Advertisement

ގެދޮރުވެރިޔާ ފުލެޓުތައް ކުއްޔަށް ދޭނަމަ އަތުލާނެ ކަމުގެ އިންޒާރު ސަރުކާރުން ދީފި

11 އޮކްޓޯބަރު 2025 - 17:49 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް: ގެދޮރުވެރިޔާ ފުލެޓުތައް ކުއްޔަށް ދޭނަމަ އަތުލާނެ ކަމުގެ އިންޒާރު އެ ކުންފުނިން ވަނީ ދީފަ ---- ފޮޓޯ: އަދަދު


ގެދޮރުވެރިޔާ ފުލެޓުތައް ކުއްޔަށް ދޭނަމަ އަތުލާނެ ކަމުގެ އިންޒާރު ސަރުކާރުން ދީފި

11 އޮކްޓޯބަރު 2025 - 17:49 1

މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުލެޓުތައް އިތުރު ފަރާތަކަށް ކުއްޔަށް ދޭނަމަ އެތަން އަތުލާނެކަމުގެ އިންޒާރު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ދީފި އެވެ.

އެ ކުންފުނިން މިފަދަ އިންޒާރެއް ދީ ބަޔާނެއް ނެރެފައި މިވަނީ ގެދޮރުވެރިޔާ ފުލެޓުތައް ހަވާލުކުރަން ފެށުމާއެކު ބައެއް ފުލެޓުތައް ބޮޑު އަގުގައި ކުއްޔަށް ދޭން އިޝްތިހާރު ކުރަމުން ދަނިކޮށެވެ. އެގޮތުން، ގެދޮރުވެރިޔާ ފުލެޓެއް މަހަކު 25،000ރ. އަށް ކުއްޔަށް ދޭން ފޮޓޯ އާއެކު ޖަހާފައިވާ އިޝްތިހާރެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެފްޑީސީ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޭ ފުލެޓުތައް ކުއްޔަށް ދިނުމަކީ އެ ފުލެޓުތައް ލިބޭ ފަރާތްތަކާއެކު އެ ކުންފުނިން ހަދާ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ. ފްލެޓު ކުއްޔަށް ދޫކުރާ ނަމަ ފުލެޓު އަތުލުމުގެ ބާރު އެފްޑީސީ އަށް އޮންނާނެ އެވެ.

މިކަމާ ގުޅިގެން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވެސް ސޯޝަލް މީޑިއާގައި ވަނީ ޕޯސްޓެއް ކުރައްވާފަ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ މި ފްލެޓުތަކަކީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަން ދީގެން ދޫކުރާ ފްލެޓްތަކެއް ކަމަށެވެ.

"އެއްބަސްވުމާ ހިލާފަށް ފުލެޓު ކުއްޔަށް ދޭ ނަމަ، ފުލެޓު ކުއްޔަށް ދޭ ފަރާތްތައް ހޯދާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެ ފަރާތްތަކާއި އެކު ހެދިފައިވާ އެއްބަސްވުން ބާތިލްކޮށް ފުލެޓު އަތުލެވޭނެ ވާހަކަ ދަންނަވަން،" ހަމްދާން ލިޔުއްވާފައިވެ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4000 މީހުންނަށް ފްލެޓު ލިބެ އެވެ. އޭގެތެރޭގައި ހިމެނެނީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ ފުލެޓު ތަކެވެ.

ދެ ކޮޓަރީގެ ފްލެޓަކަށް މަހު ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 7000ރ. އެވެ. މެއިންޓެނެންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ މަހަކު 1000ރ. އެވެ. ތިން ކޮޓަރީގެ ފްލެޓަކަށް މަހު ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 9000ރ. އެވެ. މެއިންޓެނެންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ 1500ރ. އެވެ.

އެއީ ކޮންމެ މަހެއްގެ ވެސް 10 ގެ ކުރިން ކުލި ދައްކާ ފަރާތްތަކުން ދައްކަންޖެހޭ އަދަދެވެ. 10 އަށްވުރެ ފަހުން ކުލި ދައްކާ ނަމަ އެއަށްވުރެ ކުލި ބޮޑުވާނެ ކަމަށް އެފްޑީސީން ވަނީ ބުނެފަ އެވެ.

ގެދޮރުވެރިޔާގެ ދެ ކޮޓަރީގެ ފްލެޓަކަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15000ރ. ދައްކަންޖެހޭއިރު، ތިން ކޮޓަރީގެ އެޕާޓުމެންޓަކަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ޖެހެނީ 25000ރ. އެވެ.