށް އެމްޑީޕީން ބުންޏެވެ. އަންނަ މަހުގެ މުޒާހަރާއަށް އެޔަށްވުރެ ގިނަ މީހުން އަންނާނެ ކަމަށް އެ ޕާޓީން ދަނީ ބުނަމުންވެެ.

އެމްޑީޕީން ދެން މުޒާހަރާކުރަން ރާވާ ނޮވެމްބަރު 17، ވަނަ ދުވަހަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރަށް ދެ އަހަރު ފުރޭ ދުވަހެވެ. އެ ރޭ މުޒާހަރާ ކުރާނީ އޭރަށް ވާއިރަށް އޮކްޓޯބަރު 3، ގައި ކުރި ޑިމާންޑުތައް ސަރުކާރުން ނުފުއްދާ ނަމަ އެވެ.

ރައީސް މުހައްމަދު މުއިއްޒުއަށް އެމްޑީޕީން އޮކްޓޯބަރު 3، ކުރި ޑިމާންޑުތައް:

  • ދައުލަތުގެ ބާރުތައް ހިސޯރުކޮށް ހައްގުތައް ނިގުޅައިގަތުމަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު އަނބުރާ އިޔާދަކުރުން.
  • ދިވެހިރާއްޖޭގެ މާލީ ސިޔާސަތު ފުނޑާލާ އެސްއޯއީތައް މެދުވެރިކޮށް ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައި ބަޖެޓު ލޫޓުވުން ހުއްޓުވައި، ޕްރައިވެޓް ސެކްޓާ ކުރިއެރުވުމަށް ހުރަސްއެޅުން ހުއްޓާލާ، ކުރިއަށް އޮތް ފަސް ހަފްތާ ތެރޭގައި ކުންފުނިތަކަށް ދޭން ޖެހޭ ފައިސާދީ ނިންމުން.
  • ފައްކާވަމުން އައި ލާމަރުކަޒީ ނިޒާމު އިހު އޮތް ގޮތަށް އިޔާދަކޮށް، ބާރުވެރިކަން ރަށްރަށުން ނިގުޅައިގަތުން ހުއްޓުވާލުން.
  • ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާ ކޮންޓްރޯލްކުރާ ގާނޫނު އުވާލުން.
  • އާސަންދަ އާއި ބޭސްފަރުވާ، ރައްކަތެރި ބޭސް 17 ނޮވެމްބަރު 2023 ގައި ހަމައަށް ދިވެހިންނަށް ލިބެން އައި މިންވަރަށް މިހިނދުން މިހިނދަށް ލިބިދިނުން.

އެމްޑީޕީގެ ބޮޑު ފުރަތަމަ މުޒާހަރާއަށްފަހު ދެވަނަ މުޒާހަރާ އިއުލާން ކުރުމާއެކު މުއިއްޒުގެ ސަރުކާރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މެދުވެެރިކޮށް ސިޔާސީ ފަރާތްތަކަށް ބިރު ދެއްކުމަށް ޗިޓު ފޮނުވަން ފަށާފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.

އެގޮތުން ކުރީގެ އިކޮނޮމިކް މިނިސްޓަރު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ އަށް ވަނީ އޭސީސީން ހިންގާ ތަހުގީގަށް ހާޒިރުވާން ޗިޓު ފޮނުވާފަ އެވެ.