9 އޮކްޓޯބަރު 2025 - 20:52 0
އަމަން ހަލީމް
ބީއެމްއެލްގެ މައި އޮފީސް އިމާރާތް: ހިޔާވެހި ސްކީމުގައި އެހެން ދެ މާލީ އިދާރާއަކުން ބައިވެރިވޭ --- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު
9 އޮކްޓޯބަރު 2025 - 20:52 0
ހެޔޮ އަގުގައި ގެދޮރު އިމާރާތް ކުރުމަށް ފަހިކޮށްދިނުމުގެ މަގުސަދުގައި ސަރުކާރުން ތައާރަފުކޮށްފައިވާ ހިޔާވެހި ސްކީމްގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ހުށަހަޅާފައިވާ ޕްރޮޖެކްޓުތައް އެޕްރޫވް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ހިޔާވެހި ސްކީމަކީ ސަރުކާރުން ސަބްސިޑީ ދީގެން ހިންގާ ސްކީމެކެވެ. އިސްލާމީ ހަމަތަކާ އެއް ގޮތަށް ހިންގާ މި ސްކީމުގެ ދަށުން ފަސް ޕަސެންޓު ރޭޓުގަ އެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި އެ ބޭންކުން ދަނީ މިހާރު ވެސް 1400 އަށް ވުރެ ގިނަ އެޕްލިކޭޝަން ބަލައި ފްރޮސެސް ކުރަމުންނެވެ. އަދި ފައިނޭންސިންއަށް ހުށަހަޅާފައިވާ މީހުންނަށް، ގެދޮރުވެރިން ޕޯޓަލްއަށް ވަދެ ފޯމުގެ ސްޓޭޓަސް ބަލައިލެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
މީގެ ކުރިން ބޭންކުން ވަނީ މި ކަމަށް ހުށަހެޅި މީހުންގެ ފައިނޭންޝަލް އެލިޖިބިލިޓީ ވަޒަންކުރުމަށް ފަހު، ބަޔެއްގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފަ އެވެ. މި ގޮތަށް ބާކީ ކުރަން ޖެހުނީ، ގެދޮރު އަޅަން ނަގާ ލޯނު އަނބުރާ ދެއްކޭނެ ކަމަށް ބޭންކުން ބަލައި މިންގަނޑަށް ނުފެތޭ މީހުންނެވެ.
ހިޔާވެހި ސްކީމުގައި ބީއެމްއެލްއިން ބައިވެރިވުން އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ސިފަކުރެއްވީ ގައުމީ ކަމެއްގެ ގޮތުގަ އެވެ.
"ބޭންކުގެ ކުރިއެރުމަކީ ގައުމުގެ ކުރިއެރުމާ ވަކިން އޮތް ކަމެއް ނޫން. ހަގީގީ މަންޒަރަކީ ބީއެމްއެލްގެ ދުޅަހެޔޮކަމާއި ކުރިއެރުން ގުޅިފައިވަނީ ދިވެހި އިގްތިސާދާކަން،" ބޭންކުން މި ސްކީމުގައި ބައިވެރިވާން ނިންމި ސަބަބު ހާމަކުރަައްވަމުން އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްއިން ވަނީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ބޭންކުން ފައިނޭންސިން ދޫކުރާ މީހުންނާ އެކަމުގެ ލިޔުން ހަވާލުކުރަން ފަށާފަ އެވެ.
ބީއެމްއެލްގެ އިތުރުން މި ސްކީމުގެ ދަށުން ފައިނޭންސިން ދޫކުރަނީ މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިންނެވެ. މި ހުރިހާ ތަނަކުން ވެސް ފައިނޭންސިން ދެނީ އެއް ރޭޓެއްގައި، އެއް ޝަރުތުތަކެއްގެ ދަށުންނެވެ.
ހިޔާވެހި ފައިނޭންސިން ސްކީމުގެ ދަށުން ދޫކުރާ އަދަދު ކަނޑައަޅާފައި ވަނީ މީހުން ދިރިއުޅޭ ރަށްތަށް ތިން ގިންތިއަކަށް ބަހާލައިގެންނެވެ.
މާލެ ސަރަހައްދަށް ހިންގާ "ހިޔާވެހި މާލެ" އިން ހަ މިލިއަން ރުފިޔާއާ ހަމައަށް ލިބެ އެވެ. އާބާދީ ބޮޑު ރަށްތަކާއި އާބަން ސެންޓަރުތަކަށް ހާއްސަ "ހިޔާވެހި ސަހަރު" އަށް ދޫކުރަނީ ތިން މިލިއަން ރުފިޔާ އެވެ. އެ ނޫން ރަށްތަކަށް އޮންނަ ހިޔާވެހި ރަށްވެހި" އަށް ދޫކުރަނީ އެއް މިލިއަން ރުފިޔާ އެވެ.
ދޫކުރާ އަދަދު ތަފާތު ވިޔަސް، ހުރިހާ ސްކީމެއްގެ އެހެން ހުރިހާ ކަމެއް އެއް ގޮތެވެ. އެ ގޮތުން ނަގާ އަދަދު އަނބުރާ ދައްކާ މުއްދަތު، 18 މަަހުގެ ގްރޭސް ޕީރިއަޑްއެއް ހިމަނައިގެން، 25 އަހަރަށް ބަހާލެވެ އެވެ. އަދި އިމާރާތްކުރާ ތަން ފިޔަވައި އިތުރު ރަހުނެއް ބަހައްޓާކަށް ނުޖެހެ އެވެ.
ބީއެމްއެލްއިން ބުނީ އިކުއިޓީގެ ގޮތުގައި ހަމަޖައްސަން ޖެހޭ 20 ޕަސެންޓު ކަސްޓަމަރަށް ނުވަތަ ސަރުކާރު މެދުވެރިކޮށް ވެސް ހަމަޖެއްސިދާނެ ކަމަށެވެ.
ހިޔާވެހި ފައިނޭންސިންގެ ދަށުން ލިބިފައިވާ ފޯމުތައް އެޕްރޫވްކުރުމުގެ މަސައްކަތް ފެށިއިރު، މިއީ މީގެ ދެ މަހެއް ވަރު ކުރިން ދޫކުރަން ފަށާނެ ކަމަށް ބުނި ލޯނުތަކެކެވެ. މިއީ މި އަހަރަށް ބަޖެޓު ކުރި ޕްރޮގްރާމެއް ނަމަވެސް، މި އަހަރުގެ ތެރޭގައި މި ސްކީމުން ލިބޭ ފައިސާއެއް ބޭނުންކޮށްގެން ގެދޮރު އެޅުމުގެ މަސައްކަތް ފެށުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.
އެންމެ ލޯނެއް ދޫނުކުރެވުނު ނަމަވެސް، ރައީސް މުހައްމަދު މުއިއްޒު ވަނީ ހިޔާވެހި ސަހަރު ސްކީމު ހުރިހާ ރަށަކަށް ފުޅާކުރަން ނިންމާފައިވާ ކަން މި ފަހުން އިއުލާންކުރައްވާފަ އެވެ. މިއާ އެކީ ކުރިން 29 ރަށަކަށް ލިބޭ ގޮތަށް އޮތް ތިން މިލިއަން ރުފިޔާގެ ފައިނޭންސިން ހޯދަން، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މި ސްކީމް ފުޅާކުރެވިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment